ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު އަޕްޑޭޓްކޮށްފި

ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު އަޕްޑޭޓްކޮށް ޖެންޑާ މިނިސްޓްރީން އާންމުކޮށްފިއެވެ.

އަޕްޑޭޓް ނުކުރާތާ ގިނަ ދުވަސްތަކަކަށް ފަހު އެ މިނިސްޓްރީން ދަފްތަރު އަޕްޑޭޓްކުރީ އިއްޔެއެވެ.

އިއްޔެއާ ހަމައަށް އެ ދަފްތަރުގައި 182 މީހުންގެ ނަން ވަނީ ހިމަނާފައެވެ. އޭގެތެރޭގައި ބަނގްލަދޭޝްގެ ހަތް މީހަކު ހިމެނެއެވެ.

އެ ދަފްތަރުގައި މެދު އުމުރުގެ މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ ވަނަވަރު ވަނީ ހިމަނައިފައެވެ. އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި 80 އަހަރުން މަތީގެ މީހުން ވެސް ހިމެނެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު އާންމުކުރުމަށް ހެދި އޮފެންޑާސް އެމްވީ ވެބްސައިޓު މިދިޔަ އަހަރު އެއްވެސް ވަރަކަށް އަޕްޑޭޓް ކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މައުލޫމާތު އާންމު ކުރުމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލު ތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 54 ވަނަ މާއްދާގެ ދަށުން ކުރުން ލާޒިމް ކަމެކެވެ.

އެ ގާނޫނުގައި ބުނާގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މައުލޫމާތު ވެބްސައިޓެއްގައި އާންމު ކުރުމަށް ހާއްސަ ވެބްސައިޓެއްގެ އިތުރުން އެސްއެމްއެސްގެ ޒަރިއްޔާއިން އައިޑީ ކާޑު ނަންބަރު ޖަހައިގެން އެފަދަ މީހުންގެ މައުލޫމާތު ހޯދޭނެ ގޮތް ހެދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރާނެއެވެ.

ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މައުލޫމަތު އާންމު ކުރުމަށް ހަދާފައިވާ އޮފެންޑާސް ވެބްސައިޓު މިވަގުތު ވަނީ މެއިންޓެނެންސަށް ބޭނުން ނުކުރެވޭ ގޮތް ހަދާފައެވެ. ނަމަވެސް ވެބްސައިޓަށް ލާފައިވާ ޕީޑީއެފް ލިންކަކުން މި ދަފްތަރު ފެނެއެވެ.

comment ކޮމެންޓް