ބޮޑީގާޑުން ސިޔާސީ ނުވުމަށް މާރިޔާ އިލްތިމާސްކުރައްވައިފި

އެމްއެންޑީއެފްގެ 13 ވަނަ ބޮޑީގާޑު ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި މާރިޔާ ވާހަކަދައްކަވަނީ -- ފޮޓޯ/ އެމްއެންޑީއެފް

ގައުމީ ދިފާއީ ބާރުގެ ބޮޑީގާޑުންނަކީ އެއްވެސް ކޮޅަކަށް ނުޖެހި، ވީހާވެސް ޕްރޮފެޝަނަލްކޮށް، ޤާބިލްކަމާއެކީ މަސައްކަތްކުރާ ބަޔަކަށްވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ އިލްތިމާސްކުރައްވައިފިއެވެ.

މާރިޔާ މިހެން ވިދާޅުވީ، މިއަދު ހެނދުނު ސަދަރން އޭރިއާގެ ޓްރެއިނިންގ ސްކޫލްގައި ބޭއްވި، އެމްއެންޑީއެފްގެ 13 ވަނަ ބޮޑީގާޑު ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މާރިޔާ ވިދާޅުވީ ބޮޑީގާޑުންނަކީ، ހަމައެކަނި 5 އަހަރުގެ މުއްދަތަށް، ސިޔާސީ ބަޔަކަށް ޚިދުމަތްކުރުމުގެ ވިސްނުމުގައި މަސައްކަތްކުރާ ބަޔަކަށްވުމުގެ ބަދަލުގައި، އެއްވެސް ކޮޅަކަށް ނުޖެހި، ވީހާވެސް ޕްރޮފެޝަނަލްކޮށް، ޤާބިލްކަމާއެކީ މަސައްކަތްކުރާ ބަޔަކަށްވާން ޖެހޭ ކަމަށެވެ.

މީގެ އިތުރުން، މެއި ހައެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދަށް ޢަމާޒުކޮށް ދިން ޓެރަރިސްޓު ޙަމަލާގައި، އެމަނިކުފާނުގެ ހަށިފާރަވެރިންގެ ގޮތުގައި ތިއްބެވި ސިފައިންގެ ބޭކަލުންގެ ހިތްވަރާއި ހުޝިޔާރުކަމާއި ޕްރޮފެޝަނަލިޒަމްގެ ފުރިހަމަ ނަމޫނާއިން މިސާލު ނެގުމަށް ކޯހުގެ ދަސްވެނިންނަށް މާރިޔާ އިލްތިމާސްކުރެއްވިއެވެ.

އިތުރަށް މާރިޔާ ވިދާޅުވީ ސިޔާސީ ނުފޫޒުން އެއްކިބާވެގެންވާ މުއައްސަސާއަކުން ނުކުމެ، ސިޔާސީ އެކި ލީޑަރުންގެ އަރިހުގައި 24 ގަޑިއިރު މަސައްކަތްކުރާއިރު، ޕަރސަނަލް ސެކިއުރިޓީ އޮފިސަރުން އިސްކަންދޭންވާނީ ސިޔާސީނުވެ، ވީހާވެސް ފުރިހަމަޔަށް، އެމީހުންނާ ހަވާލުކުރެވިފައިވާ ވީއައިޕީ ބޭފުޅެއްގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމުގެ މައްޗަށް ކަމަށެވެ.

މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލާއި ސިފައިންގެ ޖެނެރަލް އޮފިސަރުންގެ އިތުރުން، އެމްއެންޑީއެފް ސަދަރން އޭރިޔާގައި ޙަރަކާތްތެރިވާ އެކި ރޭންކުގެ ސިފައިންވަނީ ބައިވެރިވެފައެވެ.

މިރަސްމިއްޔާތަށްފަހު، މިނިސްޓަރު މާރިޔާއާއި ޗީފް އޮފް ޑިފެންސް ފޯސް ޝަމާލްވަނީ 13 ވަނަ ބޮޑީގާޑު ޓްރެއިނިންގ ކޯހުގެ ދަސްވެނިންގެ ޑިމޮންސްޓްރޭޝަން ބައްލަވާލައްވާފައެވެ.

comment ކޮމެންޓް