ޗެލްސީއިން ބާސާގެ ސާޖިނޯ ޑެސްޓަށް ފާރަލަނީ

އުމުރުން 21 އަހަރުގެ ސާޖިނޯ ޑެސްޓް

ބާސެލޯނާއަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ސާޖިނޯ ޑެސްޓަށް އެންމެފަހުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ޗެލްސީއިން ފާރަލާން ފަށައިފި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ބާސާގެ ކުރީގެ ކޯޗު ރޮނާލްޑް ކޫމަން އެޓީމާ ހަވާލުވުމަށްފަހު އެ ކްލަބަށް ސޮއިކުރި ފުރަތަމަ ކުޅުންތެރިއަކީ ޑެސްޓެވެ. ޑެސްޓް ވަނީ މީގެ ކުރިން އަޔަކްސްއަށް ވެސް ކުޅެފައެވެ. ބާސާއަށް އޭނާ ސޮއިކުރީ ފަސް އަހަރު ދުވަހަށް 400 މިލިއަން ޔޫރޯއަށެވެ. އޭނާ ބާސާއަށް ސޮއިކުރީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 21 ވަނަ ދުވަހުގައެވެ.

ޓްރާންސްފާ މާކެޓުގައި އުމުރުން 21 އަހަރުގެ ޑެސްޓުގެ އަގަކީ 35 މިލިއަން ޔޫރޯއެވެ. ޗެލްސީން އަންނަނީ އޭނާއާއެކު ބައްދަލުވުންތަކެއް ބޭއްވުމަށް މަސައްކަތް ކުރަމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޗެލްސީ އޮތީ އެޓީމުގެ ޑިފެންޑަރު އަންޓޯނިއޯ ރުޑިގާ އެޓީމު ދޫކޮށް ގޮސްފާނެތީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ރުޑިގާ ޗެލްސީގެ ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. ރުޑިގާއާ އެކު ޗެލްސީން ހަދާފައިވާ ކޮންޓްރެކްޓް އާ ކުރަން އެ ކްލަބުން ކުރަމުން އަންނަ މަސައްކަތަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބެއެވެ. އެއީ ރުޑިގާ ކިޔާ މުސާރަ ބޮޑުުވުމުންނެވެ.

ޗެލްސީއަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ރުޑިގާ އަންނަ ފުޓުބޯޅަ ސީޒަނުގައި މަޝްހޫރު ރެއާލް މެޑްރިޑަށް ބަދަލުވާނެކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އުމުރުން 28 އަހަރުގެ ރުޑިގާ ވިދާލީ މިއަހަރު ބޭއްވި ޔޫރޯ މުބާރާތުގައި ޖަރުމަނުގެ ޓީމަށް ތަފާތު ދައްކާ މޮޅު ކުޅުމެއް ދެއްކުމުންނެވެ. ބެލެވޭ ގޮތުގައި ރުޑިގާ ރެއާލަށް ދާން ނިންމާފައިވަނީ ފްރީ ޓްރާންސްފާއެއްގެ ދަށުންނެވެ.

ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ހިލޭ ޓްރާންސްފާއެއްގައި ރުޑިގާ ހޯދަން ރެއާލުން ވަނީ އޭނާއާ އެކު އަނގަބަހުން އެއްބަސްވުމަކަށް އަތުވެފައެވެ.

ރެއާލަށް އޭނާ ބަދަލުވެއްޖެނަމަ ޕްރިމިއާ ލީގުން އޭނާ ނުފެނި ދެން ފެންނާނީ ލަލީގާއިންނެވެ. އޭނާ އަކީ މި އަހަރު ވެސް ޗެލްސީއަށް އެންމެ ގިނަ މެޗު ކުޅެފައިވާ ޑިފެންޑަރެވެ. އެގޮތުން އޭނާ ވަނީ ޖުމުލަ 23 މެޗު ކުޅެފައެވެ. ހަމައެހެންމެ ރުޑިގާ ވަނީ އެންމެ ފަހުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ފައިނަލުގައި ކުޅެ ޗެލްސީއަށް ތަށި ކާމިޔާބުކޮށްދީފައެވެ.

މިއާ ޚިލާފަށް ޑެސްޓު ބާސާ ދޫކޮށް ޗެލްސީއަށް ބަދަލުވެއްޖެނަމަ ލަލީގާއިން އޭނާގެ ތަފާތު ކުޅުން ނުފެނި، ދެން ފެންނާނީ އިނގިރޭސި ޕްރިމިއާ ލީގުންނެވެ.

ޗެލްސީގެ އިތުރުން ބާސާ އިން ވެސް އަންނަނީ އެ ޓީމު އިތުރަށް ވަރުގަދަ ކުރުމަށް ދުނިޔޭގައި މިހާރު އެންމެ ނަން ވިދާ ކުޅުންތެރިން އެޓީމަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ދާދި ފަހަކުން މެންޗެސްޓާ ސިޓީއަށް މޮޅު ކުޅުމެއް ދެއްކި ސްޕެއިންގެ ފޯވާޑް ފެރާން ޓޮރެސް ވަނީ ދާދި ފަހަކުން ބާސާއާ ގުޅިފައެވެ.

comment ކޮމެންޓް