އިގްތިސޯދު ވަރުގަދަ ކުރުމަށް އޭވިއޭޝަން ދާއިރާގެ ފަންނީ މީހުން މުހިންމު: ނައިބު ރައީސް

މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ/ ރައީސް އޮފީސް

އޭވިއޭޝަން ދާއިރާގައި ޒުވާނުންނަށް ފުރުސަތު އެބައޮތް ކަމަށާއި ޒުވާނުން އެ ފުރުސަތުތަކުގެ ބޭނުން ހިފަންޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ޕައިލެޓުން ތަމްރީނުކުރުމަށް، ގައުމީ އެއާލައިން، މޯލްޑިވިއަން އާއި ގައުމީ ޔުނިވާސިޓީ ގުޅިގެން އުފެއްދި، މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ފްލައިން ސުކޫލެއްގެ ހުޅުވުމުގެ މަސައްކަތް ސަރުކާރާއި މޯލްޑިވިއަން އިން އިސްނަގައިގެން ކުރަމުން އަންނަތާ މިހާރު ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

ސަރުކާރުން މިފަދަ ކަމެއް ފަށަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ރާއްޖޭގައި މީގެ ކުރިން ހިންގި މިފަދަ ޕްރޮގްރާމެއްގައި ބައިވެރިވި އެތައް ދަރިވަރުންނަށް ކުރިމަތިވި ދަތި އުނދަގޫ ކަންތައްތައް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"ހަމައެއާއެކު މި ދާއިރާއަކީ މިއީ ދިމުޅި ރާއްޖެއަށް ބަލައިފި ކަމަށް ވަންޏާ ދަތުރުފަތުރުގެ ނިޒާމު މިވަނީ ގުޅި ލާމެހިފައި، އެހެންކަމުން މި ދެ ކަންތަކަށް ބަލާއިރު ވެސް ރާއްޖޭގައި މިދާއިރާގައި މީހުން ބިނާ ކުރުމަކީ، ސަރުކާރުގެ ތަރައްގީގެ އަމާޒެއް،" ނައިބު ރައީސް ވިދާޅުވިއެވެ.

އޭވިއޭޝަން ދާއިރާއަށް ބަލާނަމަ ރާއްޖެ މިހާރު މިވަނީ އިންގިލާބީ ބަދަލުތަކެއް އައިސް އިތުރަށް ފުޅާވުމުގެ މަގުމަތީގައި ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެގޮތުން އެއާޕޯޓުތައް އިތުރުވެ، ފުރުސަތުތައް އިތުރަށް ފަހިވަމުން އަންނަ ކަން ފާހަގަކުރެއްވިއެވެ.

"އެހެންވީމާ މި ހުރިހާ ކަމަކަށް ވިސްނާލާއިރު، ރާއްޖޭގެ ތަރައްގީއާއި ރާއްޖޭގެ އިގްތިސޯދު ވަރުގަދަ ކުރުމަށް ޓަކައި މި ދާއިރާއިން މީހުން ބިނާވެގެން ދިއުމަކީ ވަރަށް މުހިންމު ކަމެއް،" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްކަން ދެއްވަނީ ގައުމަށް ބޭނުންވާ އެންމެ މުހިންމު ދާއިރާތަކުން މީހުން ބިނާ ކުރުމަށް ކަމަށެވެ. އެގޮތުން ޕައިލެޓުންނާއި އިންޖިނޭރުންނާއި މެންޓަލް ހެލްތު ދާއިރާގެ މީހުން ހިމެނޭ ކަން ފާހަގަކުރެއްވިއެވެ.

"މީހުން ބިނާ ކުރުމުގެ ދާއިރާއަކީ ސަރުކާރުގެ އެންމެ އިސް ސިޔާސަތުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އެންމެ ބޮޑު ހޭދައެއް ކުރައްވައިގެން ކުރައްވާ ކަމެއް،" ނައިބު ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް