އަރަބިއްޔާގެ އާ އިމާރާތް އަޅަން ބާ ޖަމާލުއްދީން ބިން ދޭން ރައީސް ނިންމަވައިފި

އަަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އަޅާނީ ބާ ޖަމާލުއްދީން ބިމުގައި -- ސަން ފޮޓޯ

މިހާރު ހުރި އަރަބިއްޔާ ސްކޫލް އިމާރާތުގެ ބަދަލުގައި އާ އިމާރާތެއް އަޅަން ބާ ޖަމާލުއްދީން ބިން ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް ސޯލިހު އެގޮތަށް ނިންމެވީ އަރަބިއްޔާ ސްކޫލް ބޯޑުގެ ބައެއް މެންބަރުންނާއި ޕީޓީއޭއާ މިއަދު ބައްދަކުރެއްވުމަށް ފަހުގައެވެ.

އަރަބިއްޔާ ސްކޫލް އިމާރާތުގައި ރެނދުލައި، އެތަނުގައި ކިޔެވުމަކީ ދަރިވަރުންނަށް ނުރައްކާތެރި ކަމެއް ކަމަށް ބެލެނިވެރިން ބުނަމުން ދަނިކޮށް އެކުދިން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ހަފްތާގައި ނިންމިއެވެ.

ނަމަވެސް އެ ސްކޫލްގެ ބެލެނިވެރިން އެ ނިންމުމާ ދެކޮޅު ހެދުމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ އާ އިމާރާތެއް އަޅަން މާލެއިން ބިމެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިއްޔެ ވިދާޅުވެފައެވެ.

އަަރަބިއްޔާ ސްކޫލްގެ މައްސަލައާ ގުޅިގެން ބެލެނިވެރިން މުޒާހަރާ ކުރަނީ -- ސަން ފޮޓޯ

އެގޮތުން އަރަބިއްޔާއަށް ދޭނީ ބާ ޖަމާލުއްދީން ބިން ކަމަށް ރައީސް ވިދާޅުވި ކަމަށް، އެ ސްކޫލްގެ ޕީޓީއޭގެ ނައިބު ރައީސް އައިޝަތު ޝާދިޔާ "ސަން"އަށް ވިދާޅުވިއެވެ.

ޝާދިޔާ ވިދާޅުވި ގޮތުގައި މިއަދު އަރަބިއްޔާގެ ބެލެނިވެރިން ވަނީ އެ ސްކޫލްގެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމާ ބެހޭ ގޮތުން ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކޮށްފައެވެ.

"ބެލެނިވެރިންގެ ކަންބޮޑުވުމަކީ ޝެއާ ކުރާ ގޮތަށް ސްކޫލަކަށް ދިޔުން. އަޅުގަނޑުމެންނަށް އެކަން ބަލައެއް ނުގަނެވޭނެ. ރައީސް ވިދާޅުވީ އެ މަނިކުފާނަކަށްވެސް ގަބޫލެއް ނުކުރެވެޔޭ ޝެއާ ކުރާ ގޮތަށް ދެ ސްކޫލެއް އެއް އިމާރާތެއްގައި ހިންގިދާނެ ކަމަށް،" ޝާދިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ބާ ޖަމާލުއްދީން ބިމުގައި އާ އިމާރާތް އެޅެން ދެން އަރައްބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށްވެސް ޝާދިޔާ ވިދާޅުވިއެވެ.

އެގޮތުން އަންނަ އަހަރު ސްކޫލް ހުޅުވުމުގެ ކުރިން ވަގުތީ ހައްލެއް ހޯދައި ދެއްވާނެ ކަމަށާއި، ދަރިވަރުންގެ ކިޔެވުން ގެއްލިގެންދާ ގޮތަށް އެއްވެސް ކަމެއް ނުނިންމަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށް ޝާދިޔާ ވިދާޅުވިއެވެ.

އަރަބިއްޔާގެ މައްސަލައިގައި އެ ސްކޫލްގެ ބެލެނިވެރިން ވަނީ "ސޭވް އަރަބިއްޔާ"ގެ ނަމުގައި މުޒާހަރާވެސް ކޮށްފައެވެ.

އަރަބިއްޔާ ސުކޫލަކީ 2011 ވަނަ އަހަރުގެ ތެރޭގައި އިމާރާތްކޮށް 2013 ގައި ހުޅުވި ސުކޫލެކެވެ. އެ އިމާރާތަށް ގިނަ ދުވަސްތަކެއް ނުވި ނަމަވެސް އިމާރާތުގެ ބޮޑު ބައިގައި ވަނީ ރެނދު ލައިފައެވެ. އޭގެ ސަބަބުން ސްކޫލްގެ ބެލެނިވެރިން ކަންބޮޑުވުންފާޅުކުރާތާ ދުވަސްތަކެއް ވެއްޖެއެވެ.

comment ކޮމެންޓް