ސިޔާސީ މައިދާނަށް ނުކުތީ ރައީސް ޔާމީން ކިޔަވައިދެއްވި ފޮތުން ކިޔަވައިގެން: އީސީ ޝަރީފް

އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް، އަހްމަދު ޝަރީފް -- ފޮޓޯ/ އިލެކްޝަން

ރާއްޖޭގެ ސިޔާސީ މައިދާނަށް ނުކުތީ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކިޔަވައިދެއްވި ފޮތުން ކިޔަވައިގެން ކަމަށާއި އެހެންކަމުން އެމަނިކުފާނު ކުރައްވައި ހުރިހާ ކަމެއް ވެސް ކުރިން ދެނެގަނެވޭ ކަމަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ އޭނާގެ ސިޔާސީ ހަޔާތް ފެށިގެން އައި ގޮތާއި އެ ދުވަސްވަރުގައި ކުރިމަތިލާން ޖެހުނު ނުތަނަވަސްކަމުގެ ބައެއް ވާހަކަތައް "ސަން"އަށް ހިއްސާ ކުރައްވަމުންނެވެ.

އޭނާ ވިދާޅުވީ ތެދަށް ބުނާނަމަ، ރައީސް ޔާމީނަކީ އޭނާގެ ސިޔާސީ ހަރަކާތްތަކުގައި މެންޓޯއެއްގެ ގޮތުން ވަރަށް އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ ރައީސް ޔާމީންގެ އަރިހުގައި އެހާ ގާތްކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން, އެމަނިކުފާނުގެ މަސައްކަތްތަކުގައި އުޅޭއިރު، އެއްޗެކޭ ވިދާޅުވެއްޖެ ނަމަ އެ ވިދާޅުވި އެއްޗެއްގެ މާނަ ވަރަށް ރަނގަޅަށް އޭނާއަށް ދޭހަވާނެ ކަމަށެވެ.

"ތެދުތެދަށް މި ދަންނަވަނީ ރައީސް ޔާމީނަކީ އަޅުގަނޑުގެ ސިޔާސީ މައިދާނުގައި ސިޔާސީ ހަރަކާތްތަކުގަ މެންޓޯ އެއްގެ ގޮތުގަ އިސް ދައުރެއް އަދާކުރެއްވި ބޭފުޅެއް،" ޝަރީފް ވިދާޅުވިއެވެ.

"ހަގީގަތަށް ދަންނަވާ ނަމަ ރައީސް ޔާމިންގެ ދެއްވި ފޮތުން އަޅުގަނޑު ކިޔާފަ ހުންނާނީ. ރައީސް ޔާމީން ކުރައްވާ ހުރިހާ ކަންތައްތަކެއް އަޅުގަނޑަށް ހަމަ ރީޑް ކުރެވޭނެ އިނގޭތޯ. ވާހަކައަކީ އެހާ ކައިރީގަ މަސައްކަތް ކޮށްފަ ހުރީމަ އެމަނިކުފާނު ކުރައްވާ ކަންތައްތަކުގަ އެއްޗެކޭ ވިދާޅުވީމަ އެ ވިދާޅުވާ އެއްޗެއްގެ މާނަ އަޅުގަނޑަށް ވަރަށް ރަނގަޅަށް ދޭހަ ވާނެ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބުގެ މައްސަލައިގައި ގޮތްދޫކުރައްވަން ރައީސް ޔާމީން ބޭނުންފުޅުނުވަނީ ކަމެއް ނުވަތަ ގަބޫލު ކުރެއްވިޔަސް، މީހުންގެ ސަޕޯޓު ހިފެހެއްޓުމަށް ޓަކައި އޭނާއާ ދިމާލަށް އެއްޗެހި ކިޔަނީ ކަމެއް ބުނަން ނޭނގޭ ކަމަށެވެ.

އޭނާ ވިދާޅުވީ ޔާމީނަކީ އޭނާ ގަބޫލުކުރައްވާ ގޮތުގައި ވަރަށް ވިސްނުންތޫނު އަދި އެހާމެ ރޭޝަނަލް ބޭފުޅެކެވެ.

ޝަރީފް ވިދާޅުވީ ރައީސް ޔާމީންގެ އަރިހުގައި މަސައްކަތް ކުރެއްވި ދުވަސްވަރު، އޭނާއަށް އެނގުނު ގޮތުގައި އެމަނިކުފާނަށް ގަބޫލުފުޅު ކުރެއްވޭ ގޮތަށް އެއްޗެއް ބުނެދިނުމަކީ ވަރަށް އުނދަގޫ ކަމެކެވެ.

"އެއީ ޔާމީން އެތައް ބައިވަރު ސުވާލުތަކެއް ކުރައްވާނެ. އަދި އެ ހުރިހާ ސުވާލު ތަކަކަށް ޖަވާބު ލިބިގެން ނޫނިއްޔާ ރައީސް ޔާމީން ކަމަކަށް އެއްބަސްވެވަޑައިނުގަންނަވާނެ،" ޝަރީފް ވިދާޅުވިއެވެ.

"އެހެންވީމަ ރިޔާސީ އިންތިހާބާ ގުޅިގެން ރޭޝަނަލީ ވިސްނައިފި ނަމަ ރައްޔިތުންގެ ކުރިމަތީގަ ލީ ވޯޓެއްގެ ނަތީޖާއަށް އެހާބޮޑު ބަދަލެއް ގެނެވިދާނެ ކަމަށް ނުވަތަ އޮޅުވާލެވިދާނެ ކަމަށް ޔާމީން ގަބޫލު ކުރައްވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީނަކީ ވަރަށް ތަފާތު ބޭފުޅެއް ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ސިޔާސީ ހަޔާތަށް ބަލައިފި ނަމަ އަބަދުވެސް އެންމެ ކައިރީގައި ތިބޭ މީހުންނަށް ކޮންމެވެސް ކަހަލަ އިހާނެތި ކަމެއް ކުރައްވާފައިވާކަން ތާރީހުން ފެންނާން އެބައޮތް ކަމަށެވެ.

"ޖަނގިޔާ ނާޒިމަކީ ޔާމީންގެ ސިނކުޑިއޭ ބުންޏަސް ރަނގަޅުވާނެ. ދެން ޖަައުސާ ޖައުފަރަކީ ރައީސްގެ ޕާޓީ ކޮޅަށް ޖެހުމަށް ހުރިހާ މަސައްކަތެއް ކުރި ބޭފުޅާ. ޖައުސާ ޖައުފަރެއް ވެސް މިހާރަކު ނެތް. އަނެއްކާ ހިޔަލީ މުހައްމަދު ރަޝީދަކީ ވެސް ޔާމީންގެ އަރިހުގަ އަޅުގަނޑެކޭ އެއްގޮތަށް މަސައްކަތް ކުރެއްވި ބޭފުޅެއް. އެބޭފުޅާއެއް ވެސް ނެތް މިހާރަކު،" ޝަރީފް ވިދާޅުވިއެވެ.

ކުރީގެ ރައީސް، ޔާމީން (ކ) އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު، އަހްމަދު ނާޒިމް (ޖަނގިޔާ ނާޒިމް) (ވ) -----

ޝަރީފް ވިދާޅުވީ ޕީއޭ އުފައްދައިގެން މަސައްކަތްކުރި ދުވަސްވަރު ޔާމީންއާ އެންމެ އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅުން މިހާރަކު ނެތް ކަމަށެވެ.

"އެހެންވީމަ އޭރުގަ ޕީއޭ އުފައްދައިގެން މަސައްކަތް ކުރިއިރު، އެންމެ އަރިހުގަ މަސައްކަތްކުރި މީހުންނެއް ނެތް. ދެން އަދުރޭ އާ އެހެން ބައެއް ބޭފުޅުން އެބަ ތިއްބެވި. ނަމަވެސް އެބޭފުޅުންނަކީ މުޅިން އައު ބޭފުޅުން،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރައްވާފައި ހުންނެވި، ރައީސް ޔާމީން ފަދަ ސިޔާސީ ގޮތުން ފުންނާބު އުސް ބޭފުޅަކު އޭނާ ކަހަލަ މީހަކާ ދިމާކޮށް އަބުރު ކަތިލުމަކީ އެންމެ އެދެވޭ ގޮތެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އޭނާއާމެދު ޔާމީން އެ ކަންތައް ކުރެއްވި ގޮތުގެ ސަބަބުން ހިތާމަ ކުރައްވައި ކަމަށެވެ.

"ރައީސް ޔާމީނަށް ދެރަ ގޮތެއް ވާކަށް ނުވަތަ ޖަލަށް ލާކަށް ނުވަތަ ޔާމީނާ ބެހޭގޮތުން ހުތުރު ވާހަކަ ދައްކާކަށް އަޅުގަނޑު ބޭނުމެއް ނޫން،" ޝަރީފް ވިދާޅުވިއެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އަށް ބަލާއިރު އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހޯއްދެވީ 134،706 ވޯޓެވެ. އެއީ 58.4 ޕަސެންޓެވެ.

ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،501 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.

comment ކޮމެންޓް