މުޅި ދުނިޔެ ބަންދުވިއިރު ވެސް ރާއްޖޭގެ ތަރައްގީ ބަންދެއް ނުވޭ: ޝާހިދު

މިނިސްޓަރު ޝާހިދު ސަންގެ 50 މިނިޓު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި މުޅި ދުނިޔެ ބަންދުވި އިރުވެސް ރާއްޖޭގެ ތަރައްގީ ހުއްޓުމަކަށް ނާންނަ ކަމަށް އދގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

"ސަން"ގެ 50 މިނިޓު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމާއެކު ބޭރުގެ ގައުމުތަކުން ރާއްޖެއަށް ހިލޭ އެހީ ދޭން ނިންމި ކަމަށެވެ. އަދި ހިލޭ އެހީގެ ކަންތައްތައް ސަރުކާރުން ކުރިއަށް ގެންދަނީ ދެފުށް ފެންނަ ގޮތަކަށް ކަމަށާއި އެ އެހީގެ ދަށުން ހިންގާ މަޝްރޫއުތަކާ ބެހޭ ތަފްސީލު ފިނޭންސް މިނިސްޓްރީން ހާމަ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ރާއްޖޭގައި މިހާރު ބޮޑެތި މަޝްރޫއުތައް ފަށައިގެން ކުރިއަށްގެންދާ ކަމަށާއި އޭގެ ތެރޭގައި ފެނާއި ނަރުދަމާ އާއި ބަނދަރު ހެދުމުގެ މަސައްކަތްތައް ހިމެނޭ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލާ ބްރިޖުގެ މަސައްކަތް ފަށަން މިހާރު ތައްޔާރުވެފައިވާ ކަމަށާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވެސް މަޝްރޫއުތައް ކުރިއަށްގެންދާކަމަށް ޝާހިދު ވިދާޅުވިއެވެ.

"އެހެންވީމަ އެކި ދިމާލުން މަސައްކަތްތައް ހިނގަމުން ދަނީ. އަޅުގަނޑު އުޒުރުވެރިވަން މިހެން ހުރެ ކުއްލިއަކަށް ދަންނަވަން، އެއަށް ވުރެ މާ ގިނަ ކަންތައްތައް ހުރިހާ ދިމާލެއްގަ ހިނގަމުން ދަނީ. މިދިޔަ ދެ އަހަރެއްހާ ދުވަހަކީ މުޅި ދުނިޔެ ބަންދުވެފައި އޮތް ދެ އަހަރު އެކަމަކު ރާއްޖޭގެ ތަރައްގީއަކަށް ބަންދެއް ނާދޭ. ރާއްޖޭގެ ތަރައްގީ ހިނގަމުން ދިޔައީ،" ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖެއިން ކުރިން ނުފެންނަފަދަ ތަރައްގީ މި ސަރުކާރުން ބޭރުގެ އެހީއާ އެކު ގެންނާނެ ކަމުގެ ޔަގީންކަން ދެއްވަމުން ޝާހިދު ވިދާޅުވީ ތަރައްގީއާ ބެހޭ ގޮތުން މިހާރު މި ގައުމުގައި އޮތީ ދެ ވިސްނުމެއް ކަމަށެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވިސްނުންފުޅަކީ މާލެ ތަރައްގީ ކުރުން ކަމަށާއި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވިސްނުމަކީ މާލެއާ އެކު އަތޮޅުތައް ތަރައްގީ ކުރުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ރައީސް ސޯލިހުގެ ސަރުކާރުގެ ވިސްނުންފުޅުގަ މި އޮތީ މާލެއާ އެކު އަތޮޅުތައް ތަރައްގީ ކުރުން. އެންމެ ޖަޒީރާ ތަރައްގީ، އެއީ އެންމެ ކުޑަ އާބާދީ އޮންނަ ރަށުގަވެސް އަސާސީ ހިދުމަތްތައް ލިބޭނެ ގޮތް ބެހެއްޓުން. އަދި މި މާލެ ތޮއްޖެހުން ކަނޑުވާލެވޭނީ އަސާސީ ހިދުމަތްތައް، އެއީ ހޮސްޕިޓަލް ކަމުގައި ވިޔަސް ސްކޫލް ކަމުގައި ވިޔަސް ތައުލީމީ ދާއިރާއިން ކަމުގައި ވިޔަސް ރާއްޖޭގެ އެކި ސަރަހައްދުތަކުގަ ތަރައްގީ ކުރެވިގެން،" ޝާހިދު ވިދާޅުވިއެވެ.

އާ އަހަރުގެ މުނާސަބަތުގައި ރައީސް ސޯލިހު ދެއްވި ހިތާބުގައި އެމަނިކުފާނުވެސް ވަނީ ކޮވިޑްގެ ބަލިމަޑުކަން އެއްކޮށް ފިލައިގެން ނުދިޔަ ނަމަވެސް ރާއްޖެއިން އިގުތިސާދީ ހަރަކާތްތައް ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ ހަގީގީ ތަރައްގީއަކީ ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމަވުން ކަމަށާއި މި އަހަރަކީ ކުރިއަށް ވުރެ އެތައް ގުނައަކަށް ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުވެގެންދާނެ އަހަރެއް ކަމަށެވެ.

comment ކޮމެންޓް