އޯޑިއޯގެ އަޑު ދިމާނުވާތީ، ގާޒީ ފާއިޒުގެ ސަސްޕެންޝަން އުވައިލައިފި

ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގެންނެވި ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު: އޭނާގެ ސަސްޕެންޝަން ޖޭއެސްސީން ވަނީ އުވައިލައިފައި--

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތާ ގުޅޭގޮތުން ފަނޑިޔާރުންތަކެއް ދައްކައިފައިވާ ވާހަކަތަކެއް ކަމަށް ބުނެ ލީކުވި އޯޑިއޯތަކުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އަޑު ދިމާނުވާތީ ސަސްޕެންޝަން އުވައިލައިފިއެވެ.

ފުލުހުންގެ އޯޑިއޯ އެނަލިސިސްގައި ކަނޑައަޅާފައިވަނީ ލީކުވި އޯޑިއޯތަކުގެ އަޑާ ދިމާވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އެކަނި ކަމަށެވެ. އެއާއެކު ޖޭއެސްސީން ވަނީ އެ ކޮމިޝަނުން ވަކި ގޮތެއް ކަނޑައަޅަންދެން 60 ދުވަހުގެ މުއްދަތަކަށް ގާޒީ ފާއިޒު ސަސްޕެންޑުކޮށްފައެވެ.

ޖޭއެސްސީން މިރޭ ބުނީ ގާޒީ ފާއިޒު ސަސްޕެންޑުކޮށްފައިވަނިކޮށް، މެލޭޝިއާގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާގެ ޑިޖިޓަލް ފޮރެންސިކް ޑިޕާޓްމަންޓްއިން ތައްޔާރުކޮށްފައިވާ ޑިޖިޓަލް ފޮރެންސިކް އިން ހެދި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއިން އެ އޯޑިއޯ ގައިވާ އަޑާއި ގާޒީ ފާއިޒުގެ އަޑު ދިމާނުވާކަމަށެވެ.

ހަމައެހެންމެ މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ސައްހަ އޯޑިއޭތަކެއް ނޫންކަމަށާއި އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާނެކަމަށް ގާޒީ ފާއިޒު ވިދާޅުވެފައިވާތީއާއެކު، ގާޒީ ފާއިޒުގެ ސަސްޕެންޝަން އުވައިލަން ނިންމައިފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ގާޒީ ފާއިޒުގެ އަޑާ ދިމާވާ ކަމަށް ކުރީން ބުނި އޯޑިއޯގައި ދައްކާފައިހުރި ވާހަކަތަކަށް ބާލައިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގި ޝަރީއަތާ ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް ފަނޑިޔާރަކާ ބައްދަލުކޮށްފައިވާކަމަށް، ނުވަތަ ބައްދަލު ކުރަން އެދިފައިވާކަމަށް ނުވަތަ އެ ޝަރީޢަތަށް ނުފޫޒުހިންގުމަށް އެއްވެސް މަސައްކަތެއްކޮށްފައިވާކަމަށް ބުނެފައި ނުވާކަން ފާހަގަކުރެވޭ ކަމަށް ޖޭއެސްސީން މީގެ ކުރިން ބުނެފައިވެއެވެ.

comment ކޮމެންޓް