ތ. ތިމަރަފުށީގައި ލޮލަށް ވަޅިއެއް ހެރި، ފެނުން ގެއްލިދާނެކަމުގެ ބިރު ހީވެފައި އޮތް ކުޑަކުއްޖާގެ އޮޕަރޭޝަން ކާމިޔާބު ވެއްޖެއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަަރު މަހުގެ 16ވަނަ ދުވަހު ހިނގި ހާދިސާއެއްގައި ވަޅި ހެރުނީ ހަތަރު އަހަރުގެ އިބްރާހިމް ލައިޝާން މުހައްމަދުގެ ވާއަތު ލޮލަށެވެ.
ލައިޝާންގެ އޮޕަރޭޝަން މިދިޔަ ހޯމަ ދުވަހު އިންޑިއާގެ މަދޫރާއީގެ އަރުވިންދު ހޮސްޕިޓަލުގައި ވަނީ ކޮށްފައެވެ.
ލައިޝާންގެ ބައްޕަ، މުހައްމަދު އިމާދު "ސަން"އަށް މިއަދު ބުނީ ލައިޝާންގެ އޮޕަރޭޝަން ކާމިޔާބު ކަމަށެވެ. އަދި ކުރެވުނު އެއްގަޑިއިރުގެ އޮޕަރޭޝަނަށްފަހު، ލޯ ރަނގަޅުކަމަށް ޑޮކްޓަރު ވިދާޅުވިކަމުގައި އިމާދު ބުންޏެވެ.
"ލެންސް ހަލާކުވެފައި އިނީމަ، ލެންސް ބަދަލުކުރީމަ ނަންބަރު އައިނު އަޅަން ޖެހޭނެ ކަމަށް ޑޮކްޓަރު ވިދާޅުވީ. އަދި ފެނުމުގެ ޕަސެންޓޭޖް ދަށްވާނެކަމަށް ވެސް،" އިމާދު ކިޔައިދިނެވެ.
ލައިޝާންގެ ލޮލަށް ފެންނާނެ މިންވަރު އެނގޭނީ އެއް މަސް ފަހުން ކަމަށް ޑޮކްޓަރާ ހަވާލާދީ އިމާދު ކިޔައިދިނެވެ.
މީގެ އިތުރުން އިމާދު ބުނީ، އެއް މަސް ފަހުން ލައިޝާންގެ ލޯ ޑޮކްޓަރަށް ދައްކަން ޖެހޭ ކަމަށެވެ. އަދި އެހެންކަމުން އިންޑިއާގައި މަޑުކުރަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.
އިމާދު ބުނީ އިންޑިއާގައި ގެސްޓު ހައުސްގެ ކުއްޔާއި ކެއުމުގެ ހަރަދާއެކު ވަރަށް ހަރަދު ބޮޑު ކަމަށެވެ. އަދި ކޮންމެ ފަަހަރަކު އެއްޗެހި ދޮންނަން ވެސް ޖެހެނީ ރުފިޔާ ދީގެން ކަމަށް އޭނާ ކިޔައިިދިނެވެ.
"ވަރަށް ބޮޑު ހަރަދެއް މިދަނީ. އަޅުގަނޑުމެން މި ވަގުތު ބޭނުންވަނީ އާއްމުންގެ ދީލަތި އެހީ،" އިމާދު ބުންޏެވެ.
އިމާދު ވަނީ ރާއްޖެއިން ބޭރަށް ލައިޝާންގެ ފަރުވާއަށް ދާން ގިނަބައެއްގެ އެހީތެރިކަން ލިބުނުކަން ފާހަގަކޮށްފައެވެ. އަދި އެކަމަށް އޭނާ ވަނީ އާއްމުންނަށް ޝުކުރު އަދާކޮށްފައެވެ.
އާއިލާއާ ގުޅޭނެ ނަންބަރު: 7380188 (މުހައްމަދު އިމާދު، ކުއްޖާގެ ބައްޕަ/ ރާއްޖެއިން ބޭރުގައި ހުރުމުން ގުޅޭނީ ވައިބާއިން)
އެކައުންޓު ނަންބަރު: 7701157481101
އައިމިނަތު ލިއުޝާނާ (ކުއްޖާގެ މަންމަ)
ކިހިނެއް ހިނގި ހާދިސާއެއް؟
ލައިޝާންގެ ބައްޕަ އިމާދުއާއި އޭނާގެ އާއިލާ ދިރިއުޅޭ ގޭގެ މައި ދޮރުގެ ތަޅު ހަލާކުވީތާ އޭރު ވާނީ އަދި ދެ ދުވަހެވެ. ތަޅު ތެރެއަށް ފުރަތަމަ ތަޅުދަނޑި ވަނީ ބިނދިފައެވެ. އެހެންކަމުން ތަޅު ހުޅުވަން ޖެހެނީ އެއްޗަކުން މަތާލައިގެންނެވެ.
ސުކޫލުގެ ދަންފަޅި ނިމުނު ވަގުތު އެ ދުވަހު ލައިޝާން ބަލައި ދިޔައީ ވެސް އިމާދުއެވެ. ދަރިފުޅު ގެއަށް ލައިފައި، މަންމަ އެބަ އާދެޔޭ ބުނުމަށްފަހު އިމާދު ސައިކަލުގައި ނައްޓާލީއެވެ. އޭރު ލައިޝާންގެ މަންމަ ގެ ހުންނަ މަގުން ހިނގައިފައި އާދެއެވެ.
މާ ދުރަށް އިމާދުއަށް ނުދެވެނީސް އަންހެނުން އޭނާއަށް ގުޅިއެވެ. އަދި ލައިޝާންގެ ލޮލަށް ވަޅިއެއް ހެރުނީ ކަމަށް ބުންޏެވެ.
"އަސްލު ވެފައިން ގޮތަކީ މީނަ [ލައިޝާން] އެތަނުން ކުޑަ ވަޅިއެއް ބޭނުންކޮށްގެން ހުޅުވަން ވެގެން މަތާލަން އުޅެނިކޮށް ނައްޓައިގެން އައިސް ކަޅީގައި އެ ޖެހުނީ. އަޅުގަނޑުމެން ވެސް ހުޅުވާތަން ފެންނާތީ ކަންނޭނގެ އޭނަ ހުޅުވަން އެ އުޅުނީ ވެސް،" އިމާދު ކިޔައިދިނެވެ.
ވަޅި ލޮލަށް ހެރުނު ވަގުތު ލައިޝާންގެ ލޮލުން ވަރަށް ގިނަ ލޭ އައެވެ. ވަގުތުން ލައިޝާން ގޮވައިގެން އިމާދުގެ ދެމަފިރިން ދިޔައީ އެ އަތޮޅު ވޭމަންޑުއަށެވެ. ވޭމަންޑޫން ޓެސްޓު ކުރުމަށްފަހު ލަފާ ދިނީ މާލެއަށް ވީ އެންމެ އަވަހަކަށް ގެނައުމަށެވެ.
ވަޅި ހެރިފައި އިނީ ލައިޝާންގެ ކަޅީގެ މެދަށެވެ. އަދި އެތަނުން ދެފަޅިވެފައި އިނުމުން އައިޖީއެމްއެޗުން ކަޅި، ފެހިކަމަށް އާއިލާއިން ކިޔައިދިނެވެ. އެ ހިސާބުން ޑޮކްޓަރުން ލަފާދިނީ އަވަހަށް ރާއްޖެއިން ބޭރަށް ފަރުވާއަށް ދިއުމަށެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699
މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވެވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."