މަސްތުވާތަކެތި ވިޔަފާރީން ނަފާ ހޯދާ ސިޔާސީ މީހުންގެ ނަން މިނިސްޓަރަށް ވިދާޅުނުވެވުނު!

ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މަސްތުވާތަކެތީގެ ވިޔަފާރިން ނަފާ ހޯދާ ސިޔާސީ މީހުންގެ ނަންތައް ހާމަކުރައްވަން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފަސްޖެހިވަޑައިގެންފިއެވެ.

މަސްތުވާތަކެތި ނައްތާލުމަށް ޓަކައި ފުލުހުން މިއަދު ކ. ދޫނިދޫގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވަނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އޮތް އެންމެ ބޮޑު ދައްޗަކީ މަސްތުވާތަކެތީގެ ވިޔަފާރީން ނަފާ ހޯދާ މީހުން އުޅުން ކަމަށާއި އޭގެ ތެރޭގައި ބައެއް ސިޔާސީ މީހުން ވެސް ހިމެނޭ ކަމަށް ވިދާޅުވެފައެވެ.

މިފަދަ މީހުންނާ މެދު ރައްޔިތުން ސަމާލުވާން ޖެހޭ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

މި ރަސްމިއްޔާތަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ މަސްތުވާތަކެތީގެ ބޮޑެތި އަދަދުތަކާއެކު ހައްޔަރު ކުރެވުނު މީހުން، ޝަރީއަތަށް ދިއުމުގެ ކުރިން ދޫވުމުގައި ބަޔަކު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މިފަދަ "މަސްތުވާތަކެތި ބޭނުން ކުރާ މީހުންނާ އެކުގައި މަސައްކަތްކުރާ ނުވަތަ އެ މީހުންގެ ފަހަތުގައި ހަރަކާތްތެރިވާ މީހުން"ނާ ހަމައަށް ފޯރުމަށް ގިނަ ދަތިތަކެއް ހުރިކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑު މި ދެންނެވީ ސިޔާސީ ފަރާތްތަކާއި ވިޔަފާރި ވެރިންނާ، މި ހުރިހާ ކަމަކީ އަޅުގަނޑުމެންގެ ގައުމަށް ޓަކައި އަޅުގަނޑުމެން ހުއްޓުވަން ޖެހޭ ކަންކަން، ޝަރުއީ މަރުހަލާގެ ތެރެއިން ފުލުހުން ގެންދަން ޖެހޭ ހިސާބަށް ގެންދާނެ،" އިމްރާން ވިދާޅުވިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ހިމާޔަތްކުރަން ތިބޭ މީހުންގެ ނަންތައް ވަކިވަކިން ހާމަކުރަން ނުޖެހޭނެ ކަމަށެވެ.

"ދެން ފަހަތުގަ ތިބޭ ފަރާތްތަކަށް، އަޅުގަނޑު ހިތުން އަޅުގަނޑު ޕަބްލިކަށް ނިކުމެ ވަކިވަކި ބޭފުޅުންގެ ނަންނަން ކިޔާކަށް ނުޖެހޭނެ،" އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ސިޔާސީ މީހުން އިސްކޮށް އުޅޭކަން ފުލުހުންނަށް ވެސް ރައްޔިތުންނަށް ވެސް ފާހަގަވެފައިވާ ކަމަށެވެ.

"އަޅުގަނޑު ހިތުން ފުލުހުންނަށް ވެސް މީހުންނަށް ވެސް އައިޑެންޓިފައިވޭ، ވާހަކަދެކެވޭ، އަޅުގަނޑުމެން އެ ފަރާތްތަކުގެ ވާހަކަ ނުދައްކަނީ، ތިބޭފުޅުން އެ ވާހަކަ ދައްކަވަންވީ، އަޅުގަނޑު މި ދަންނަވަނީ އެންމެ ފަހުން މި މައްސަލަތަކުގަ ގެންދެވިފަ ތިބި ފަރާތްތައް ބެއްލެވީމަ ތިބޭފުޅުންނަށް އެނގިވަޑައިގަންނާނެ ކޮން ބައެއް ކަން،" ނޫސްވެރިންނާ މުހާތަބު ކުރައްވަމުން އިމްރާން ވިދާޅުވިއެވެ.

އެހެންނަމަވެސް އެއްވެސް މީހެއްގެ ނަން ހާމަކުރައްވަން މިނިސްޓަރު ވަނީ ދެކޮޅު ހައްދަވައިފައެވެ.

"އެހެންވީމަ އެ ނަންތައް ކޮންމެހެން ކިޔަން ޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރަން،" އިމްރާން އިތުރަށް ވިދާޅުވިއެވެ.

މީގެ އިތުރުން ފާއިތުވީ ތިން އަހަރު ތެރޭގައި 1.8 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާއި މިއީ މަގުމަތީގައި އުޅޭ "ކުޑަކުދިންކޮޅަކަށް" ވާނެ ކަމެއް ނޫން ކަމަށް އިމްރާން ވިދާޅުވިއެވެ.

"މިއީ އަޅުގަނޑު ހިތުން މަގުމަތީގައި އުޅޭ ކުޑަކުޑަ ދެތިން ކުދިންނަށް ކުރެވޭނެ ކަމެއް ނޫން، މިއީ އަޅުގަނޑުމެން އެންމެންނަށް ވެސް އެނގެން ޖެހޭ ކަމެއް،" އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ވާހަކަތައް ދައްކަނީ އަމިއްލަ މީހާ "ރިސްކު ކޮށްގެން" ކަމަށާއި ނަން ހާމަނުކުރިޔަސް އެ މީހުން އެ މަސައްކަތްތަކުން ދުރުވުމަށް ގޮވާލާ ކަމަށެވެ.

comment ކޮމެންޓް