ނުރަސްމީ ދަތުރުފުޅެއްގައި މަޖިލީހުގެ ރައީސް ނަޝީދު އިނގިރޭސިވިލާތަށް

ރައީސް މުހައްމަދު ނަޝީދު ފުރާވަޑައިގަންނަވަން ފްލައިޓަށް އަރާވަޑައިގަންނަވަނީ: ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ފުރާވަޑައިންނަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ނަޝީދު މިއަދު ފުރާވަޑައިންނަވާފައި ވަނީ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ސަބަބެއް މަޖިލީހުން ނުބުނެއެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅަށް އެނބުރި ރާއްޖެ ވަޑައިންނަވާނެ ދުވަހެއް ވެސް މަޖިލީހުން ހާމައެއް ނުކުރައްވައެވެ.

މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ މަސައްކަތްތައް މިދިޔަ މަހުގެ 29 ވަނަ ދުވަހު ނިންމާލުމަށްފަހު، މެންބަރުންނަށް ވަނީ ޗުއްޓީ ދީފައެވެ.

ތިން ވަނަ ދައުރުގެ ޖަލްސާތައް ނިންމައިލި ފަހުން ވެސް ދައުރުން ބޭރުން ވަނީ ދެ ޖަލްސާއެއް ބާއްވާފައެވެ. އެއީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރުމުގެ މައްސަލައާ ގުޅޭ ގޮތުން ބޭއްވި ޖަލްސާ އަކާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ޓަކައި ބޭއްވި ޖަލްސާއެެވެ.

މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވެފައިވަނީ ނިމި ދިޔަ ތިން ވަނަ ދައުރުގައި 44 ޖަލްސާއެއް ބާއްވާފައިވާ ކަމަށެވެ. އަދި 20 ބިލެއްގެ މަސައްކަތް މަޖިލީހުން ނިންމާފައިވާ ކަމަށާއި އެ މަސައްކަތަތްތަކުގައި ޖުމުލަ 112 ގަޑިއިރު މަޖިލީހުގައި މެމްބަރުން ހޭދަ ކުރެއްވި ކަމަށެވެ. މީގެ އިތުރުން ކޮމިޓީތަކުގައި 320 ބައްދަލުވުން ބޭއްވިއިރު، އެ ބައްދަލުވުންތަކުގައި 331 ގަޑިއިރު ހޭދަ ކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް