އަންހެނުންނަށް އަނިޔާކުރުމަށް ދީން ހަތިޔާރަކަށް ބޭނުންކުރޭ: އެޗްއާރްސީއެމް

ޖޫން 29، 2020: ރޭޕްއާއި އަނިޔާއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންހެނުންނަށް ތަފާތު އެކި އަނިޔާތައް ދިނުމަށް، ދީން ހަތިޔާރަކަށް ހަދައިގެން ބޭނުން ކުރަމުން އަންނަ ކަމަށް އެޗްއާރްސީއެމްގެ 2021 ވަނަ އަހަރުގެ ހިއުމަން ރައިޓްސް ރިޕޯޓުން ދައްކައިފިއެވެ.

މި ރިޕޯޓުގައި އެޗްއާރްސީއެމުން ވަނީ އަންހެނުންގެ ހައްގުތަކާ ގުޅުން ހުރި ގިނަ މައްސަލަތަކެއް ފާހަގަކޮށްފައެވެ. އެގޮތުން އަަންހެނުންގެ ހައްގުތަކާއި މިންތީގެ ހަމަހަމަކަން މުޖުތަމައު ބަލައިގަންނަ މިންވަރު ދަށްވަމުންދާކަން ވަނީ އެޗްއާރްސީއެމުން ފާހަގަކޮށްފައެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމަށް ބަލާއިރު:

  • އަންހެނުންގެ ޙައްޤުތަކާއި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ކުރާ މަސައްކަތަށް ހުރަސްއެޅުމަށް ދީން ބޭނުންކުރާކަން ފާހަގަކޮށްފައިވޭ
  • މިންތީގެ ހަމަހަމަކަން ގާއިމްކޮށް އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަގުފަހިވާގޮތަށް ގާނޫނީ އޮނިގަނޑު ފަރުމާކުރެވިފައި ވީނަމަވެސް އެކަން ތަންފީޒުކުރުމަށް
  • އެކަށީގެންވާ މަސައްކަތްކުރެވިފައި ނުވާކަން ފާހަގަކޮށްފައިވޭ
  • ރަށްރަށުގައި އުޅޭ އަންހެނުން ބާރުވެރިވުމަށް ހުރި ފުރުސަތުތައް މަދުކަން ފާހަގަކޮށްފައިވޭ
  • ނޮން-ކޮންސެންޝުއަލް ޕޯނޯގްރަފީ، ރެކޯޑެޑް ސެކްޝުއަލް އެސޯލްޓް އަދި ސެކްސްޓޯޝަން ފަދަ ސައިބަރ ކްރައިމްސް މުޖްތަމައުގައި އިތުރުވަމުންދާކަން ފާހަގަކޮށްފައިވޭ
  • ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން ކުޑަކަން ފާހަގަކޮށްފައިވޭ

މިފަދަ މައްސަލަތައް ރިޕޯޓުކުރަމުން ދާތީ ތަންފީޒީ އިދާރާތަކުން އަނިޔާ ލިބުނު ފަރާތަކީ ކުށްކުރި ފަރާތެއްކަމުގައި ބެލެވިދާނެތީ، އަނިޔާ ލިބިފައިވާ ފަރާތް އިތުރު އަނިޔާއަށް ހުށަހެޅިގެންދާކަމާއި މިކަމުގެ ސަބަބުން ރިޕޯޓުކުރަން ފަސްޖެހޭކަން ފާހަގަކުރެވުނުކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އާއްމު އަދި ސިޔާސީ މަޤާމްތަކުގައި އަންހެނުންގެ ބައިވެރިވުމަށް ހުރި ގޮންޖެހުންތަކުގެ ތެރޭގައި މާލީ ތަނަވަސްކަން ނެތުމާއި، ޢާއިލާއާއި މުޖްތަމަޢުގެ އެއްބާރުލުން ނުލިބުމާއި، ކެމްޕެއިނުގެ ތެރޭގައި އަންހެން ކެންޑިޑޭޓުންނަށް ފުރައްސާރަކުރުމާއި، މީޑިއާގައި ޢާއްމު އަދި ސިޔާސީ މަޤާމުތަކުގައި އުޅޭ އަންހެނުން ނޭދެވޭ ގޮތުގައި ތަމްސީލްކުރުމާއި، އަންހެނުންގެ ގާބިލްކަމާމެދު ސުވާލު އުފެއްދުން އަދި އަންހެނުންނާއި ފިރިހެނުންގެ ގާބިލްކަން މިނެކިރުމުގައި ތަފާތުކުރުން ގެންގުޅުން ހިމެނޭކަން އެޗްއާރްސީއެމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

  • އަންހެނުންނަށް އަނިޔާކުރުމަށް ދީން ހަތިޔާރެއްގެ ގޮތުން ބޭނުންކުރާކަން ފާހަގަކޮށްފައިވޭ

އެޗްއާރްސީއެމްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އަަނިޔާއަށް ހުށަހެޅޭ އަންހެނުންގެ ތެރެއިން އެހީތެރިކަން ހޯދަނީ ފަސްބައިކުޅަ ދެބައި މީހުންނެވެ. އަނިޔާއަށް ހުށަހެޅޭ އަންހެނުން ރިޕޯޓުކުރުމަށް ފަސްޖެހޭ ސަބަބުތަކުގެ ތެރޭގައި ނިޒާމަށް އިތުބާރު ނުކުރެވުމާއި، ސިއްރު ނުހިފެހެއްޓުމާއި، ރިޕޯޓުކުރާ ފަރާތްތަކަށް އޮންނަ ރައްކާތެރިކަން ކުޑަވުން ހިމެނޭކަން ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތުތަކުން ފާހަގަވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އަންހެނުންގެ ހައްގުތަކާއި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ކުރާ މަސައްކަތަށް ހުރަސްއެޅުމަށާއި އަންހެނުންނަށް ތަފާތު އެކި އަނިޔާތައް ދިނުމަށް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރާ ކަން ފާހަގަކޮށްފައިވެއެވެ.

ދެ ހާސް ފަނަރަ ވަނަ އަހަރާއި 2020 ވަނަ އަހަރު ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތަކަކީ އަންހެނުންނަށް އަނިޔާކޮށްގެން ހުށަހެޅުނު މައްސަލަތައް ކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ މައްސަލަތަކުގައި ދައުވާ ކުރަން ފޮނުވާ އަދަދު މަދު ކަން ފާހަގަކޮށްފައިވެއެވެ.

މިދިޔަ އަހަރު އަންހެނުންނަށް އަނިޔާ ކުރުމުގެ ނުވަ މައްސަލައެއް ވަނީ އެޗްއާރްސީއެމަށް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ނަފްސާނީ އަނިޔާ ލިބިފައިވާ ކަމަށް ބުނެ ހުށައަޅާފައިވާ މައްސަލައާއި ޖިސްމާނީ އަނިޔާ ލިބިގެން ހުށައަޅާފައިވާ މައްސަލައާއި ޖިންސީ ފުރައްސާރަ ލިބިގެން ހުށައަޅާފައިވާ މައްސަލައާއި ގެވެށި އަނިޔާގެ މައްސަލައާއި ޖިންސީ ގޯނާގެ މައްސަލަ ހިމެނެއެވެ.

comment ކޮމެންޓް