ކުޑަފަރީގެ ފެނާއި ނަރުދަމާ މަޝްރޫއުގެ 75 ޕަސެންޓު ނިމިއްޖެ

އެމްޑަބްލިއުއެސްސީން ނ. ކުޑަފަރީގެ ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިއަށް ގެންދަނީ --- ފޮޓޯ/ އެމްޑަބްލިއުއެސްސީ

އެމްޑަބްލިޔުއެސްސީން ނ. ކުޑަފަރީގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމުގެ 75 ޕަސެންޓު ނިމިއްޖެއެވެ.

އެގޮތުން، މި މަޝްރޫއުގެ ދަށުން ބަހައްޓާ ފެނުގެ ނިޒާމުގައި ހިމެނޭ ފެން ޕްލާންޓް ބެހެެއްޓުމަށް އިމާރާތް ކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ އިތުރުން 8.92 ކިލޯމީޓަރު ދިގު ފެނުގެ މައި ނެޓްވޯކްގެ ހޮޅި ވަޅުލުމުގެ މަސައްކަތްތައް ވެސް ވަނީ ނިމިފައެވެ. ބޯހޯލް ތޮރުފުމުގެ މަސައްކަތާ އެކު ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތުގެ އިތުރުން ފެން ރައްކާކުރަން ބަހައްޓާ ތާނގީތަކުގެ ފައުންޑޭޝަން ވަނީ ނިމިފައެވެ.

މީގެ އިތުރުން، ފެން އުފެއްދުމަށްޓަކައި ބަހައްޓާ ދެ އާރުއޯ ޕްލާންޓު ބެހެއްޓުމުގެ މަސައްކަތާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާނގީ ބެހެއްޓުމުގެ މަސައްކަތުގެ ބޮޑު ބައެދއް ވެސް މިހާރު ވަނީ ނިމިފައި ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެ ކުންފުނިން އިތުރަށް ބުނީ ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 7.04 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކުގެ ހޮޅި ވަޅުލުމާއި ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައި ދިނުމުގެ މަަސައްކަތާއި ސީ އައުޓްފްލޯ ގާއިމް ކުރުމުގެ އިތުރުން ޕަމްޕިން ލައިން އެޅުމުގެ މަަސައްކަތުގެ 100 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށެވެ.

ހަމައެހެންމެ، ނަރުދަމާ ނިޒާމުގެ ޕަމްޕިން ސްޓޭޝަންތަކުގެ މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފައެވެ.

ފެނާއި ނަރުދަމާ ނިޒާމު ހިނގައި ބެލެހެއްޓުމަށް ބޭނުންވާ ޖެނޭރަޓު ސެޓާ، ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު މި މަޝްރޫއުގެ ދަށުން ފޯރުކޮށް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.

މި މަޝްރޫއު އަކީ މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިއުއެސްއީ އާ ހަވާލު ކޮށްގެން ކުިރއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއަށް މުޅި ޖުމްލަ 38،245،917.74 ރުފިޔާ ހަރަދުވާނެ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.

comment ކޮމެންޓް