ވިލާ ކޮލެޖު ސްޓޫޑެންޓް އެސޯސިއޭޝަންގެ އަތޮޅުތެރޭގެ ގޮފިތައް ފުރަތަމަ ފަހަރަށް އިފްތިތާހުކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު މިކަމަށް ޓަކައި ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފައިވަނީ ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރެވެ. ހަމައެހެންމެ ފެކަލްޓީތަކުގެ ޑީނުންނާއި ކެމްޕަސްތަކުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އަތޮޅުތެރޭގެ ވީސީއެސްއޭ ގޮފިތައް އިފްތިތާހުކޮށްފައިވަނީ ހިތަދޫ ކެމްޕަސް، ކުޅުދުއްފުށި ކެމްޕަސް، ނައިފަރު ކެމްޕަސް އަދި ލ.ގަމު ކެމްޕަހުގައެވެ.
ވިލާ ކޮލެޖުގެ ސްޓޫޑެންޓް އެސޯސިއޭޝަން (ވީސީއެސްއޭ)ގެ އަތޮޅުތެރޭގެ ގޮފިތައް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---
މި ރަސްމިއްޔާތުގައި ޑރ. އަޙްމަދު އަންވަރު ދެއްކެވި ވާހަކައިގައި ވަނީ ވިލާ ކޮލެޖް ސްޓޫޑަންޓް އެސޯސިއޭޝަނަކީ، އެކްސްޓްރާ ކަރިކިއުލަމް އެކްޓިވިޓީތައް ރާވައި ހިންގުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެސޯސިއޭޝަނެއް ކަން ފާހަގަކުރައްވައިފައެވެ. އަދި މިފަދަ ހަރަކާތްތަކުގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކުރުމަށް ވަނީ ގޮވައިލައްވައިފައެވެ.
"ކޮލެޖް/ ޔުނިވާސިޓީ އެއްގެ ތެރޭގައި، ކިޔެވުން ފުރިހަމަ ކުރުމާއެކު، އަމަލީ ގޮތުން ސްޓޫޑެންޓު އެސޯސިއޭޝަންގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮލެޖުން ލިބެން ޖެހޭ ހަގީގީ ތަޖުރިބާ ލިބިގެންދާނެ ކަމެއް،" އޭނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވަނީ ސްޓޫޑެންޓް ޔޫނިއަންގެ އަތޮޅުތެރޭގެ ގޮފިތަކުގެ އިސް މަގާމުތަކަށް ހޮވުނު ކުދިންގެ ނަންތައް ވެސް އިއުލާނުކޮށްފައެވެ.