މެކްސިކޯގެ ރައީސް އަންދުރޭސް މަނުއެލް ލޮޕޭޒު އޮބްރަދޯރަށް އަނެއްކާވެސް ކޮވިޑު ޖެހިއްޖެއެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދެވަނަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، ޙާލަތު ގޯހެއް ނޫން ކަމަށެވެ.
ފަސްދޮޅަސް އަށް އަހަރުގެ އެ ރައީސަށް ދެވަނަ ފަހަރަށް ކޮވިޑް ޖެހިފައިވާއިރު، އޭނާ ވަނީ މިދިޔަ ޑިސެމްބަރު މަހުގައި ބޫސްޓަރ ޑޯޒް ޖައްސަވާފައެވެ.
އަންދުރޭސް މަނުއެލް ލޮޕޭޒު އޮބްރަދޯރު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން އޭނާ ވަނީ މާސްކް ނާޅުއްވާ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ. އެ ދުވަހުވެސް ރައީސް އަންދުރޭސްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެންނަން ހުރި އިރު، އޭނާ ވަނީ އެއީ ރޯގާގެ އަލާމާތެއްކަމަށް އޭރު ބުނެފައެވެ. މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނައަށް ވަނީ އަމާޒުވެފައެވެ.
މެކްސިކޯގެ ރައީސް ވަނީ އޮމިކްރޯން ވޭރިއަންޓަކީ ކުޑަ ކޮވިޑެއްކަމަށް ވިދާޅުވެފައެވެ. އޭނައަކީ އާންމު ތަންތަނުގައިވެސް އެހައި ގިނައިން މާސްކު އަޅުއްވާ ބޭފުޅެއް ނޫނެވެ.
މެކްސިކޯގައި ކޮވިޑް-19 ގެ ސަބަބުން 3 ލައްކަ އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެ ގައުމުން މި ބައްޔަށް 4.1 މިލިއަން މީހުން ޕޮޒިޓިވްވެފައިވާއިރު، އިތުރު ފަރުވާއަށް އެޑްމިޓްކުރާ މީހުންގެ ނިސްބަތް މިދިޔަ ހަފްތާގައި ވަނީ 186 އިންސައްތަ އިތުރުވެފައެވެ.