އެއްމެދު އިމާރާތުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މިއީ ރާއްޖޭގައި ބިނާކުރާ އިމާރާތްތައް އެއްމެދު އިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓަރީކުރުމާއި، އެފަދަ އިމާރާތުގެ ޔުނިޓުތައް ގަނެވިއްކުމާއި މިލްކުކުރުމުގެ ހަމަތަކުގެ އިތުރުން އެ އިމާރާތްތައް ބެލެހެއްޓުމާއި ބޭނުންކުރުމުގެ އުސޫލުތައް ބަޔާންކުރުމުގެ ބިލެކެވެ.
އެއްމެދު އިމާރާތުގެ ބިލުގެ މަގުސަދުތަކުގެ ތެރޭގައި، ރާއްޖޭގެ އިމާރާތްތައް، އެއްމެދު އިމާރާތްތުގެ ގޮތުގައި ރަޖިސްޓަރީ ކޮށްދޭ އުސޫލުތައް ކަނޑައެޅުމާއި އެފަދަ އިމާރާތެއްގައި ހިމެނޭ ޔުނިޓުތައް މިލްކުކުރެވޭނެ ގޮތް މަގުފަހިކޮށްދީ، އެފަދަ އިމާރާތްތަކުގައި ދިރިއުޅެ، އެތަން ގަނެވިއްކުމާއި ކުއްޔަށްދިނުން ފަދަ މުއާމަލާތް ކުރަން މަގުފަހިކޮށްދިނުން ހިމެނެއެވެ.
މީގެ އިތުރުން، ރާއްޖޭގައި ރިއަލްއެސްޓޭޓް ވިޔަފާރިތައް ފުޅާކުރުމުގެ ފުރުސަތު ޑިވެލޮޕަރުންނަށް ހޯދައިދީ، ހަރުދަނާ އުސޫލުތަކާއި ހަމަތަކެއްގެ މަތިން އެފަދަ އިމާރާތްތަކާގުޅޭ މުއާމަލާތްތައް ކޮށް، އެފަދަ އިމާރާތްތައް ހިންގައި ބެލެހެއްޓޭނެ ނިޒާމެއް ގާއިމު ކުރުން ވެސް މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
އެއްމެދު އިމާރާތުގެ ބިލު ރައީސް ތަސްދީގު ކުރެއްވުމާ ގުޅިގެން މި ގާނޫނު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއު ކޮށްފައެވެ.
އެހެންކަމުން، މިއަދުން ފެށިގެން ތިން މަސް ހަމަވާ ތާރީހުގައި މި ގަވާއިދަށް އަމަލު ކުރަން ފަށާނެއެވެ.