99 ޕަސެންޓު އިންޖީނުގެ މީހުން ދިރިއުޅޭ ސަރަހައްދުތަކާ އެކަހެރި ކުރެވިއްޖެ: ފެނަކަ

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު --- ފޮޓޯ/ ޕީއެސްއެމް

އިންޖީނުގެތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާ އެކަހެރި ކުރުމުގެ މަސައްކަތުގެ 99 ޕަސެންޓު ހާސިލުކުރެވިފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އިންޖީނުގެތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާ އެކަހެރި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެކެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު "ސަން"އަށް މިރޭ ވިދާޅުވީ އިންޖީނުގެތައް މީހުން ދިރިއުޅޭ ސަރަހައްދުކަތަކުގައި ހުރުމަކީ ރައްޔިތުންގެ ސިއްހަތައް ބޮޑެތި އަސަރުތަކެއް ކުރާކަމެއް ކަމަށެވެ.

"އަރާހާ ދުމެއް. އިވޭހާ އަޑެއްގެ ތެރޭގައި ރައްޔިތުން އުޅެމުން މި ދިޔައީ. މިއީ ކިހާ ބޮޑު ތަކުލީފެއްތޯ. އެންމެ ކުޑަ މިނުން ފަސް ވަގުތު އިވެންޖެހޭ ބަންގީގެ އަޑު ނީވޭ އެތައް ރައްޔިތުންނެއް އުޅެމުން އެބަދޭ،" ސައީދު ވިދާޅުވިއެވެ.

އިންޖީނުގެ ހުންނަ ސަރަހައްދު ތަކުގައި ދިރިއުޅޭ މީހުންނަށް ސާފު ބޯފެން ފޮދެއްވެސް ނުނެގެއެވެ. ނަމަވެސް ގިނަ ރަށްތަކުގެ ރައްޔިތުން މިއަދު އެތަކުލީފުން ސަލާމަތްކުރެވިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

މި ސަރުކާރު އެންމެ މުހިންމު ކަމެއް ދީގެން ކުރާނެ ކަމަކީ ރައްޔިތުން ރައްކާތެރިކަން ކަށަވަރުކުރުންކަމަށް ވެސް އެނާ ވިދާޅުވިއެވެ.

އިންޖީނުގޭގެ މި މަސައްކަތްތަކަކީ ބޮޑު ކާމިޔާބީއެއްކަމަށް ސައީދު ގަބޫލުކުރައްވައެވެ.

"މި ފައިތުވެ ދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ނުކޮށްދެވު ކަމެއް މި ކޮށްދެވުނީ،" ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެއްވެސް ސަރުކާރަކަށް ނުކުރެވުނު ކަމެއް މި ސަރުކާރަށް ކުރެވުނީ ރައީސް ސޯލިހުގެ އިޚްލާސްތެރި ވިސްނުންފުޅުގެ ސަބަބުން ކަމަށެވެ.

ކުރީގެ ސަރުކާރުތަކުގައި ފެނަކަ ހިންގި ގޮތާއި މިހާރު ފެނަކަ ހިނގަމުންދާގޮތާ ހާސް ތަފާތު އެބަހުރިކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން މިދިޔަ ސަރުކާރުގައި ފެނަކައަށް ހިންގިފައިވަނީ އަށް މަޝްރޫއު ކަމަށް ވިޔަސް މި ދައުރުގައި އެ ކުންފުނިން 200 އަށް ވުރެ ގިނަ މަޝްރޫއު ހިންގަމުން އެބަދާ ކަމަށް ސައީދު ވިދާޅުވިއެވެ.

ކުރިން ފެނަކަ އަކީ ދަރަނި ވެރިވެފައިވާ ކުންފުންޏެއް ކަމުގައިވީ ނަމަވެސް މިއަދު ފެނަކަ އަކީ ނަފާވާ ކުންފުންޏެއް ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް