ކޮމަންޑޫ ދާއިރާގެ ކެންޑިޑޭޓުންގެ ބަހުސް މިމަހު 25ގައި

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ތިން ކެންޑިޑޭޓުން

ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާ ކެންޑިޑޭޓުންގެ ބަހުސް ބޭއްވުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ނިންމައިފިއެވެ.

މި ބަހުސް އޮންނާނީ މި މަހުގެ 25 ވަނަ ދުވަހަގެރޭ 9:00 ގައި ކަމަށް ޕީއެސްއެމްގެ އޮފިޝަލަކު "ސަން"އަން ވިދާޅުވިއެވެ.

ޕީއެސްއެމްގެ އޮފިޝަލު ވިދާޅުވީ މި ބަހުސް ބޭއްވުމުގެ ބޭނުމަކީ ރައްޔިތުންނަށް ކެންޑިޑޭޓުން ތައާރަފް ވުމަށް ފުރުސަތު ދިނުމާއި، ދާއިރާގެ ތަރައްގީގެ ކަންކަމުގައި ކެންޑިޑޭޓުންގެ ވިސްނުމާއި ތަސައްވަރު ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

މީގެ އިތުރުން މިހާރު މި އިންތިހާބުގައި ބައިވެރިވާ ހުރިހާ ޕާޓީތަކަކުން މި ބަހުސްގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ދީފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ކޮމަނޑޫ ދައިރާ ތަމްސީލުކުރާ ގޮނޑި ހުސްވެފައިމިވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ހުސައިން ވަހީދު މި މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ. ހުސައިން މަޖިލީހުގައި ހުންނެވީ އެމްޑީޕީގެ ޓިކެޓުގައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވެރިކަންކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު، އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމްގެ އިތުރުން އެމްއެންޕީގެ ކެންޑީޑޭޓު އަބްދުލް ހައްނާނު އިދުރީސް ނިކުތުމަށް ވަނީ ނިންމާފައެވެ.

ފެބްރުއަރީ ފަސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަނުގެ ކެމްޕޭން ވަރަށް ފޯރިއާ އެކު ކުރިއަށް އެބަދެއެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު އެމްޑީޕީގެ ކެމްޕޭނަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލުހު ވަނީ އެ ދާއިރާއަށް ވަޑައިގެންފައެވެ. އަދި ޕީޕީއެމެގެ ކެންޑިޑޭޓްގެ ކެމްޕޭނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެސް ވަނީ މިއަދު އެ ދާއިރާއަށް ވަޑައިގެންފައެވެ.

comment ކޮމެންޓް