ޝެއިޚް ހަސީނާ ވަޑައިގަންނަވާތީ އެއާޕޯޓުގެ ފަޅުތެރެއާއި މަގު ބަންދުކުރަނީ

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފަޅުތެރެއާއި މަގުތައް ވަކި ވަގުތުތަކަކަށް ބަންދުކުރަން ނިންމައިފިއެވެ.

ޝެއިޚް ހަސީނާ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މި މަހުގެ 22 ވާ ބުދަ ދުވަހުއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އެ ދުވަހުގެ މެންދުރު 12 އިން ހަވީރު ހަތަރަކަށް، އިންޓަނޭޝަނަލް ޓާމިނަލްގެ އުތުރު ކަންމަތިން ފެށިގެން ކާގޯ ބިލްޑިންގެ ދެކުނު ކަންމައްޗާ ހަމައަށް ހުޅުލޭގެ އެއްގަމާއި ފަޅުތެރޭގައި، އެއްވެސް ބާވަތެއްގެ އުޅަނދެއް ވަދެނުކުތުން މަނާވާނެ ކަމަށެވެ. އަދި ފަޅުތެރެއަށް އެއްވެސް އުޅަނދެއް ވަދެނުކުތުމާއި ފަޅުތެރޭގައި އުޅަނދެއް ބޭއްވުން ވެސް މަނާ ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ނެރާއި މަގު ބަންދު ކުރާ ވަގުތުގައި ކަނޑު އުޅަނދުފަހަރަށް ބޭނުންކުރެވޭނީ ހަމައެކަނި ހުޅުލޭގެ އެންމެ ދެކުނުގައިވާ ނެރު ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ހަމައެހެންމެ އެ ދުވަހު މެންދުރު ފަހު ދެއަކުން ހަވީރު ހަތަރަކަށް މި ސަރަހައްދުގައި އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުން ވެސް ވަނީ މަނާކޮށްފައެވެ.

އެމްއޭސީއެލުން އިތުރަށް ބުނީ ހިނގާ ބިނގާވެ އުޅުމާއި، ދުއްވާ އެއްޗެހި ދުއްވުން މުޅިން މަނާ ވަގުތުކޮޅެއް އަންނާނެ ކަމަށާއި އެހެނިހެން ވަގުތުތަކުގައި ފުލުހުން އިރުޝާދު ދޭ ގޮތެއްގެ މަތީން އެ ސަރަހައްދުގައި ހިނގާބިނގާވެ އުޅެވޭނެ ކަމަށެވެ.

މަގު ބަންދު ވަގުތުތަކުގައި އެމްޓީސީސީގެ ބަސް މަޑުކުރާނީ ވެސްޓާން ޕާކިންގް ޒޯނަށް ކަމަށް އެމްއޭސީއެލުން ބުނެއެވެ.

comment ކޮމެންޓް