ފުލުހަކަށް ހަމަލާދިން ތިން މީހަކު ހައްޔަރު ކޮށްފި

މާލޭގެ މަގެއްގެ ޓްރެފިކް ބެލެއްޓުމުގައި ފުލުހަކު ހަރަކާތްތެރި ވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހަކަށް އަނިޔާކޮށް ހަމަލާދިން މައްސަލައިގައި ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގަނޑު ބާރު ސްޕީޑުގައި ހަތަރު މީހަކު ސައިކަލު ދުއްވުމާ ގުޅިގެން ޓްރެފިކް ބަލަހައްޓަމުން ދިޔަ ފުލުހަކު އެ މީހުން ހުއްޓުވަން މަސއްކަތް ކުރުމުގެ ތެރޭގައެވެ.

އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް މަޖީދީމަގާއި ދިލްބަހާރު މަގާ ގުޅުނު ހިސާބުގައި ދެ ސައިކަލެއްގައި އުޅުނު ހަތަރު މީހުންގެ ތެރެއިން މިހާތަނަށް ހައްޔަރުކޮށްފައި ވަނީ ތިން މީހަކު ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ސ. ފޭދޫ، ވީނަސްވިލާ އުމުރުން 27 އަހަރުގެ މުހައްމަދު ވިއާމް އާއި ސ. ހިތަދޫ، ފާނަފިލާގޭ އުމުރުން 22 އަހަރުގެ ހަސަން އާލިމްގެ އިތުރުން މާލޭ ދަފްތަރު ނަންބަރު 2841 ޝާން އަބްދުﷲއެވެ.

މި ތިން މީހުންނަކީ ވެސް މާލޭގައި ހަރަކާތްތެރިވާ ގްރޫފަކަށް ނިސްބަތްވާ ހަތަރު މީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި އެންމެންގެ ކުށުގެ ރެކޯޑު އޮންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ހާދިސާ ހިނގި ވަގުތު ޓްރެފިކް ބަލައްޓަމުން ގެންދިޔަ ފުލުސް މީހާ އެމީހުން ހުއްޓުވަން މަސައްކަތް ކުރުމުން އެ މީހުން ވަނީ އެ އަމުރާ ހިލާފުވެ، އެ ފުލުސް މީހާގެ ގާނޫނީ ވާޖިބަށް ހުރަސް އަޅައި އޭނާއަށް ހަމަލާދީ މަރާމާރީ ހިންގާފައި ކަމަށް ފުލުހުން ބުންޏެވެ.

"މީގެއިތުރުން އެ ފުލުސް މީހާއަށް ބިރުދައްކައި އިންޒާރުވެސް ދީފައިވޭ،" ފުލުހުން ބުންޏެވެ.

އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ.

މާލޭގެ މަގުތަކުގެ އަމާންކަން ގެއްލުވާލައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ގްރޫޕް ހަދައިގެން މިފަދަ އަމަލުތައް ހިންގާ މީހުންނާމެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މިފަދަ ކުށްތައް ހުއްޓުވުމަށް ގާނޫނީ ގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ވެސް ކުރަމުން ގެންދާނެ ކަމަށެވެ.

comment ކޮމެންޓް