ޓޮންގާއަށް އެރި ސުނާމީގެ ބޮޑުރާޅާއެކު އެގައުމަށް ވީގޮތެއް އަދިވެސް ނޭންގޭ

ޓޮންގާއަށް ސުނާމީ އަރާފައި

ނުކްރަލޯފާ (18 ޖަނަވަރީ 2022) : ޕެސިފިކް ކަނޑުގައި އެކަހެރިކޮށް އޮންނަ ޖަޒީރާ ގައުމެއްކަމަށްވާ ޓޮންގާއަށް އެރި ސުނާމީ ބޮޑުރާޅުގެ ސަބަބުން އަދިވެސް އޮތީ އެގައުމާ މުވާސަލާތީ ގުޅުންތައް ކެނޑިފައި ކަމަށާ ލިބުނު ގެއްލުންތައް އަދިވެސް ނޭންގޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޓޮންގާގެ ހާލަތު ބަލަމުންގެންދާ އެގައުމާ އެންމެ ގާތުގައި އޮންނަ ނިއުޒިލޭންޑާއި އޮސްޓްރޭލިއާ އަދި އިންޑޮނީޝިއާ ގެ ރަސްމީ ފަރާތްތަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން އެރި ސުނާމީން ލިބުނު ގެއްލުންތައް އަދިވެސް ދެނެ ނުގަނެވެއެވެ.

ޓޮންގާގެ އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން އެގައުމަށް އެރި ސުނާމީ ބޮޑުރާޅުގެ އުސްމިން 1.2 މީޓަރަށް އަރާކަމަށް ޚަބަރުތައް ބުނެއެވެ. މި ބޮޑުރާޅާއެކު ޓޮންގާއާ މުވާސަލާތީ ހުރިހާ ގުޅުންތަކެއް ވަނީ ކެނޑިފައެވެ. އަދި ވައިގެ ދަތުރުތައްވެސްވަނީ ބޯ ދުމުގެ ސަބަބުން ހުއްޓިފައެވެ.

ރިޕޯޓްތައް ބުނާގޮތުން އިންޓަނެޓްގެ ހިދުމަތް ދިނުމަށް ކަނޑު އަޑިން ޓޮންގާއަށް އަޅާފައި އޮންނަ ސަބްމެރިން ކޭބަލް ދެ ތަނަކުންވަނީ ބުރިވެފައެވެ. އަލިފާން ފަރުބަދަ ގޮވި ހިސާބާ ކައިރިން ސަބްމެރިން ކޭބަލް ބުރިވެފައިވާކަންވަނީ ކަށަވަރު ކުރެވިފައެވެ.

ޓޮންގާގެ އަލިފާން ފަރުބަދައިން ދުން އަރަނީ

ޓޮންގާގައި ހުންނަ ހުންގާ ޓޮންގާ ހުންގާ ހާޕައި ނަމަކަށް ކިޔާ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ރިކްޓަރ މިންގަނޑުން 7.8 ބާރުމިނުގައި ބިންހެލުމެއް އައިސް އެ ބިންހެލުމާއެކު ފެސިފިކް ކަނޑުގައި ސުނާމީ ބޮޑުރާޅެއް އުފެދުނެވެ.

އަލިފާން ފަރުބަދައިން އަރާ ދުންތަކުގެ ސަބަބުން ޓޮންގާގެ ވަށައިގެންވާ ވައިގެ ސަރަހައްދު އަދިވެސް އޮތީ ވަރަށް ބޮޑަށް ނުސާފުވެފައެވެ. އެކަމުގެ ސަބަބުން ޓޮންގާއަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް ވައިގެ މަގުން މަސައްކަތް ކުރުމަށްވަނީ ހުރަސްތައް ކުރިމަތިވެފައެވެ.

އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ޓޮންގާގެ މަތީގައިވާ ދުމާއި އަޅީގެ ބޯ ވިލާގަނޑުގެ ސަބަބުން ޓޮންގާގެ ބޯފެނުގެ ނިޒާމު ތަޣައްޔަރުވެފައިވާ ކަމަށާ ބޯފެނާއި ކާބޯތަކެތީގެ އެހީތެރިކަން އެގައުމަށް ވަރަށް އަވަހަށް ބޭނުންވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓޮންގާގައި ގޮވި ހުންގާ ހާޕައި އަލިފާން ފަރުބަދަ ހުންނަނީ ކަނޑުގެ އަޑީގައި ކަމަށްވާތީ ޓޮންގާގެ ވަށައިގެންވާ ސަރަހައްދަކީ އިންސާނުންގެ ނުރައްކާތެރި ސަރަހައްދެކެވެ. މިކަމުގެ ސަބަބުން އެއަލިފާން ފަރުބަދައިގެ ހާލަތު ދެނެގަތުމަށް އެތަނަށް ދިޔުމަށްވެސް ސައެންސްވެރިންނަށްވަނީ އުނދަގޫ ކަމަކަށް ވެފައެވެ.

ޕެސިފިކް ސަރަހައްދުގައި އަސްކަރީބާރުތައް ބާއްވައިގެން އެސަރަހައްދުގައި ހަންފަތުރަން މަސައްކަތްކުރާ އެމެރިކާއިންވަނީ ޓޮންގާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮތްކަމަށް ބުނެފައެވެ. ނަމަވެސް ޓޮންގާއަށް އިންސާނީ އެއްވެސް އެހީއެއް ދިންކަން އެމެރިކާ ކަށަވަރުކޮށްދީފައެއް ނުވެއެވެ. އޮސްޓްރޭލިއާއާއި ނިއުޒިލޭންޑް ބުނާގޮތުން އެ ގައުމު ވެސް ގެންދަނީ ޓޮންގާއަށް އެހީ ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުންނެވެ.

ޓޮންގާގެ އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން އަރަމުންދާ ބޯދުންތަކުގެ ސަބަބުން އެ ގައުމުގެ ވަށައިގެންވާ ސަރަހައްދު އަދިވެސް އޮތީ ވަރަށް ބޮޑަށް ފުސްކޮށެވެ. އެ ސަރަހައްދުން އެއްވެސް ތަނެއް ފެންނަވަރެއް ނުވެއެވެ.

ޓޮންގާއަކީ 1970 ވަނައަހަރު މިނiވަންކަން ލިބިފައިވާ ވަރަށް ކުޑަ އަދި ވަރަށް ފަގީރު ގައުމެކެވެ. އެގައުމުގެ އާބާދީއަކީ އެއްލައްކަ ފަސްހާހެވެ. ގައުމީ އާމްދަނީ އަކީ ގާތްގަނޑަކަށް 655 މިލިޔަން އެމެރިކާ ޑޮލަރުގެ މިންވަރެކެވެ. ޓޮންގާގެ 98 އިންސައްތަ މީހުންނަކީ ނަސާރާއިންނެވެ.

ޓޮންގާގެ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އެރި ސުނާމީގެ އަސަރު ޖަޕާނާއި ނިއުޒިލޭންޑަށްވެސް ކުރިއެވެ. އެދެގައުމަށްވެސް ސުނާމީއެއް އެރިއެވެ. އަދި ޕެސިފިކް ކަނޑުގެ އަނެއް ފަޅީފައި ގާތްގަނޑަކަށް 8 ހާސް ކިލޯމީޓަރުގެ ދިރުގައި އޮންނަ ދެކުނު އެމެރިކާގެ ގައުމެއްކަމަށްވާ ޗިލީއާއި ޕޭރޫ އަދި އިކުއެޑޯ އާއި އެމެރިކާގެ ހުޅަނގު އައްސޭރިފަށަށް ވެސް ކުޑަ ސުނާމީއެއް އެރިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު