ޖޭސްޓޯ ލައިބްރަރީގެ ހިދުމަތް ރާއްޖޭގެ ހުރިހާ ކޮލެޖު، ޔުނިވަސިޓީތަކަށް

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ---

ރާއްޖޭގެ ހުރިހާ ކޮލެޖުތަކާއި ޔުނިވާސިޓީތަކަށް ޖޭސްޓޯ ލައިބްރަރީގެ ހިދުމަތް ދިނުން ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

ޖޭސްޓޯ ލައިބްރަރީއަކީ ކިޔެވުމަށް ބޭނުންވާ 12 މިލިއަނަށް ވުރެ ގިނަ އޮންލައިން ފޮތްތަކާއި ލިޔުންތައް ހިމެނޭ އޮންލައިން ލައިބްރަރީއެކެވެ.

ރާއްޖޭގެ 14 ކޮލެޖް/ ޔުނިވަސިޓީއަކަށް މި އޮންލައިން ލައިބްރަރީގެ ހިދުމަތް ދިނުމަށް ވަނީ ލިޔުން ހަވާލު ކޮށްފައެވެ. އެ އިންސްޓިޓިއުޓްތަކަކީ:

 • މެޕްސް ކޮލެޖް
 • ސައިރެކްސް ކޮލެޖް
 • މިއަންޒް އިންޓަނޭޝަނަލް ކޮލެޖު (މައި ކޮލެޖް)
 • މޯލްޑިވްސް ބިޒްނަސް ސްކޫލް
 • މަންދު ކޮލެޖް
 • އެވިޑް ކޮލެޖް
 • ކްލިކް ކޮލެޖް
 • ކޮލެޖް އޮފް ޑިފެންސް އެންޑް އެކިއުރިޓީ ސްޓަޑީސް
 • ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް
 • މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ
 • އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް
 • ޒިކުރާ އިންޓަނޭޝަނަލް ކޮލެޖް
 • ވިލާ ކޮލެޖް
 • މޯލްޑިވްސް ޕޮލިޓެކްނިކް

މިއަދު ޔޫތު ބަޒްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތަންތަނަށް ލިޔުން ހަވާލުކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އަހަރީ ޑޭޓާ ކަލެކްޝަން ޕޯޓަލް ތައާރަފު ކޮށްފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، މިއީ ރާއްޖޭގައި ފެންވަރު ރަނގަޅު މަތީ ތައުލީމެއް ފޯރުކޮށްދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

އޭނާ ވިދާޅުވީ މިނިސްޓަރު ކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އެންމެ އިސްކަމެއް ދެއްވީ ރާއްޖޭގެ ކޮލެޖު/ ޔުނިވާސިޓީތަކުގެ ކިޔަވައި ދިނުމުގެ ފެންވަރާއި އުނގެނުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް ދައްކާ ވާހަކައެއް، އުނގެނުމަކީ ހަމައެކަނި ސަނަދެއްގެ ބޭނުމުގައި ކުރަންވާ ވަރުގެ ކަމެއް ނޫން. ކޮށްގެން ވާނެ ކަމެއް ވެސް ނޫން. އުނގެނުން ވާން ޖެހޭނީ އެއަށްވުރެ މާ މާތް މަގްސަދުތަކެއް ހާސިލު ކުުރުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މަތީ ތައުލީމު ދިނުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކޮލެޖް/ ޔުނިވާސިޓީތަކާއި މިނިސްޓްރީގެ ގުޅުން ރަނގަޅުވާން ޖެހޭނެކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން، މީގެ ކުރިން މިނިސްޓްރީން ހުރިހާ އިންސްޓިޓިއުޓަކާ އެކު މަހަކު އެއްފަހަރު އޮންލައިންކޮށް ބާއްވަމުން ދިޔަ ބައްދަލުވުން އެކި ފަހަރު އެކި ކޮލެޖްގައި ބޭއްވުމުގެ އިންތިޒާމު ކޮލެޖް/ ޔުނިވާސިޓީތަކުން ހަމަޖައްސައި ދިނުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

comment ކޮމެންޓް