ފިލިޕީންސްއަށް އަރައިފައިވާ ތޫފާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ ދިވެހި ދިިރިވަރުން ކިޔަވަމުންގެންދާ ފްލައިން ސުކޫލާ ގުޅިފައިވާ ކަމަށާއި، މިހާރު ދަރިވަރުންނަށް ބޭނުންވާ ކާނާއާއި ބޯފެން ލިބިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ތޫފާނުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ސީބޫ ސިޓީގެ އެއާވޯކްސް އޭވިއޭޝަން އެކަޑެމީގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން އަންނަނީ ތައުލީމު ހާސިލްކުރަމުންނެވެ.
މި ދަރިވަރުން ކިޔަވަމުންގެންދާ ސުކޫލަށް ގުޅައި ދަރިވަރުންނާ ގުޅޭ މުހިންމު މައުލޫމާތު ހޯދައިފައިވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. ސުކޫލުގައި މިވަގުތު ތިބީ 45 ދަރިވަރުން ކަމަށާއި އެ ހުރިހާ ކުދިންގެ ހާލު ރަނގަޅު ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ދަރިވަރުން ކިޔަވަމުންގެންދާ ސުކޫލު ހުންނަ ސަރަހައްދުން ކަރަންޓު ކެނޑިފައި ވާކަމަށްވެސް މިނިސްޓްރީން ބުނެއެވެ. އަދި ތޫފާނުގެ ސަބަބުން ސުކޫލަށް ގިނަ ގެއްލުންތަކެއް ލިބިފައި ވާތީ ކުދިން މިވަގުތު ނިދުމުގެ ކަންކަން ވެސް ކުރަނީ ވަގުތު ބަހައިގެން ކަމަށް ދަރިވަރުން ބުނެއެވެ.
އިއްޔެގެ ވަގުތެއްގައި ފިލިޕީންސްގައި ކިޔަވަމުން ގެންދާ ދަރިވަރުންގެ ބެލެނިވެރިންނާ މިނިސްޓްރީން ބައްދަލުކޮށް އެ ފަރާތްތަކުގެ ކަންބޮޑުވުން އަޑުއަހާފައި ވަނެކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
"ތޫފާން ރާއީ"އާ އެކު އެ ސަރަހަށްދަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކުގެ ސަބަބުން އެހީތެތެރިކަން ފޯރުކޮށްދިނުމަށް ދަތިތަކެއް ހުރި ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
"ދިވެހި ދަރިވަރުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ފިލިޕީންސްގެ ސަފީރާއި، ފިލިޕީންސްގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް މެދުވެރިކޮށް މި ދަނީ މަސައްކަތްކުރަމުން،" ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގަޑިއަކު 121 މޭލު ބާރުމިނުގައި ވައިޖެހުނު ތޫފާނަށް ފަހު، ބިންގަނޑު ކަނޑައިގެން ގޮސް އެތައް ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ. އެތައް ހާސް އިމާރާތް ވަނީ ބިމާ ހަމަވެފައެވެ. ތިން ސަތޭކަ އަށްވުރެ ގިނަ މީހުން ތޫފާނުގައި ވަނީ މަރުވެފައެވެ. އަދި 56 މީހަކު ގެއްލިގެން ރިޕޯޓު ކޮށްފައިވާއިރު ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާ މީހުންގެ އަދަދު ފަސް ލައްކައާ ގާތްކުރެއެވެ.