ކަސްޓަމްސް ސައުތް ރީޖަން އޮފީހާއެކު އައްޑޫގެ ވިޔަފާރިތައް ފުޅާވެގެންދާނެ: މާރިޔާ

ކަސްޓަމްސް ސައުތު ރީޖަނަލް ހެޑް އޮފީހުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން-

ކަސްޓަމްސް ސައުތު ރީޖަނަލް ހެޑް އޮފީހާއެކު، އައްޑޫގެ ވިޔަފާރި އިތުރަށް ފުޅާވެ، ކުރި އަރައިގެން ދާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މާރިޔާ މިފަދައިން ވިދާޅުވީ އިއްޔެ ހަވީރު ބޭއްވި ކަސްޓަމްސް ސައުތު ރީޖަނަލް ހެޑް އޮފީހުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

މަރަދޫ ޕާރކް ސަރަހައްދުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާގެ އިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފާއި އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވަނީ ބިންގާ އެޅުމުގައި ބައިވެރިވެވަޑައިގަންނަވައިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ވިސްނުމަކީ ލާމަރުކަޒީ ނިޒާމެއްގެ ދަށުން ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުމަށްޓަކައި، މާލެ ފިޔަވައި ރާއްޖޭގެ އެހެން ބަނދަރުތަކުގައި އިމްޕޯރޓް އެކްސްޕޯރޓްގެ މަސައްކަތް މިހާރަށްވުރެ ފުޅާދައިރާއެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

ހަމައެއާއެކު އަލަށް ބިންގާ އެޅިގެން ދިޔަ ސައުތު ރީޖަނަލް އޮފީހުގެ ސަބަބުން އައްޑޫ ސިޓީގެ ވިޔަފާރި ބަނދަރު އިތުރަށް ތަރައްޤީވެ، އައްޑޫ ސިޓީގެ ވިޔަފާރިއަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މި އޮފީހާއެކު ބިނާ ކުރެވިގެންދާ ތަމްރީނު ފެސިލިޓީއިން މުވައްޒަފުން އެންމެ އެކަށޭނަ ގޮތުގައި ތަމްރީނުތައް ދެވިގެންދާނެ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ކަސްޓަމްސްގެ އެންމެ މަތީ ފަންތި ހިމެނޭ ގޮތަށް، އެ މުއައްސަސާގެ ހުރިހާ ފަންތިއެއްގެ ބޭފުޅުންގެ ފެންވަރު އަދިވެސް އިތުރަށް މަތިވެގެން ދާނެ ކަމަށެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފްގެ ވާހަކަައިގައި ވެސް ވަނީ ބިންގާ އެޅުނު އިމާރާތާއެކު އައްޑޫ ސިޓީގެ އެކްސްޕޯޓް އިމްޕޯޓްގެ މަސައްކަތް ފުޅާވެ ކަސްޓަމްސްއިން ފޯރުކޮށްދޭންޖެހޭ ޚިދްމަތްތައް ފޯރުކޮށްދިނުމަށް އައްޑޫގައި އެޅޭ ސަރުކާރުގެ މުހިންމު ބިނާއަކަށް ވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ރީޖަނަލް އޮފީހުގެ ސަބަބުން އައްޑޫގެ ވިޔަފާރިތަކަށް މުސްތަޤްބަލުގައި ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

މި އޮފީސް އިމާރާތް ނިންމުމަށް އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައިވަނީ 22.3 މިލިއަން ރުފިޔާއަށް، 411 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ތިން ބުރީގެ މިއިމާރާތުގައި އިދާރީ އޮފީހަކާއި، ސްޓާފް އެކޮމޮޑޭޝަން ބައެއްގެ އިތުރުން ރީޖަނަލް ޓްރޭނިން ސެންޓަރެއް އެޅިގެންދާނެއެވެ.

comment ކޮމެންޓް