އިރާގުގެ ގްރީން ޒޯނަށް ދިން ރޮކެޓް ހަމަލާއެއްގައި ދެ މީހަކު ޒަހަމްވެއްޖެ

އިރާގުގެ ކިރުކުކުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްއެއް--

އިރާގުގެ ގްރީން ޒޯނަށް ދިން ރޮކެޓް ހަމަލާއެއްގައި ދެ މީހަކު ޒަހަމްވެއްޖެއެވެ.

ބަޣްދާދުގައި ހުންނަ އެމެރިކާގެ އެމްބަސީ ސަރަހައްދަށް ދިން މި ހަމަލާގައި ޒަހަމްވެފައިވަނީ ދެ އަންހެނުންނަށެވެ.

މި ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު އުފުލާފައިނުވާއިރު، އެއީ ހަތަރު ރޮކެޓް މިސައިލް ހަމަލާއެވެ.

މީގެ ތެރެއިން ތިން ރޮކެޓް އެމެރިކާ އެމްބަސީ ސަރަހައްދަށް ވެއްޓިފައިވާއިރު، އަނެއް ރޮކެޓް ވެއްޓިފައިވަނީ ސްކޫލަކާ ކައިރި ސަރަހައްދަކަށެވެ.

އިރާގުގެ އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި މި ރޮކެޓްތައް ލޯންޗުކޮށްފައިވަނީ އެ ގައުމުގެ ވެރިރަށް ބަޣްދާދުގެ ދޯރާ ސަރަހައްދުންނެވެ.

އެމެރިކާއިން ވަނީ މި ހަމަލާ ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އިރާގުގެ އިސްތިގުލާލާއި އަމަންއަމާންކަމާ ދެކޮޅަށް މަސައްކަތްކުރާ ބަޔަކު ހިންގި ޖަރީމާއެއްގެ ގޮތުގައި އެމެރިކާއިން ވަނީ މި ހާދިސާ ސިފަކޮށްފައެވެ.

އިރާގުގެ ބަޣްދާދުގެ ގްރީން ޒޯނަކީ ސަފީރުންނާއި، ޚާރިޖީ އެހެނިހެން އިސް ބޭފުޅުންގެ މައި އޮފީސްތައް ހުންނަ ސަރަހައްދެވެ.

އިރާނުގެ ޖެނެރަލް ގާސިމް ސުލެއިމާނީ އަދި އިރާގުގެ މިލިޓަރީ ކޮމާންޑަރެއް ކަމަށްވާ އަބޫ މަހުދީ އަލް މުހަންދިންސް އަށް އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި އެ ދެ ބޭފުޅުން އަވަހާރަވުމާ ގުޅިގެން ގްރީން ޒޯނަށް ގިނަ ހަމަލާތަކެއް ދަނީ އަމާޒުވަމުންނެވެ.

މި ހަމަލާތަކުގެ ފަހަތުގައި ވަނީ އިރާނުން ވާގިވެރިވާ ޝިއާ މުސްލިމުންގެ ޖަމާއަތްތައްކަމަށް އެމެރިކާއިން އަންނަނީ ބުނަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް