ލަންޑަން (23 ޖަނަވަރީ 2022): އިނގިރޭސި ރަސްކަމުގެ އިއްތިހާދުން ވަކިވެ މިނިވަންކަން އިއުލާން ކުރަން ބޭނުންވާ ސްކޮޓްލެންޑްގެ ރައްޔިތުންގެ އަދަދު އިތުރުވަމުންދާކަން އެކަމާ ބެހޭގޮތުންކުރި އައު ސާވޭއަކުން ހާމަވެއްޖެއެވެ.
"ސެވަންޓާ ކޮމްރެސް ފަންޑް" ނަމަކަށް ކިޔާ ކުންފުންޏަކުން ކުރި އާންމު ޚިޔާލު ހޯދުމުގެ ސާވޭއަކުން ހާމަވާގޮތުގައި އިނގިރޭސި ރަސްކަމުގެ އިއްތިހާދުން ވަކިވެ މިނިވަންކަން އިއުލާންކުރަން ސްކޮޓްލޭންޑުގެ ރައްޔިތުންގެ ތެރެއިން 46 ޕަސެންޓު މީހުން މިހާރު ބޭނުންވެއެވެ. އަދި އިނގިރޭސި ރަސްކަމުގެ އިއްތިހާދުގެ ބައެއްގެ ގޮތުގައި މިނިވަންނުވެ އޮތުމަށްވެސް ސްކޮޓްލޭންޑުގެ 46 ޕަސެންޓު މީހުން ބޭނުންވެއެވެ. މިކަމާމެދު ވަކިގޮތެއް ނިންމާފައިނުވާ މީހުންގެ ނިސްބަތަކީ އަށް ޕަސެންޓެވެ.
ސްކޮޓްލޭންޑްގެ މިނިވަންކަމާ ބެހޭ ގޮތުން 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެގައުމުގައި ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަށް ބަލާއިރު އިނގިރޭސި ރަސްކަމުގެ އިއްތިހާދުގައި ސްކޮޓްލެންޑް އޮތުމަށް އެދުވަސްވަރު އަޣްލިބިއްޔަތު ލިބިފައިވީނަމަވެސް އެއީ ވަރަށް ހަނި އަޣްލަބިއްޔަތެކެވެ. އޭގެ ހައެއްކަ އަހަރުފަހުން އިތުރު ވޯޓެއް ނަގައިފިނަމަ އިނގިރޭސި އިއްތިހާދުން ސްކޮޓްލެންޑް ވަކިވުމަށް އަޣްލަބިއްޔަތު ލިބުމަކީ ވަރަށް ގާތް ކަމެއްކަމަށް ސްކޮޓްލެންޑްގެ ބޮޑުވަޒީރު (ފަސްޓް މިނިސްޓަރު) ނިކޮލާ ސްޓާޖިން އެދުވަސްވަރު ވިދާޅުވެފައިވެއެވެ.
ދެހާސް ސާދަ ވަނަ އަހަރު ނެގި ފެންނަ ނުފެންނަ ވޯޓުގައި ސްކޮޓްލެންޑްގެ ރައްޔިތުންގެ 55 ޕަސެންޓް މީހުން ވޯޓު ދީފައިވަނީ އިނގިރޭސި ރަސްކަމުގެ އިއްތިހާދުން ސްކޮޓްލެންޑް ވަކިނުވުމަށެވެ. ނަމަވެސް މިހާރު އިނގިރޭސި ރަސްކަމުގެ އިއްތިހާދުން ސްކޮޓްލެންޑް މިނިވަންވެ މުސްތަގިއްލު ދައުލަތެއް އިއުލާން ކުރަން ބޭނުންވާ މީހުންނާއި އިނގިރޭސި ރަސްކަމުގެ އިއްތިހާދުގައި މިނިވަންނުވެ އޮތުމަށް ތާއީދުކުރާ މީހުންގެ ނިސްބަތް މިވަނީ ދާދި އެއްވަރުވެފައެވެ.
ސާވޭތަކުން ސާފުވެފައިވާ ގޮތުގައި އިނގިރޭސި ރަސްކަމުގެ އިއްތިހާދުގެ ދަށުގައި އޮތުމަށް ބޭނުންވާ ސްކޮޓްލޭންޑުގެ ރައްޔިތުންގެ ނިސްބަތް ފާއިތުވި ހައެއްކަ އަހަރުތެރޭގައިވަނީ ދެ ޕަސެންޓަށް ދަށްވެފައެވެ. އަދި މިނިވަންކަން އިއުލާން ކުރަންބޭނުންވާ މީހުންގެ ނިސްބަތްވަނީ ދެ ޕަސެންޓަށް އިތުރުވެފައެވެ.
ދިރާސާ ރިޕޯޓްތައް ބުނާގޮތުން ދިގުމުއްދަތަކަށް އިނގިރޭސި ރަސްކަމުގެ އިއްތިހާދުގައި ސްކޮޓްލެންޑް މާދިގުމުއްދަތަކަށް ދެން ނޯންނާނެއެވެ. އެއީ މުސްތަގިއްލު ގައުމެއްގެ ގޮތުގައި ސްކޮޓްލެންޑް ބައިނަލްއަގްވާމީ މުޖްތަމައަށް ނުކުތުމުގެ ފިކުރު ސްކޮޓިޝް ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް ފެތުރެމުންދާތީއެވެ.
ދެހާސް ފަންސަވީސް ވަނަ އަހަރުގެ ކުރިން އިނގިރޭސި ރަސްކަމުގެ އިއްތިހާދުން ސްކޮޓްލެންޑް ވަކިވެ މުސްތަގިއްލު ގައުމެއްގެ ގޮތުގައި ސްކޮޓްލެންޑަށް މިނިވަންކަމާއި ސިޔާދަތު ލިބިގެންދާނެކަމަށް އެގައުމުގެ ބޮޑުވަޒީރު (ފަސްޓް މިނިސްޓަރު) ނިކޮލާ ސްޓާޖިން ވަނީ ވިދާޅުވެފައެވެ.
އިނގިރޭސި ރަސްކަމުގެ އިއްތިހާދުގައި ހިމެނޭ ހަތަރު ގައުމަކީ އިންގްލެންޑް، ސްކޮޓްލެންޑް، ވޭލްސް އަދި ނޮދަން އަޔަލެންޑް އެވެ. މީގެތެރެއިން ސްކޮޓްލެންޑްގެ އާބާދީއަކީ ގާތްގަނޑަކަށް ހަ މިލިއަން މީހުންނެވެ. ސްކޮޓްލެންޑްގެ ގައުމީ އާމްދަނީ އަކީ ގާތްގަނޑަކަށް އަހަރަކު 166 ބިލިޔަން ޑޮލަރެވެ. އެގައުމުގެ ބިމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 78 އަކަ ކިލޯމީޓަރެވެ.
އިނގިރޭސި ރަސްކަމުގެ އިއްތިހާދުގައި ހިމެނޭ ހަތަރު ގައުމުގެ ތެރެއިން އެންމެ ބޮޑު ގައުމަކީ އިންގްލެންޑެވެ. އިންގްލެންޑްގެ އާބާދީ 56 މިލިއަނަށް އަރާއިރު ގައުމީ އާމްދަނީވެސް 2.2 ޓްރިލިއަން ޑޮލަރަށް އަރައެވެ.
ނަމަވެސް އިނގިރޭސި ރަސްކަމުގެ އިއްތިހާދުން ސްކޮޓްލެންޑް ވަކިވެއްޖެނަމަ އިނގިރޭސި ރަސްކަމުގެ އިއްތިހާދު އެއްކޮށް ރޫޅިގެން ދިޔުމުގެ ފުރުސަތުވެސް ބޮޑެވެ. މި އިއްތިހާދު ރޫޅިގެން ހިނގައްޖެނަމަ އިންގްލެންޑް ވަރަށް ބޮޑަށް ބަލިކަށިވެ އިންގްލެންޑްގެ އިގްތިސާދީ، މާލީ އަދި ސިޔާސީ ބުރަދަން އިޓަލީއަށް ވުރެވެސް ދަށަށްގޮސް ޔޫރަޕްގައި ފަސް ވަނަ ގައުމުގެ ދަރަޖައަށް އިންގްލެންޑް ވެއްޓިގެންދާނެއެވެ.
މިއާއެކު ދުނިޔޭގެ ބޮޑު ފަސްބާރުގެ ތެރެއިން އެއްބާރުގެ ގޮތުގައި އޮތުމުގެ ފުރްސަތުވެސް އެގައުމަށް ގެއްލިގެންދާނެއެވެ. ސަބަބަކީ ދުނިޔޭގެ ބޮޑު ބާރަކަށް ވާވަރަށް ވުރެ އިގްތިސާދީ ގޮތުންނާއި އާބާދީގެ ގޮތުންނާއި އަސްކަރީ ގޮތުން އިންގްލެންޑް ބަލިކަށިވާނެތީއެވެ.
ސްކޮޓްލޭންޑްގެ ބޮޑުވަޒީރު (ފަސްޓް މިނިސްޓަރު) ނިކޮލާ ސްޓާޖިން ނިސްބަތްވެ ވަޑައިގަންނަވާ ސްކޮޓްލެންޑްގެ ގައުމީ ޕާޓީއަކީ އިނގިރޭސި ރަސްކަމުގެ އިއްތިހާދުން ސްކޮޓްލެންޑް ވަކިވުމަށް ގަދައަޅައި މަސައްކަތްކުރާ ގައުމީ ފިކުރުގެ ޕާޓީއެވެ.