ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރު, މުހައްމަދު ރަޝީދު (ހޮކޭ) ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިޔެއްގެ ގޮތުގައި ރިޓަޔާކުރުމަށްފަހު، ސުޕާ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ޓެކްނިކަލް ސްޓާފުންގެ ޓީމާ ގުޅޭކަން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނި ސަސްގެ ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ)އެވެ. ސޯޝަލް މީޑިއާގައި މަހްފޫޒު ކުރި ޕޯސްޓެއްގައި އޭނާ ބުނެފައިވަނީ ފުޓުބޯޅަ ކުޅުން ހުއްޓާލުމަށްފަހު ހޮކޭ ދެން ފެންނާނީ ސަސްގެ ޓެކްނިކަލް ސްޓާފެއްގެ ގޮތުގައިކަމަށާއި، އެ ކްލަބަށް ހޮކޭ އަށް މަރުހަބާ ކިޔާކަމަށެވެ.
ފުޓުބޯޅަ ކުޅުން ހުއްޓާލިކަން ހޮކޭ އިއުލާންކޮށްފައިވާއިރު، މިއަދު އޭނާގެ އުފަން ރަށް، އަލިފުށީގައި އޮތް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗަށްފަހު ހޮކޭގެ އަގު ވަޒަންކުރުމުގެ ގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ވަނީ އޭނާއަށް ޚާއްސަ އެވޯޑެއްވެސް ދީފައެވެ. އޭނާއަށް އެވޯޑު ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.
ހޮކޭ ވަނީ އޭނާގެ ކްލަބު ކެރިއަރުގައި ރާއްޖޭގެ ނަން މަޝްހޫރު އެންމެ މޮޅު ކުލަބުތަކަށް ކުޅެފައެވެ. އެގޮތުން 2011 ވަނަ އަހަރު އޭނާ ވަނީ ވިކްޓްރީ ސްޕޯޓްސް ކުލަބަށް ކުޅެފައެވެ. އޭގެ ފަހުން އޭނާ ވަނީ ފުޓުބޯޅައިގެ އެތައް ކާމިޔާބެއް ހޯދާފައިވާ ކުލަބެއް ކަމަށްވާ ވެލެންސިއާގެ އިތުރުން މާޒިޔާ ސްޕޯޓްސް ކުލަބަށް ވެސް ކުޅެފައެވެ. ހޮކޭ ވަނީ 2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށް ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް، ނިއު ރޭޑިއަންޓަށް ކުޅެ ރާއްޖޭގެ ފުޓުބޯޅައިގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައެވެ.
ޑިފެންސިން މިޑްފީލްޑަރަކަށް ވެސް ކުޅޭ ހޮކޭ ނިއުރޭޑިއެންޓަށް ކުޅުމަށްފަހު 2019 ވަނަ އަހަރު ކުޅުނީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބަށެވެ. އޭގެ ފަހުން މިދިޔަ ސީޒަނުގައި ހޮކޭ ވަނީ ސަސްއަށް ބަދަލުވެފައެވެ.
ގައުމީ އެކި މުބާރާތްތަކުގައި ގައުމު ތަމްސީލުކުރި ހޮކޭ ގައުމީ ޓީމަށް ވަނީ 33 މެޗު ކުޅެދިނެވެ. އެ ގޮތުން 2014 ވަނަ އަހަރު އޭއެފްސީ ޗެލެންޖު ކަޕްގައި ބްރޯންޒް މެޑަލް ހޯދި ޓީމުގެ އެއް އާރުކާޓީއަކީ ވެސް ހަމަ އޭނާއެވެ. އަދި 2012 ވަނަ އަހަރުގެ އެ މުބާރާތުގައި ނޭޕާލް ބަލިކުރަން ޖެހި ހަމައެކަނި ގޯލު ޖެހީ ވެސް ހޮކޭއެވެކ.