ލޮލަށް ވަޅި ހެރުނު ލައިޝާންގެ އޮޕަރޭޝަން ހޯމަ ދުވަހު، ފެންނާނެކަމުގެ އުއްމީދު އެބައޮތް

ލޮލަށް ވަޅި ހެރުނު ލައިޝާން އައިޖީއެމްއެޗްގައި -- ފޮޓޯ/ އާއިލާ

ތ. ތިމަރަފުށީގައި ލޮލަށް ވަޅިއެއް ހެރި ފެނުން ގެއްލިދާނެކަމުގެ ބިރު ހީވެފައި އޮތް ކުޑަކުއްޖާގެ އޮޕަރޭޝަން ހަމަޖެހިއްޖެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަަރު މަހުގެ 16ވަނަ ދުވަހު ހިނގި ހާދިސާއެއްގައި ވަޅި ހެރުނީ ހަތަރު އަހަރުގެ އިބްރާހިމް ލައިޝާން މުހައްމަދުގެ ވާއަތު ލޮލަށެވެ.

ލައިޝާންގެ އާއިލާއިން ބޭރަށް ދާން އާއްމުންގެ އެހީތެރިކަމަށް ވަގުތުން އެދުނެވެ. ލައިޝާންގެ ބައްޕަ މުހައްމަދު އިމާދު "ސަން"އަށް މިއަދު ބުނީ އާއްމުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށެވެ. އަދި އެކަމަށް ޓަކައި އޭނާ ޝުކުރުވެރިވާ ކަމުގައި އިމާދު ބުންޏެވެ.

ލައިޝާންގެ އޮޕަރޭޝަން އަންނަ ހޯމަ ދުވަހު ކުރަން ހަމަޖެހިފައިވަނީ އިންޑިއާގެ މަދޫރާއީގެ އަރުވިންދު ހޮސްޕިޓަލުގައެވެެ.

"މިހާރު ބޭނުންވަނީ ހެޔޮދުއާ. ޑޮކްޓަރުން ވިދާޅުވި ފެންނާނެކަމުގެ އުއްމީދު އެބައޮތް ކަމަށް،" އިމާދު ބުންޏެވެ.

https://sun.mv/160213

ކިހިނެއް ހިނގި ހާދިސާއެއް؟

ލައިޝާންގެ ބައްޕަ އިމާދުއާއި އޭނާގެ އާއިލާ ދިރިއުޅޭ ގޭގެ މައި ދޮރުގެ ތަޅު ހަލާކުވީތާ އޭރު ވާނީ އަދި ދެ ދުވަހެވެ. ތަޅު ތެރެއަށް ފުރަތަމަ ތަޅުދަނޑި ވަނީ ބިނދިފައެވެ. އެހެންކަމުން ތަޅު ހުޅުވަން ޖެހެނީ އެއްޗަކުން މަތާލައިގެންނެވެ.

ސުކޫލުގެ ދަންފަޅި ނިމުނު ވަގުތު އެ ދުވަހު ލައިޝާން ބަލައި ދިޔައީ ވެސް އިމާދުއެވެ. ދަރިފުޅު ގެއަށް ލައިފައި، މަންމަ އެބަ އާދެޔޭ ބުނުމަށްފަހު އިމާދު ސައިކަލުގައި ނައްޓާލީއެވެ. އޭރު ލައިޝާންގެ މަންމަ ގެ ހުންނަ މަގުން ހިނގައިފައި އާދެއެވެ.

މާ ދުރަށް އިމާދުއަށް ނުދެވެނީސް އަންހެނުން އޭނާއަށް ގުޅިއެވެ. އަދި ލައިޝާންގެ ލޮލަށް ވަޅިއެއް ހެރުނީ ކަމަށް ބުންޏެވެ.

"އަސްލު ވެފައިން ގޮތަކީ މީނަ [ލައިޝާން] އެތަނުން ކުޑަ ވަޅިއެއް ބޭނުންކޮށްގެން ހުޅުވަން ވެގެން މަތާލަން އުޅެނިކޮށް ނައްޓައިގެން އައިސް ކަޅީގައި އެ ޖެހުނީ. އަޅުގަނޑުމެން ވެސް ހުޅުވާތަން ފެންނާތީ ކަންނޭނގެ އޭނަ ހުޅުވަން އެ އުޅުނީ ވެސް،" އިމާދު ކިޔައިދިނެވެ.

ވަޅި ލޮލަށް ހެރުނު ވަގުތު ލައިޝާންގެ ލޮލުން ވަރަށް ގިނަ ލޭ އައެވެ. ވަގުތުން ލައިޝާން ގޮވައިގެން އިމާދުގެ ދެމަފިރިން ދިޔައީ އެ އަތޮޅު ވޭމަންޑުއަށެވެ. ވޭމަންޑޫން ޓެސްޓު ކުރުމަށްފަހު ލަފާ ދިނީ މާލެއަށް ވީ އެންމެ އަވަހަކަށް ގެނައުމަށެވެ.

ވަޅި ހެރިފައި އިނީ ލައިޝާންގެ ކަޅީގެ މެދަށެވެ. އަދި އެތަނުން ދެފަޅިވެފައި އިނުމުން އައިޖީއެމްއެޗުން ކަޅި، ފެހިކަމަށް އާއިލާއިން ކިޔައިދިނެވެ. އެ ހިސާބުން ޑޮކްޓަރުން ލަފާދިނީ އަވަހަށް ރާއްޖެއިން ބޭރަށް ފަރުވާއަށް ދިއުމަށެވެ.

comment ކޮމެންޓް