ހދ. ހިރިމަރަދޫގެ މިސްކިތް ގިބުލައަށް ނެތުމުގެ ސަބަބުން އެ ރަށުގައި އާ މިސްކިތެއް އެޅުމަށް އިސްލާމިކް މިނިސްޓްރީން ކުންފުންޏަކާ ހަވާލުކޮށްފިއެެވެ.
ހިރިމަރަދޫގައި މިސްކިތް އެޅުމުގެ މަސައްކަތް ހަވާލުކުރީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑު ނަމަކަށް ކިޔާ ކުންފުޏަކާއެވެ.
އެ މިސްކިތް އެޅުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ. އަދި ލެންޗު ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ޖަލީލެވެ.
ހިރިމަރަދޫގެ މިސްކިތަކީ މީގެ އެތައް އަހަރެއް ކުރިން އިމާރާތް ކޮށްފައިވާ މިސްކިތެކެވެ. ނަމަވެސް އެ ރަށުގެ މިސްކިތް ގިބުލައަށް ނެތްކަން ފާހަގަކުރެވުނީ ވަރަށް ފަހަކުން ކަމަށް އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ކުރިމަތިވެގެން މި އުޅޭ މައްސަލަ އަކީ މިސްކިތް ގިބުލައަށް ނެތުމުގެ މައްސަލަ. މި ރަށުގެ މިސްކިތް ހުރީ ވަރަށް ބޮޑަށް އެނބުރިފައި. އެހެންވެ ވަރަށް އުދަގޫވޭ އަސްލު،" ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި މައްސަލަ ފާހަގަކުރެވުނު ހިސާބުން އިސްލާމިކް މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށެވެ. އަދި މިނިސްޓްރީގެ ޓީމެއް ވެސް މިސްކިތް ބެލުމަށް ވަޑައިގަތް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ހިރިމަރަދޫގައި މިސްކިތް އިމާރާތް ކުރަން ޚަރަދުކުރަނީ 8.7 މިލިއަން ރުފިޔާއެވެ. 300 މީހުންގެ ޖާގައިގެ މިސްކިތް އަހަރެއްގެ ތެރޭގައި ނިންމަން ޖެހެއެވެ.
މީގެ އިތުރުން މިއަދު އިސްލާމިކް މިނިސްޓްރީން ވަނީ އައްޑޫ ސިޓީ މަރަދޫގައި ވެސް މިސްކިތެއް އެޅުމަށް ކުންފުންޏަކާ ހަވާލު ކޮށްފައެވެ. އެ ރަށުގައި މިސްކިތް އެޅުމަށް ހަވާލުކޮށްފައިވަނީ ބީއޭޕީސީ އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާއެވެ.
މި އެއްބަސްވުމުގައި ވެސް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނސްޓަރު ޑރ. ޒާހިރުއެވެ. އަދި ބީއޭޕީސީ އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުﷲއެވެ.
ފަސް ސަތޭކަ މީހުންގެ ޖާގައިގެ އެ މަސްކިތް އެޅުމަށް ހަވާލުކޮށްފައިވާ ކުންފުނިން އެ މަސައްކަތް 320 ދުވަހުން ނިންމަންޖެހެއެވެ. އަދި އެ މަސައްކަތް ހަވާލުކޮށްފައިވަނީ 12.7 މިލިއަން ރުފިޔާގެ އަގަކަށެވެ. މިގެ އިތުރުން މިސްކިތުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އޭސީ ވެސް ކުރަން ވަނީ ހަމަޖެހިފައެވެ.