އެމްއޭސީއެލްގެ ބޯޑަށް ގާސިމްގެ ދަރިކަލުން ސިޔާދު

އެމްއޭސީއެލްގެ ބޯޑު މެންބަރުކަމަށް އައްޔަންކުރެއްވި ސިޔާދު ގާސިމް -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރަހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ބޯޑު މެންބަރަކަށް އައްޔަންކޮށްފިއެވެ.

އެމްއޭސީއެލްގެ ބޯޑަށް ސިޔާދު އައްޔަންކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ. ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނި ތަކުގެ ބޯޑަށް މީހުން އައްޔަން ކުރަނީ ރައީސް އޮފިހުން ޕީސީބީ އަށް ފޮނުވައިގެންނެވެ.

ސިޔާދު މި މަގާމަށް އައްޔަންކުރުމުގެ ކުރިން އެނާ ހުންނެވީ ވިލާ ގުރޫޕުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)ގެ އެގްޒެކެޓިވް ބޯޑް މެންބަރުކަންވެސް ސިޔާދު ވަނީ ކުރައްވާފައެވެ.

އެމްއޭސީއެލްގެ ބޯޑުގައި ސިޔާދުގެ އިތުރު އިތުރު ހަ މެންބަރުން ތިއްބަވައެވެ. ބޯޑުގެ ޗެއާމަނަކީ މުހައަމަދު އުމަރު މަނިކެވެ. އަދި ބޯޑް މެންބަރުންގެ ގޮތުގައި ތިއްބަވަނީ އިބްރާހިމް ނޫރައްދީނާއި، ޑރ. އިބްރާހިމް މަހްފޫޒް، އައިޝަތު އަރުޝާ، އަދި އަހުމަދު އައިމަން މޫސާއެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވީ އިނގިރޭސި ވިލާތުގެ ގޯޑަން އެންޑްރޫ ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު މަގާމުން ވަކިކޮށްފައެވެ.

comment ކޮމެންޓް