ރާއްޖޭގައި ކޮންމެ އަހަރެއްގެ ވެސް ޖުމާދަލް އާޚިރާ މަހުގެ ތިން ވަނަ ދުވަސް ފާހަގަކުރަމުން އަންނަ ހުރަވީ ދުވަހުގެ ގޮތުގައެވެ. ހުރަވީ ދުވަހުގެ ބަޠަލަކީ އައްސުލްޠާން ޙަސަން ޢިއްޒުއްދީން ދޮންބަންޑާރައިންނެވެ. ހުރަވީ ދުވަސް ހާއްސަވަނީ އެ ރަދުން މަލާބާރީންގެ އަތުން ރާއްޖެ މިނިވަންކުރެއްވުމަށް ކުރެއްވި ޖިހާދަށެވެ.
މި ދުވަސް ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރަން ފެށީ 1980 ވަނަ އަހަރުއެވެ.
ހިޖުރައިން 981 ވަނަ އަހަރު ބޮޑުތަކުރުފާނު ޕޯޗުގީޒުންގެ ކިބައިން ދިވެހިރާއްޖެ މިނިވަން ކުރެއްވިތާ 185 އަހަރު ފަހުން، ގައުމަށް ހިޔާނާތް ތެރިވި އަލްގާޒީ ހަސަން ތާޖުއްދީންގެ ދެ ދަރިކަލުންކަމަށްވާ އޭރު ފަނޑިޔާރު ކަލޭގެފާނު މުހައްމަދު ޝަމްސުއްދީނާއި އޭނާގެ އެއްބަނޑު އެއްބަފާ ޙަތީބް އަހްމަދު މުޙިއްޔުއްދީން، ކަންނަންނޫރަށް ސިޓީއެއް ފޮނުއްވާ އަލީ ރާޖާއަށް ދިވެހިރާއްޖޭގެ ވެރިކަން ހޯދައިދެއްވަން ވިދާޅުވިއެވެ.
އެއާއެކު އޭރު ތަހުތުގައި އިންނެވި ރަދުން އައްސުލްތާން މުކައްރަމް މުހައްމަދު އިމާދުއްދީން 3 ވަނަ ސިރީ ނަވަރަންނަ ކީރިތި މަހާރަދުން އަތުލައިގެން ކަންނަން ނޫރައް ގެންގޮސް މަލާބާރީން މާލޭގައި އެމީހުންގެ ވެރިކަން ގާއިމް ކުރިއެވެ.
ބޭރު ބައެއްގެ އަތްދަށް ރާއްޖޭގެ ވެރިކަން މިގޮތަށް ފުރޮޅިގެންދާ ކޮންމެ ފަހަރަކު ދިވެހި އުޑުދަށުން ވަރުގަދަ ފަހުލަވާނަކު އެބައެއްގެ ވެރިކަން އެފުށް މިފުށަށް ޖައްސަވައި ރާއްޖެ ސަލާމަތް ކުރައްވައެވެ.
މަލާބާރީންގެ އަތުން ރާއްޖެ ސަލާމަތް ކުރެއްވީ ދޮންބަންޑާރައިންނެވެ. ހިޖުރައިން 1166 ވަނަ އަހަރުގެ ޖުމާދަލް އާޚިރާމަހުގެ ތިނެއްވީ ރޭ މެންދަމު ދޮންބަންޑާރައިން ދިވެހީންގެ ހިތްވަރުގަދަ ބަޔަކު ގޮވައިގެން، ވަޑައިގެން މަލާބާރީންނަށް ކުއްލި ހަމަލާއެއް ދެއްވައި އެމީހުން ބަލިކޮށް ލެއްވިއެވެ. މިކަމުގައި ދޮންބަންޑާރައިން ދައްކަވާފައި ވަނީ އާދަޔާ ހިލާފު މޮޅު ރޭވުންތެރި ކަމަކާއި ހިތްވަރެކެވެ. ޙިކުމަތްތެރިކަމާއި ސާބިތު ކަމެކެވެ.
ދޮންބަންޑާރައިން ރާއްޖެއަށް ގެނެސްދެއްވި މިނިވަންކަމާއި ޤައުމިއްޔަތު ދެމެހެއްޓުމުގެ ބާރާއި ޖޯޝް ދިވެހި ހިތްތަކުގައި ދިރުވައި ދެމެހެއްޓުމުގެ ގޮތުން 1980 ވަނަ އަހަރުން ފެށިގެން މި ދުވަސް ފާހަގަކުރަމުން އަންނަނީ ހުރަވީ ދުވަހުގެ ގޮތުގައެވެ. މި ދުވަހަށް ހުރަވީ ދުވަސް ކިޔުއްވާފައިވަނީި އެމަނިކުފާނަކީ މާލެއަތޮޅު ހުރަޔަށް ނިޞްބަތްވާ ބޭފުޅަކަށްވާތީއެވެ.
ތާރީހު ލިޔުއްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ދޮންބަންޑާރައިން ހޮޅީންގެ އަތުން ރާއްޖެ މިނިވަން ކުރެއްވީ "އުކުޅާއި ހިކުމަތުން"ނެވެ.