ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރު ކަމަށްވާ ރ. އަލިފުށްޓަށް އުފަން މުހައްމަދު ރަޝީދު (ހޮކޭ) އުމުރުން 36 އަހަރުގައި ޕްރޮފެޝަނަލް ފުޓުބޯޅައިން ރިޓަޔާކޮށްފިއެވެ.
ހޮކޭ ބުނެފައިވަނީ ޕްރޮފެޝަނަލް ފުޓުބޯޅައާ ދުރަށްދާން ނިންމުމަކީ އޭނާ ވަރަށް ވިސްނުމަށްފަހު ނިންމި ނިންމުމެއް ކަމަށެވެ.
ހޮކޭ ބުނީ ފުޓުބޯޅައަކީ އޭނާ އެންމެ ކުޑަ އިރުއްސުރެ ކުޅެމުން އަންނަ އެންމެ ގަޔާވާ ކުޅިވަރު ކަމަށްވުމާއެކު ފުޓުބޯޅައިން ގައުމު ތަމްސީލުކުރުމަކީ އޭނާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.
"ވޭތުވެދިޔަ އަހަރުތަކުގައި އަހަރެންނަށް އެހީތެރިވެދިން އެންމެނަށް ހިތުގެ އެންމެ ފުން މިނުން ޝުކުރު އަދާ ކުރަން،" ރާއްޖޭގެ ގައުމީ ޓީމަށް އުމުރުން 26 އަހަރުގައި ކުޅެން ފެށި ހޮކޭ ބުންޏެވެ.
ދުވެލިބާރު ކުޅުންތެރިޔާ ވަނީ ދާދި ފަހުން ޕްރެޒިޑެންޓްސް ކަޕްގައި ޓީސީ ސްޕޯޓްސް ކުލަބާއި ކްލަބް އީގަލްސްއާ ދެކޮޅަށް ސުފަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އަށް ކުޅެ މޮޅު ކުޅުމެއް ދައްކާފައެވެ.
ހޮކޭ ވަނީ އޭނާގެ ކްލަބު ކެރިއަރުގައި ރާއްޖޭގެ ނަން މަޝްހޫރު އެންމެ މޮޅު ކުލަބުތަކަށް ކުޅެފައެވެ. އެގޮތުން 2011 ވަނަ އަހަރު އޭނާ ވަނީ ވިކްޓްރީ ސްޕޯޓްސް ކުލަބަށް ކުޅެފައެވެ. އޭގެ ފަހުން އޭނާ ވަނީ ފުޓުބޯޅައިގެ އެތައް ކާމިޔާބެއް ހޯދާފައިވާ ކުލަބެއް ކަމަށްވާ ވެލެންސިއާގެ އިތުރުން މާޒިޔާ ސްޕޯޓްސް ކުލަބަށް ވެސް ކުޅެފައެވެ. ހޮކޭ ވަނީ 2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށް ނިއު ރޭޑިއަންޓަށް ކުޅެ ރާއްޖޭގެ ފުޓުބޯޅައިގެ ހުރިހާ މުބާރާތެއް އެ އަހަރު ކާމިޔާބުކޮށްފައެވެ.
ޑިފެންސިން މިޑްފީލްޑަރަކަށް ވެސް ކުޅޭ ހޮކޭ ނިއުރޭޑިއެންޓަށް ކުޅުމަށްފަހު 2019 ވަނަ އަހަރު ކުޅުނީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބަށެވެ. އޭގެ ފަހުން މިދިޔަ ސީޒަނުގައި ހޮކޭ ވަނީ ސަސްއަށް ބަދަލުވެފައެވެ.
ގައުމީ އެކި މުބާރާތްތަކުގައި ގައުމު ތަމްސީލުކުރި ހޮކޭ ގައުމީ ޓީމަށް ވަނީ 33 މެޗު ކުޅެދީފައެވެ. އެގޮތުން 2014 ވަނަ އަހަރު އޭއެފްސީ ޗެލެންޖު ކަޕްގައި ބްރޯންޒް މެޑަލް ހޯދި ޓީމުގެ އެއް އާރުކާޓީއަކީ ވެސް ހަމަ އޭނާއެވެ. އަދި 2012 ވަނަ އަހަރުގެ އެ މުބާރާތުގައި ނޭޕާލް ބަލިކުރަން ޖެހި ހަމައެކަނި ގޯލު ޖެހީ ވެސް ހަމަ އެ ޖެހިލުން ކުޑަ ޑިފެންޑަރެވެ.