މަދަނީ އިޖުރާއަތުގެ ބިލު ތަސްދީގުކޮށް، ގެޒެޓުކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަދަނީ އިޖުރާއަތުގެ ބިލު ތަސްދީގު ކުރައްވައިފަ -- ފޮޓޯ: ރައީސް އޮފީސް

މަދަނީ އިޖުރާއަތުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައި، އެ ގާނޫނު ގެޒެޓުކޮށްފިއެވެ.

އެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 29ގައެވެ. އެއީ އެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 53 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ބިލުގެ ފުރަތަމަ ބައިގައި ހިމަނާފައިވަނީ އިބްތިދާއީ މާއްދާތަކެކެވެ. އެގޮތުން، ޝަރީއަތްކުރުމުގެ ހަމަތަކާއި ކޯޓުގެ އާންމު ވާޖިބުތަކާއި ބާރުތަކާއި، ކޯޓުތަކުގެ އިހުތިސޯސްތައް މި ބައިގައި ހިމަނާފައިވެއެވެ. އަދި، މަދަނީ މައްސަލަތަކުގައި ދައުވާކުރެވޭނެ މުއްދަތުތަކާއި، އެ މުއްދަތުތައް ކަނޑައެޅުމުގައި އިސްތިސްނާވާ ހާލަތްތައްވެސް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، މަދަނީ މައްސަލައެއްގައި ހިމެނޭ ހަސްމުންނާ ގުޅުންހުރި މާއްދާތައްވެސް ހިމަނާފައިވެއެވެ.

އެ ބިލުގެ ދެވަނަ ބައިގައި ހިމަނާފައިވަނީ ޝަރީއަތުގެ ކުރީގެ މަރުހަލާއާ ގުޅުންހުރި މާއްދާތަކެވެ. އެގޮތުން، ދައުވާކުރުމާއި، ދައުވާއާ ގުޅޭ އާންމު އުސޫލާއި، ހާއްސަ ބާވަތްތަކުގެ ދައުވާއާއި އިހުތިލާފެއް ނުވާ ބާވަތުގެ މައްސަލަތަކުގައި ދައުވާކުރުމުގެ ހާއްސަ އިޖުރާއަތާއި، ކޯޓުން ދައުވާ ބަލައިގަތުމާއި ދައުވާލިބޭ ފަރާތަށް ރައްދުކުރުމާއި، ދައުވާއަށް ރައްދުދިނުމާއި ކޯޓުގެ އިހުތިސޯސާ މެދު ސުވާލު އުފެއްދުމާއި، ޣައިރު ހާޒިރުގައި ކުރާ ހުކުމާއި، ދައުވާއަށް އެއްބަސްވުމާއި، ދައުވާގެ ދިފާއާއި ޖަވާބާއި، ރައްދު ދައުވާއާއި އިތުރު ދައުވާއާއި ޝަރީއަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުމާ ގުޅުންހުރި މާއްދާތައް މި ބައިގައި ހިމަނާފައިވެއެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެ ބިލު ދިރާސާކުރުމަށް ފަހު ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި އެކި ބާވަތުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް މުއްދަތުތަކެއް ކަނޑައެޅުމާއި ހަސްމުތައް ކަނޑައެޅުމުގެ އުސޫލުތައް ކަނޑައެޅުމާއި މައްސަލަތައް ބެލުމުގައި ކޯޓުތަކުގެ ބާރުތަކާއި ޒިންމާތައް ކަނޑައެޅުމުގެ އިތުރުން މައްސަލައާގުޅޭ ލިޔުންތައް ހާމަކުރުމާއި ކިތާބީ ހެއްކާއި ޝަފަހީ ހެކި އަދި ހަބީރުންގެ ހެކިބަސް ނެގުމާއި އެނޫން ހެކިންގެ ހެކިބަސް ނެގުމުގައި އަމަލުކުރާނެ އިޖުރާއަތު ކަނޑައެޅުން ހިމެނެއެވެ.

މީގެ އިތުރުން ވެސް ރާއްޖެއިން ބޭރުގެ ކޯޓުތަކުން ކުރާ ހުކުމްތައް ރާއްޖޭގައި ބަލައިގަނެ ތަންފީޒުކުރެވޭނެ ހާލަތްތައް ކަނޑައަޅާފައިވެއެވެ. އަދި ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތަކާއި ކޯޓު އަމުރަށް އެދޭނެ ގޮތާއި، ވަގުތީ އަމުރަށް އެދުމާއި ވަގުތީ އަމުރު ނެރުމުގައި އަމަލުކުރާނެ އިޖުރާއަތު ވެސް ކަނޑައަޅާފައިވެއެވެ.

އެ ބިލުގައިވާ ކަންކަން މަދަނީ މައްސަލަތައް ބަލައި ހިންގާ ހުރިހާ ކޯޓުތަކުގެ މައްޗަށް ހިނގާނެއެވެ. ނަމަވެސް އާއިލާއާބެހޭ ގާނޫނުގެ ދަށުން ނުވަތަ އެނޫންވެސް މަދަނީ އިޖުރާއަތާބެހޭ ހާއްސަ ގާނޫނެއްގެ ދަށުން އާއިލީ މައްސަލަތައް ބެލުމުގެ އިހުތިސާސް ލިބިގެންވާ ކޯޓަކުން ބަލާ މައްސަލަތައް ބެލުމުގައި، އެ ކޯޓަކުން އަމަލުކުރާނީ، އެ ގާނޫނެއްގައި ބަޔާންކުރާ ހާއްސަ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

އެ ގާނޫނަށް އަމަލުކުރަން ހަމަޖެހިފައި ވަނީ ގާނޫނު ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން ހަ މަސްދުވަސް ހަމަވުމުންނެވެ. އެއީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެންނެވެ.

comment ކޮމެންޓް