މާދަމާ ރައީސް ގައުމާ މުހާތަބު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް --

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާދަމާ ރޭ ދިވެހި ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

ރައީސް ގައުމާ މުހާތަބު ކުރައްވާނީ، މާދަމާ ރޭ 8:30 ގައި ޖުމްހޫރީ މައިދާނުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މި ޖަލްސާގައިވެސް، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ، ޝަރަފުގެ ބެޖާއި، އައްޑަނަ ދެއްވުން އޮންނާނެއެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ އަދަދު ގިނަކަމާއެކު، ގައުމީ ފެންވަރުގައި ބޭއްވޭ ދެ ޖަލްސާއެއްގައި އިނާމު އަރުވާގޮތަށް ނިންމެވުމާ ގުޅިގެން، މިދިޔަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، 117 ބޭފުޅަކަށް ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ވަނީ އަރުވާފައެވެ. މާދަމާ ރޭ ބާއްވަވާ ޖަލްސާގައި، އިނާމު އެރުވެނީ ދެން ތިއްބެވި 106 ބޭފުޅަކަށެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ރޭ ބާއްވަވާ ޖަލްސާގައި، 2004 ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި މި ދުނިޔެ ދޫކުރި މީހުންގެ ހަނދާނުގައި އެއް މިނިޓުގެ ސުކޫތެއް ގެންނާއެވެ. އަދި އެއްބައިވަންތަކަމުގެ ދުވަހާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ދެއްކުންވެސް އޮންނާނެއެވެ.

މީގެއިތުރުން، ދާދިފަހުން ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު، ދިވެހި ދައުލަތަށާއި، ދިވެހި ގައުމަށާއި، ދިވެހި ރައްޔިތުންނަށް ކޮށްދެއްވި އިހުލާސްތެރި ހިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، އެ މަނިކުފާނުގެ ހިދުމަތްތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ދެއްކުމަށްވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް