ޗިލީގެ ކެބިނެޓުގައި އަންހެނުންގެ މެޖޯރިޓީ

ޗިލީގެ އިންތިޚާބީ ރައީސް ގޭބްރިއެލް ބޮރިކް އަންހެން މިނިސްޓަރަކާ ސަލާމް ކުރައްވަނީ: ފޮޓޯ - ރޮއިޓާސް

ދެކުނު އެމެރިކާ ބައްރުގެ ގައުމެއް ކަމަށްވާ ޗިލީގެ އައު ސަރުކާރުގެ ކެބިނެޓުގެ މެޖޯރިޓީ އަންހެނުންނަށް ދީފިއެވެ.

ޗިލީ ސަރުކާރުގެ އައު ކެބިނެޓުގައި 24 މިނިސްޓަރުން ތިއްބަވާއިރު، 14 މިނިސްޓަރުންނަކީ އަންހެނުންނެވެ.

މިދިޔަ މަހު ޗިލީގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އުމުރުން 36 އަހަރުގެ ގޭބްރިއެލް ބޮރިކް ގައުމުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނީ ކުރިއަށް އޮތް މާރިޗު މަހުގެ 11 ވަނަ ދުވަހުގައެވެ.

"ކެބިނެޓުގެ ބޭނުމަކީ އަޅުގަނޑުމެން ވައުދުވި ބަދަލުތައް ގެނައުމުގެ ބިންގާ އެޅުން" ގޭބްރިއެލް ވިދާޅުވި އެވެ.

ގޭބްރިއެލްގެ ކެބިނެޓުގެ ވަޒީރުންގެ ތެރޭގައި އުމުރުން 40 އަހަރުން ދަށުގެ 6 މިނިސްޓަރުން ތިއްބަވާނެއެވެ.

ނަމަވެސް ޗިލީގެ ކޮންގްރެސްގައި ގޭބްރިއެލްގެ ސަރުކާރަށް މެޖޯރިޓީއެއް ނެތްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އޭނާގެ ޕާޓީއަށް ކާމިޔާބު ކުރެވުނީ 155 ގޮނޑީގެ ތެރެއިން 37 ގޮނޑި އެވެ. މިކަމުގެ ސަބަބުން އޭނާ ގެންނަން ނިންމާފައިވާ އިގުތިސާދީ އިންގިލާބުތައް ގެނައުމުގައި އެހެނިހެން ޕާޓީތަކުގެ އެއްބާރުލުންވެސް އޭނާ ބޭނުންވާނެއެވެ.

ގޭބްރިއެލްގެ ވެރިކަމުގެ ދައުރުގައި މުޅި ސިޔާސީ ނިޒާމު ބަދަލުކުރެވޭނެއެވެ. އެގޮތުން އެ ގައުމުގެ އައު ގާނޫނުއަސާސީ ވުޖޫދައް ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާނެކަން ފާހަގަކޮށްލެވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް