މާލޭގެ ހުޅަނގު ހާބަރުގައި އޮންނަ ޓީ ޖެޓީއާ ހަވާލުވާން މާލޭ ސިޓީ ކައުންސިލުން ދިޔުމުން، އެ ސަރަހައްދު ހަވާލުކުރަން މޯލްޑިވްސް ޕޯޓް ލިމިޓެޑް(އެމްޕީއެލް)އިން ދެކޮޅު ހަދައިފިއެވެ.
ޓީ ޖެޓީ ކައުންސިލާ ހަވާލު ކުރުމަށް އެމްޕީއެލް އަށް ދީފައިވާ މުއްދަތު އިއްޔެއަށް ހަަމަވި ކަމަށް ބުނެ، ސިޓީ ކައުންސިލުގެ ފަރާތުން ޓީޖެޓީއާ ހަވާލުވާން އެތަނަށް ދިޔައީ މިއަދުގެ މެންދުރު ކުރީގެ ވަގުތެއްގައެވެ.
އެކަމާ ބެހޭ ގޮތުން މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "ސަން"އަށް ވިދާޅުވީ ޓީ ޖެޓީއާ ހަވާލުވާން އެ ކައުންސިލުން ދިޔައީ ކަމާ ގުޅުން ހުރި ގާނޫނީ އިޖުރާއަތްތައް ފުރިހަމަކޮށް، އެމްޕީއެލްއަށް ދޭން ޖެހޭ ނޯޓިސްތައް ދިނުމަށް ފަހު ކަމަށެވެ.
އެގޮތުން ޓީޖެޓީ ހަވާލުކުރުމަށް ފުރަތަމަ 90 ދުވަހުގެ މުހުލަތެއް ދިނުމަށް ފަހު އިތުރު ހަތް ދުވަސް ވެސް އެމްޕީއެލްއަށް ދިން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވަރަށް ގިނަ ދުވަހުގެ މަސައްކަތުން، ލިޔެކިޔުމުންނާއި ބައްދަލުުވުމުންތަކުން އެތަން ހިންގުން ހަވާލުކޮށްދިނުމަށް އެދި ދެންނެވިފަ ވަނީ. އެހެންނަމަވެސް މުއްދަތު ހަމަވި އިރުވެސް ހަވާލު ނުކުރާތީ އަޅުގަނޑުމެން މުއްދަތު ހަމަވީމަ އެތަން ހަވާލުކޮށް ދިނުމަށް އެދި މިއަދު ދިޔައީ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ޓީ ޖެޓީ ސަރަހައްދު ސިޓީ ކައުންސިލްގެ ދަށަށް ގެންދިޔުމުގެ މަގުސަދަކީ ރައްޔިތުންނަށް ފައިދާ ވާނެ ގޮތަކަށް އެތަން ހިންގުން ކަމަށެވެ.
"މީގެ ބޭނުމަކީ ގާނޫނީ އިމުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތް ދިނުން. މާލޭ ސިޓީގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަން ހިންގައި، އެ ތަންތަނުން އާމްދަނީ ހޯދައި، އެ އާމްދަނީ ބޭނުން ކޮށްގެން ރައްޔިތުންނަށް ކަންތައްތައް ކޮށްދިނުން،" މުއިއްޒު ވިދާޅުވިއެވެ.
އެހެންކަމުން ޓީ ޖެޓީ މައްސަލައިގައި ދެން ހުރި މަރުހަލާތައް ކުރިއަށް ގެންދާނީ ކައުންސިލްގެ ގާނޫނީ ޓީމުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޓީ ޖެޓީއަށް ވަޑައިގެން، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވެސް ވަނީ ޓީ ޖެޓީ ހޯދަން ސިޓީ ކައުންސިލުން ދެން ދާނީ ކޯޓަށް ކަމަށް ވިދާޅުވެފައެވެ. އެ މައްސަލަ ހުށަހަޅާނީ އަންނަ ހަފްތާގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ޓީ ޖެޓީ ސަރަހައްދު ހިިންގައި ބެލެހެއްޓުން އެމްޕީއެލްއާ ހަވާލުކޮށްފި ވަނީ 2015 ވަނަ އަހަރުގެ މާޗު މަހުގެ 12 ވަނަ ދުވަހެވެ. އެތަން އޭރު އޮތީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ. އަދި މިނިސްޓަރަކަށް ހުންނެވީ ޑރ. މުހައްމަދު މުއިއްޒުއެވެ.
ނަމަވެސް މި މަހުގެ އަށެއްގައި ބޭއްވި ސިޓީގެ ކައުންސިލްގެ ބައްދަލުވުމެއްގައި, އެ ކައުންސިލުން ވަނީ ޓީ ޖެޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދަން ފާސްކޮށްފައެވެ.
މިއަދު ނަރީޝް ވިދާޅުވީ އެ މައްސަލައާ ބެހޭ ގޮތުން ޕްލޭނިން މިނިސްޓްރީ ނުވަތަ ޓްރާންސްޕޯޓް މިނިސްޓްރީއާ މުއާމަލާތެއް ކުރަން ޖެހޭކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ނަރީޝް ވިދާޅުވީ 2015 ވަނަ އަހަރު ލާމަރުކަޒީ ނިޒާމަށް ގެެނައި އިސްލާހާ އެކީގައި، އެމްއޯޔޫއެއްގެ ދަށުން ޓީޖެޓީ އެމްޕީއެލްއާ ހަވާލުކުރި މުއްދަތު ހަމަވެ، ތިން އަހަރު ފާއިތުވެފައިވާ ކަމަށެވެ.
"ނޯތު ހާބަރުގެ ރަޖިސްޓްރީ މި އޮންނަނީ ސިޓީ ކައުންސިލްގަ. ޓީ ޖެޓީގެ ރަޖިސްޓްރީ މި އޮންނަނީ މާލެ ސިޓީ ކައުންސިލްގަ. މާލެ ސިޓީ ކައުންސިލުގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ތަނެއް، 2018 ވަނަ އަހަރު ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހާ އެކީގަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފަ އެބައޮތް ސިޓީ ކައުންސިލަށް ސިޓީއެއް، މި ބަނދަރު ތަކަކީ އަޅުގަނޑުމެންގެ އިހުތިސޯސްގަ ހިމެނޭ، އަޅުގަނޑުމެން ބަލަހައްޓަން ޖެހޭ ތަނެއްގެ ގޮތުގަ،" ނަރީޝް ވިދާޅުވިއެވެ.
މީގެ އިތުރުން ނަރީޝް ވިދާޅުވީ، ރައީސް އޮފީހުގެ ސިޓީއާ ހަވާލާދީ ޕްލޭނިން މިނިސްޓްރީން ފޮނުވި ސިޓީއެއްގައި ވެސް، އެ ތަންތަނަކީ ސިޓީ ކައުންސިލުގެ ތަންތަން ކަމަށް ބުނެފައިވާ ކަމަށެވެ.
އެ މައްސަލައާ ބެހޭ ގޮތުން އެމްޕީއެލްގެ ތަރުޖަމާނު ދާނިޝް ނިޒާމު ވިދާޅުވީ 2015 ވަނަ އަހަރު ހައުސިން މިނިސްޓްރީން އެ ކުންފުންޏާ ޓީޖެޓީ ހަވާލުކޮށްފައިވަނީ މުއްދަތެއް ނެތް ގޮތަށް ކަމަށެވެ.
"ޓީޖެޓީ މި ކުންފުނީގެ އަތުން ނެގުމުގެ ބާރު އޮންނާނީ މިނިސްޓްރީ އޮފް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއަށްކަން މި ފުރުސަތުގައި ފާހަގަކޮށްލަން. އަދި، ތަންފީޒީ އިދާރާއަކުން ނުވަތަ މިނިސްޓްރީން ވަކި ގޮތަކަށް އަމަލުކުރަން އަންގައިފިނަމަ މި ކުންފުނިން އެގޮތަށް އަމަލުކުރާނެ ވާހަކަ ދަންނަވަން،" ދާނިޝް ވިދާޅުވިއެވެ.
މީގެ އިތުރުން ދާނިޝް ވިދާޅުވީ ކުރިއެއެކޭވެސް އެއްގޮތަށް އެމްޕީއެލްއިން ޓީޖެޓީގައި ދެމުންގެންދާ ހިދުމަތް ދެމުންގެންދާނެ ކަމަށެވެ.