ބަދަހި ކަޕްގެ ޗެމްޕިއަންކަން އަނެއްކާ ވެސް ހުޅުމީދޫ ޕޮލިހަށް

މީދޫ އެކުވެރިންގެ ޗޭނު (އެމްއީސީ) އިން ބޭއްވި އެމްއީސީ ބަދަހި ކަޕް 2022ގެ ޗެމްޕިއަންކަން 2 ވަނަ ފަހަރަށް ހުޅުމީދޫ ޕޮލިސް ރެކްރިއޭޝަން ކްލަބުން ހޯދައިފި އެވެ.

ޕޮލިސް ޓީމަށް ޗެމްޕިއަން ޓްރޮފީ ހަވާލުކޮށްދެއްވީ ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސާ ފަޒްނާ އެވެ.

ރޭ މީދޫ ބަނދަރު ޕާކު ނެޓްބޯޅަ ކޯޓުގައި ކުޅުނު ފައިނަލް މެޗު ހުޅުމީދޫ ޕޮލިހުން ކާމިޔާބު ކޮށްފައިވަނީ ޓީމް އެމް.ކޭ އާ ވާދަކޮށް 58 - 14ގެ ތަފާތަކުންނެވެ.

ފައިނަލް މެޗުގެ ކުއީން އޮފް ދަ މެޗުކަން ފުލުސް ޓީމުގެ ސެންޓަރ ޝަޖަން އިސްމާއިލް ހޯދާފައިވާއިރު، ކުއީން އޮފް ދަ ޓޯނަމެންޓަކަށް ހޮވިފައިވަނީ އެ ޓީމުގެ ޖީޑީ ފިރުޝާ އެވެ.

މި މުބާރާތުގެ ގަދަ 7 ކުޅުންތެރިންގެ ތެރޭގައި ފުލުސް ޓީމުގެ ފިރުޝާ، އީމާ، އަދި ޖޫޒަން ހިމެނިފައިވާއިރު، އެމް.ކޭގެ އާލާ، އިމްނާ އަދި ވިޝާހު ވެސް ވަނީ ހިމެނިފައެވެ. މީގެއިތުރުން ކްލަބް ވެމްކޯގެ ހަމްނާވެސް ވަނީ ގަދަ 7ގެ ތެރޭގައި ހިމެނިފައެވެ.

ބަދަހި ކަޕްގެ މި އަހަރުގެ އެންމެ މޮޅު ކޯޗަކަށް އެމް.ކޭގެ މަރިޔަމް މުހައްމަދު ހޮވުނުއިރު، ފެއަރ ޕްލޭޔަރކަންވެސް ހޯދާފައިވަނީ އެ ޓީމުގެ ޒަހާ ޒާހިރެވެ.

މުބާރާތުގެ ފެއަރ ޕްލޭ ޓީމުކަން ހުޅުދޫގެ އެޗް.އެސް.ސީން ހޯދާފައިވާއިރު، ރަނަރ އަޕް ޓީމަކީ އެމް.ކޭ އެވެ.

މި މުބާރާތަކީ ދިވެހިރާއްޖޭގެ ނެޓްބޯޅަ އެސޯސިއޭޝަނާ ގުޅިގެން ކުރިއަށް ގެންދިޔަ މުބާރާތަކަށް ވުމާއެކު، ގައުމީ ނެޓްބޯޅަ ޓީމުގެ ސްކޮޑަށް ގިނަ ކުޅުންތެރިން ވަނީ ހޮވިފައެވެ.

އެގޮތުން ސީނިއަރ ސްކޮޑަށް އެމް.ކޭގެ ވިޝާ ހޮވިފައިވާއިރު، ޖޫނިއަރ ސްކޮޑަށް ފުލުސް ޓީމުގެ ޝަޖަން، އަމީޝާ އަދި ސަވާ ވަނީ ހޮވިފައެވެ. މީގެއިތުރުން އެމް.ކޭގެ އިމްނާވެސް ވަނީ ޖޫނިއަރ ސްކޮޑަށް ހޮވިފައެވެ.

މީދޫ އެކުވެރިންގެ ޗޭނުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ބަދަހި ނެޓްބޯޅަ މުބާރާތަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، ރާއްޖޭގެ ބޮޑެތި ކުންފުނިތަކުންވެސް މި މުބާރާތަށް ވަނީ ސްޕޮންސަރކަން ކޮށްދީފައެވެ. އެގޮތުން ވެމްކޯ، އެމްޓީސީސީ، އެމް.ޑަބްލިއު.އެސް.ސީ އަދި ފެނަކަ ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، މީދޫ އަވަށު އޮފީސް، ސުޕަރ ވެލިއު މާޓާއި ސުޕަރ ސޭވަރ މާޓް، ނޫރައްދީން އިންވެސްޓްމެންޓް އަދި ޕެޝަން ވުޑް ކާޕެންޓްރީންވެސް ވަނީ މި މުބާރާތަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

2020 ވަނަ އަހަރުވެސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހުޅުމީދޫ ފުލުހުންގެ ޓީމުންނެވެ. ކޮވިޑުގެ ސަބަބުން 2021 ވަނަ އަހަރު މުބާރާތް ނުބޭއްވި، 2022 ވަނަ އަހަރު މުބާރާތް ބާއްވަން ޖެހުނީ ސަޕޯޓަރުން ނުވައްދާ މުބާރާތް ކުރިއަށް ގެންދަން އައްޑޫ ސިޓީ ކައުންސިލުން ހުއްދަ ދިނުމުންނެވެ.

comment ކޮމެންޓް