އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ވަކި ކުރުމުގެ މަސައްކަތުގެ ތެރެއިން، މެންބަރުން ޖަވާބުދާރީ ވުމަށް ފަސް ދުވަސް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ވަނީ އޭސީސީގެ މެންބަރުން ވަކިކުރުމުގެ މަރުހަލާތައް ފަށަން ކޮމިޓީން ހުށަހަޅައިފައިވާ ކޮމިޓީ ރިޕޯޓު އިއްވައިފައެވެ. އަދި މެންބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
މިކަމާ ގުޅިގެން މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އޭސީސީގެ މެންބަރުންނަށް ޖަވާބުދާރީވާން ފުރުސަތު ދިނުމާމެދު ބަހުސްކޮށްފައެވެ.
ކޮމިޓީގެ ބައްދަލުވުމުގައި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން މުހައްމަދު (ހަސަންޓޭ) ވަނީ އޭސީސީގައި މިހާރު ތިއްބެވި މެންބަރުންނަށް ޖަވާބުދާރީވުމަށް ފުރުސަތު ދޭން ނުފެންނަ ކަމަށް ވިދާޅުވިއެވެ. ހަސަންޓޭ ވިދާޅުވީ މިހާރު ކޮމިޝަންގައި ތިއްބެވި މެންބަރުން އައްޔަންކުރެވުނު ފަހުން އެތައް ފަހަރެއްގެ މަތީން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް ކަންކަން އިސްލާހު ވެފައި ނުވާ ކަން ފާހަގަކުރެއްވިއެވެ.
"އެ ބޭފުޅުން ކޮމިޓީއަށް އައިސް ވިދާޅުވި އެއްޗަކާ އެ ބޭފުޅުން ކުރާ ކަމަކާ އަސްލު ދިމައެއް ނުވޭ، އަޅުގަނޑު ދެކޭ ގޮތުގައި ކޮމިޓީން އެ ބޭފުޅުންނާ ވަކިކުރުމަށް ކަމެއް ނުކުރިޔަސް ދައުލަތުގެ އޮޑިޓާ ޖެނެރަލް އޮފީހުން އެތަނާ ބެހޭ ގޮތުން ރިޕޯޓެއް އެކުލަވައިލައިފަ، ވަރަށް ސާފުކޮށް އެ ރިޕޯޓުގަ އެބަ ވިދާޅުވޭ ރަނގަޅަށް ކުރަން ހުރި ކަންކަން،" ހަސަންޓޭ ވިދާޅުވިއެވެ.
ރިޕޯޓުގައިވާ ކަންކަން ތަންފީޒުކުރުން އިތުރަށް ލަސްކޮށްފިނަމަ އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ހަސަންޓޭ ވިދާޅުވިއެވެ. އޭނާ ވަނީ މެންބަރުންނަށް ޖަވާބުދާރީވާން ފުރުސަތު ނުދީ، މެންބަރުން ވަކިކުރުމަށް ނިންމައި ތަޅުމަށް ފޮނުވުމަށް ހުށަހަޅައިފައެވެ.
ހަސަންޓޭގެ ހުށަހެޅުމާ ގުޅިގެން ބައެއް މެންބަރުން ވަނީ އެކަމަށް ތާއީދުކުރައްވާ ވާހަކަ ދައްކަވައިފައެވެ. ބައެއް މެންބަރުން އެކަމާ ދެކޮޅަށް ވެސް ބަހުސް ކުރައްވައިފައިވެއެވެ.
ހަމައެހެންމެ ހުށަހެޅިގެން އުޅެނީ ވަކިވަކި މެންބަރުންގެ މައްސަލަތައް ނޫން ކަމަށް ވުމުން، ޖަވާބުދާރީވާން ފުރުސަތު ނުދިނުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބައެއް މެންބަރުން ފާހަގަކޮށްފައިވެއެވެ.
ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އެއްވެސް ވަރަކަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ މެންބަރުން ވަކި ކުރުމަކީ އެންމެ އެދެވޭ ގޮތް ނޫން ކަމަށެވެ.
ކޮމިޓީގައި ކުރެވުނު ބަހުސްތަކަށްފަހު، ފާސްކުރީ ލިޔުމުން ޖަވާބުދާރީވުމަށް މެންބަރުންނަށް ފަސް ދުވަސް ދިނުމަށެވެ.
މިނިވަން މުވައްސަސާތަކުގެ ކޮމިޓީގެ ރިޕޯޓުގައި ވަނީ އޭސީސީގެ ޕާފޯމަންސް އޮޑިޓުން ފާހަގަވި ދިހަ ކަމެއް ފާހަގަކޮށްފައެވެ. ރިޕޯޓުން ވަނީ ކޮމިޝަނުން ކޮރަޕްޝަންގެ މައްސަލަތަކުގެ 61 އިންސައްތަ މައްސަލަ ތަހުގީގުކޮށް ނިމިފައިވާއިރު، ދައުވާކުރަން ފޮނުވައިފައިވަނީ އެކެއް އިންސައްތަ މައްސަލަކަން ފާހަގަކޮށްފައެވެ.
ހަމައެހެންމެ ކޮމިޝަންގައި ނުނިމި ގިނަ ދުވަސްވީ ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށްފައިވާއިރު، ތަހުގީގު ނިމުމަށްފަހު ވެސް ޕީޖީއަށް މައްސަލަތައް ފޮނުވުމުގައި ގިނަ ދުވަސްތަކެއް ހޭދަވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ތަހުގީގު ނިންމުމަށްފަހު، ޕީޖީއަށް ފޮނުވާ ގިނަ މައްސަލަތަކެއް އަނބުރާ ފޮނުވައިލާ ކަން ފާހަގަކޮށް، މިކަންކަން ހައްލުކުރެވޭނީ ކޮމިޝަންގެ މެންބަރުން ބަދަލުކޮށްގެން ކަމަށް ބުނެފައިވެއެވެ.
ރިޕޯޓުގައި ވަނީ އޭސީސީގެ މަސައްކަތްތައް އާދަޔާ ހިލާފަށް ލަސް ކަމަށާއި ދައުލަތަށް ނަގައިދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުނެގިވާ ކަމަށް ބުނެފައެވެ. އެގޮތުން މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ދައުލަށް ނަގައިދީފައިވަނީ 11 ހާސް ރުރިޔާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޭސީސީގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިބީ ތިން މެންބަރުންނެވެ. އެއީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާއާއި ނައިބު ރައީސް ފާތިމަތު އަނޫލާއާއި މެންބަރު އައިޝަތު އަބްދުﷲ އެވެ.
ކޮމިޝަންގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމާއެކު، އެ ކޮމިޝަންގެ މެންބަރު އިބްރާހިމް ޝަކީލް ވަނީ އިއްޔެ އެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފައެވެ. ޝަކީލްގެ ކުރިން، އެ ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަލީ އަޝްރަފް ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.