ގޯލްޑަން ފުޓްސެލް މުބާރާތުގައި މިފަހަރު 91 ޓީމު ވާދަކުރާނެ

2019 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދި ތިމަރަފުށީ ޓީމު ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ރާއްޖޭގެ ހުރިހާ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިފަހަރު 91 ޓީމަކުން ވާދަކުރާނެއެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ބުނިގޮތުގައި މިފަހަރުގެ މުބާރާތުގައި ޖުމުލަ 91 ޓީމު ބައިވެރިވާއިރު އެމުބާރާތުގައި 177 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. އެ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. މިދިޔަ އަހަރު މުބާރާތުގައި 65 ޓީމަކުން ބައިވެރިވެފައިވާ އިރު، އެ އަހަރު ޖުމްލަ 120 މެޗު ކުޅެފައިވެއެވެ. މިފަހަރުގެ މުބާރާތުގައި 177 މެޗު ކުޅުމަށް ހަމަޖެހިފައި ވާއިރު، މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭގެ ޓާފް ދަނޑުގައެވެ.

މީގެ ހަ އަހަރު ކުރިން 2015 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ޓީމަކަށް ކުޅެވޭނީ އެ ޓީމެއް ނިސްބަތްވާ ރަށަކަށް ނޫނީ އަވަށަކަށް ރަޖިސްޓްރީވެފައިވާ ކުޅުންތެރިންނަށެވެ.

ކުރިއެކޭ އެއްގޮތަށް މިއަހަރުވެސް މާލެ އަދި ފުވައްމުލަކު ސިޓީ ފިޔަވައި ކޮންމެ ރަށަކުންވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމު މުބާރާތުގައި ބައިވެރިކުރުމަށް ފުރުސަތު ދީފައިވެއެވެ. މާލެ އާއި ފުވައްމުލަކުގެ ކޮންމެ އަވަށަކަށް ޓީމެއް ބައިވެރިކުރުމަށް ވަނީ ފުރުސަތު ދީފައެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވި ޓީމުތައް:

ޒޯން އެކެއް
ހއ. އަތޮޅު

މާރަންދޫ، ހޯރަފުށި، ބާރަށް، ދިއްދޫ، ވަށަފަރު، މުރައިދޫ، އިހަވަންދޫ، ކެލާ

ހދ. އަތޮޅު

ކުޅުދުއްފުށި، ފިނޭ، ކުމުންދޫ، ނާވައިދޫ، ނޭކުރެންދޫ، މަކުނުދޫ، ވައިކަރަދޫ، ނެއްލައިދޫ

ށ. އަތޮޅު

މިލަންދޫ، ގޮއިދޫ، ބިލެއްފަހި، މަރޮށި، ފީވައް، ކަނޑިތީމު، ކޮމަންޑޫ، ފޯކައިދޫ

ޒޯން 2
ނ. އަތޮޅު

ކުޑަފަރި

ރ. އަތޮޅު

އިނގުރައިދޫ، އިންނަމާދޫ، ދުވާފަރު

ބ. އަތޮޅު

އޭދަފުށި، ހިތާދޫ، ތުޅާދޫ

ޒޯން 3
ޅ. އަތޮޅު

ހިންނަވަރު، ކުރެންދޫ

ކ. އަތޮޅު

ގުރައިދޫ، ގާފަރު، ކާށިދޫ، ތުލުސްދޫ، މާފުށި، ހުރާ

އއ. އަތޮޅު

ބޮޑުފުޅުދޫ، ރަސްދޫ، މަތިވެރި، ފެރިދޫ

ޒޯން 4
އދ. އަތޮޅު

ފެންފުށި، އޮމަދޫ، ކުނބުރުދޫ، ހަންޏާމީދޫ، ދަނގެނތި، މާމިގިލި

މ. އަތޮޅު

ދިއްގަރު، މަޑުއްވަރި، މުލި، މުލަކު، ނާލާފުށި، ކޮޅުފުށި

ޒޯން 5
ފ. އަތޮޅު

ނިލަންދޫ، ބިލެއްދޫ، މަގޫދޫ، ފީއަލި

ދ. އަތޮޅު

ކުޑަހުވަދޫ، ބަނޑިދޫ

ތ. އަތޮޅު

ތިމަރަފުށި، ގާދިއްފުށި، ކިނބިދޫ، އޮމަދޫ، ވޭމަންޑޫ، ބުރުނި

ޒޯން 6
ލ. އަތޮޅު

ގަން، އިސްދޫ، ކަލައިދޫ، މާމެންދޫ،

ގއ. އަތޮޅު

ނިލަންދޫ، ކަނޑުހުޅުދޫ، ދާންދޫ، ކޮނޑޭ، މާމެންދޫ، ގެމަނަފުށި، ކޮލަމާފުށި، ދެއްވަދޫ

ގދ. އަތޮޅު

މަޑަވެލި، ވާދޫ، ހޯޑެއްދޫ، ގައްދޫ، ތިނަދޫ

ޒޯން 7
އައްޑޫ ސިޓީ

ފޭދޫ، މަރަދޫ

ފުވައްމުލަކު ސިޓީ

މޭލެގަން

ޒޯން 8
މާލެ

މާފަންނު، ވިލިމާލެ، ހުޅުމާލެ، ހެންވޭރު

މިމުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް ކުޅުމުގައި ބަލާނީ އެ އަތޮޅަކުން ޓީމުތައް ބައިވެރިވެފައިވާ ނިސްބަތަށެވެ. އަތޮޅު ބުރުގައި ފަސް ޓީމަށްވުރެ މަދުން ބައިވެރިވެފައިވާ އަތޮޅު ތަކުގައި ކުޅޭނީ ލީގު އުސޫލުން ނަމަވެސް، ހަ ޓީމަށްވުރެ ގިނައިން ބައިވެރިވެފައިވާނަމަ އެ އަތޮޅެއްގެ މެޗުތައް ކުޅޭނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ދެ ގުރޫޕުގެ އެއްވަނަ ވެސް ޒޯން ބުރަށް ދާއިރު، އަތޮޅު ޗެމްޕިއަން ޓީމު ހޮވަން ކުޅޭނީ ފައިނަލް މެޗެކެވެ.

އެންމެފަހުން 2019 ވަނަ އަހަރު ބޭއްވި ގޯލްޑަން ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމަކީ ތ. ތިމަރަފުއްޓެވެ. އެ ޓީމުން ފައިނަލްގައި ތަށި ނެގީ ބ. އޭދަފުށި ބަލިކޮށްގެންނެވެ. ތިމަރަފުށިން ވަނީ 2016 ވަނަ އަހަރު ވެސް މި މުބާރާތުގެ ރަށި އުފުލާލައިފައެވެ. މި މުބާރާތުގެ ތަށި އެންމެ ފުރަތަމަ އުފުލާލީ ބ. ހިތާދޫ ޓީމުންނެވެ.

ގޯލްޑަން ފުޓްސަލް މުބާރާތުގެ ކޮންމެ ބުރެއް ނިމުމުން އެ މުބާރާތެއްގެ ޗެމްޕިއަން ޓީމާއި ޓޮޕް ސްކޯރާ އަދި މޮޅު ކުޅުންތެރިޔާވެސް ހޮވާނެއެވެ. މުޅި މުބާރާތުގެ ޗެމްޕިއަން ޓީމަށް 65،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭ އިރު، ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވެއެވެ.

comment ކޮމެންޓް