މާތް އަހުލާގުގެ ތެރޭގައި، އެހެންމީހުންގެ އައިބުތައް ފޮރުވުން ހިމެނޭ: ހުތުބާ

އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދެއް - ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މާތް އަހުލާގުގެ ތެރޭގައި އެހެންމީހުންގެ އައިބުތައް ފޮރުވުން ވެސް ހިމެނޭކަން ހަނދާން ކޮށްދެމުން، މިއަދުގެ ހުކުރު ޚުތުބާ "ތިމާގެ އަޚާ ފަޟީހަތް ކުރުމުން ދުރުހެލުވުން" މި މައުޟޫއަށް ހާއްސަކޮށްފިއެވެ.

ހުތުބާގައި ބުނީ، އެހެންމީޙުންގެ އުނި ސިފަތަކާއި އައިބުތައް ފޮރުވައި ވަންހަނާ ކުރުމަކީ ރިވެތި ސިފައެއް ކަމަށެވެ.

މާތް ﷲ އީ އަޅުތަކުންނަށް ކުރެވޭ ނުބައި އަމަލުލައް ވަންހަނާ ކުރައްވާ ރަސްކަލާނގެ ކަމަށާއި އެހެންކަމުން މުސްލިމުން އައުރަ ނިވައި ކޮށް، އެހެންމީހުންގެ ސިއްރުތައް ސިއްރުކޮށް ރައްކާތެރި ކުރުމަށް ހުތުބާގައި ގޮވާލިއެވެ.

"ކީރިތި ރަސޫލާ އަޅުގަނޑުމެންނަށް އަމުރު ކުރައްވާފައި ވަނީ ، އަޅުގަނޑުމެންނަށް އޮޅުމަކުން ކުރެވޭ ހަޑި ހުތުރު އަމަލުތައްވެސް ވަންހަނާ ކުރުމަށް،" ހުތުބާގައި ބުންޏެވެ.

މީގެ އިތުރުން ހުތުބާގައި ބުނީ، ކުރެވޭ ކުށްފާފަތަކާއި ހަޑިހުތުރު އަމަލުތައް ވަންހަނާ ކުރުމަކީ، ގިޔާމަތް ދުވަހުން މާތް ﷲ ގެ ފުއްސެވުމާއި މަޣްފިރަތު ލިބޭ ކަމެއް ކަމަށެވެ.

ފޮރުވައި ވަންހަނާ ކޮށްދިނުމުގެ ތެރޭގައި، އަޚަކަށް ކުރެވޭ ނުބައި ކަމެއް ފެންނަ ހިނދު އޭނާއަށް ނަސޭހަތް ދީ، އޭނާފެ ކުށް ވަންހަނާކޮށް ދިނުން ހިމެނޭ ކަމަށް ހުތުބާގައި ބުންޏެވެ.

މުސްލިމަކު ދުނިޔެމަތީގައި ފަޟީހަތް ނުކޮށް، ވަންހަނާ ކޮށްދިން މީހަކަށް، ދުނިޔެއާއި އާޚިރަތުގައި ވަންހަނާ ކޮށްދެއްވާނެކަމަށް ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައި ވާކަމަށް ހުތުބާގައި ވަނީ މީސްތަކުންނަށް ހަނދާން ކޮށްދީފައެވެ.

comment ކޮމެންޓް