4000 ހައުސިން ޔުނިޓްގެ އެޑްވާންސް ފައިސާ ދައްކައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަން އިން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 4000 ހައުސިން ޔުނިޓްގެ އެޑްވާންސް ފައިސާ ވަނީ ދައްކާފައި ---- ފޮޓޯ/ އެފްޑީސީ

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 4000 ހައުސިން ޔުނިޓްގެ އެޑްވާންސް ފައިސާ ދައްކައިފިއެވެ.

ފަހި ދިރިއިޅުން ކޯޕަރޭޝަނުން 4000 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވާއިރު އޭގެ ތެރެއިން 2000 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވަނީ އިންޑިއާގެ އެންބީސީސީ ކުންފުނިންނެވެ.

އަނެއް 2000 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ, އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއިންނެވެ.

އެ ދެ ކުންފުނީގެ ތެރެއިން އެންބީސީސީއަށް ދައްކާފައިވަނީ 20.6 މިލިއަން ޑޮލަރެވެ. އަދި ޖޭއެމްސީއަށް ދައްކާފައިވަނީ, 19.5 މިލިއަން ޑޮލަރެވެ.

އެ ފައިސާ ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ދޫކޮށްފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުން ބަޔާޒް ކްރެޑިޓްގެ ދަށުންނެވެ.

މި ދެ ޕްރޮޖެކްޓްގެ ދަށުން 900 އަކަފޫޓުގެ، ތިން ކޮޓަރިއާއި ތިން ފާހާނާގެ 2800 ޔުނިޓް އަދި 650 އަކަފޫޓުގެ، ދެ ކޮޓަރިއާއި ދެ ފާހާނާގެ 1200 ޔުނިޓް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިކްސްޑް ރެސިޑެންޝަލް ޑިވެލޮޕްމަންޓް މޮޑެލްއަށް ރޭވިފައިވާ މިމަޝްރޫއުތަކުގެ ގްރައުންޑް ފްލޯ އަދި ފަސްޓްފޮލޯގައި ހިމެނޭނީ މިޔުނިޓު ތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހާއްސަ ކުރެވޭ ރީޓެއިލް އައުޓްލެޓްތަކާއި ޕާކިންއެވެ.

މިއިން ކޮންމެ މަޝްރޫއެއްގައި 16 ޓަވަރު އިމާރާތްކުރާއިރު ދެ ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކޮށްފައިވާ ޓަވަރުތަކާއި، ތިން ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކޮށްފައިވާ ޓަވަރުތައް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއިން ކޮންމެ ޓަވަރެއް ޑިޒައިންކޮށްފައި ވަނީ 17 އަދި 18 ފަންގިފިލާ ހިމެނޭގޮތަށް، ކޮންމެ ޓަވަރެއްގައި ތިން ލިފްޓް ހިމަނައިގެންނެވެ. މީހުން ދިރިއުޅޭ ކޮންމެ ފަންގިފިލާއެއްގައި އަށް ރެޒިޑެންޝިއަލް ޔުނިޓް ހުންނާނެއެވެ. އެފްޑީސީއިން މިހާރު ދަނީ މި ދެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ތައްޔާރީތައްވަމުންނެވެ.

comment ކޮމެންޓް