ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ފްރަންޓްލައިނުގައި މަސައްކަތް ކުރާ ބައެއް ސްޓާފުންނަށް އެލަވަންސް ނުލިބޭ މައްސަލައިގައި ހިމޭން އިހްތިޖާޖެއް ފަށައިފިއެވެ.
އެލަވަންސް ދިނުމަށް ސަރުކާރުން ނިންމާފައި އޮތީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮވިޑް ބަލި މީހުންނާ ދިމާވާ، ރިސްކު ބޮޑު މުވައްޒަފުންނަށް ދުވާލަކަށް 500 ރުފިޔާ، ހައި ރިސްކު މީހުންނާ ދިމާވާ ދެވަނަ ގިންތީގެ މުވައްޒަފުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެޗްއީއޯސީގައި އެހެނިހެން މަސައްކަތް ކުރާ އެންމެ ލޯ ރިސްކް މުވައްޒަފުންނަށް ދުވާލަކަށް 200 ރުފިޔާ ދޭ ގޮތަށެވެ.
އެލަވަންސް ދޭން ފަށާފައިވަނީ ރާއްޖެއިން ފުރަތަމަ ކޮވިޑް ފެނުނު ދުވަސް ކަމަށްވާ މިދިޔަ އަހަރުގެ މާޗު ހަތްވަނަ ދުވަހުން ފެށިގެންނެވެ.
ހެލްތު މިނިސްޓްރީ ކައިރިއަށް އެއްވެ އިހުތިޖާޖު ކުރަނީ: އަޑު އުފުލަމުން ދަނީ ފްރޮންޓްލައިން އެލަވެންސް ނުދޭތީ-- ފޮޓޯ: ނާއިލް ހުސައިން/ ސަން
ނަމަވެސް އަހަރެއްވެގެން ދިޔައިރު ފްރަންޓްލައިން އެލަވަންސް ނުލިބޭ ބައެއް މީހުނާއި, ގަވާއިދުން އެ އެލަވަންސް ނުލިބޭ ވަރަށް ގިނަ މީހުން އެޗްއީއޯސީގައި މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ތަނުން 'ސަން'އާ ވާހަކަދެއްކި ބައެއް މީހުން ވަނީ ބުނެފައެވެ.
އިހުތިޖާޖު ކުރަމުން އަންނަނީ ހެލްތު މިނިސްޓްރީ ކުރިމަތީގައެވެ. ހިމޭން އިހްތިޖާޖު މިއަދު ފެށީ, އެކަމާއި ގުޅުންހުރި ފަރާތްތައް ޒިންމާދާރުކުރުމުގެ ގޮތުން ކަމަށް ވެސް އެކަމުގައި އިސްކޮށް އުޅޭ ބައެއް މީހުން ވަނީ ބުނެފައެވެ.
އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެޗްއީއޯސީ އަދި ހެލްތް މިނިސްޓްރީގެ އިސް ބޭފުޅުންނާ އެކު ރަސްމީކޮށް ސިޓީ އަދި އީމެއިލްގެ ޒަރިއްޔާއިން މުއާމަލާތްކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.
"ނަމަވެސް މިފަދަ ސިޓީ އަދި އީމެއިލްތަކަށް ޖަވާބު ނުލިބި އަދި އެދެވޭ ޖަވާބެއް ނުލިބި އެތަކެއް އާދޭހަކާއި ދެންނެވުންތަކެއް ދަންނަވައިގެން ވެސް ހައްލެއް ވަނީ ނުލިބިފައި," އިހްތިޖާޖު ފަށަން ޖެހުނު ސަބަބުން ސާފުކޮށްދެއްވަމުން އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ކިޔައިދިނެވެ.
އެލަވަންސް ނުލިބި ލަސްވާ ސަބަބު ބައެއް މީހުނަށް މެސަޖަކުން ފޮނުވާފައިވާއިރު އޭގައި ބުނެފައިވަނީ އެލަވަންސް ޝީޓްތަކުގައި މައްސަަލައެއް އުޅޭ ކަމަށެވެ. ނަމަވެސް އޭގައި އުޅޭ މައްސަލައެއް ސާފުކޮށްދެވިފައި ނުވާ ކަމަށް އެ މީހުން ވަނީ ބުނެފައެވެ.
ބައެއް ސްޓާފުންނަށް އެކި މަސް މަހުގައި އެކި އަދަދުތަކުން ޖަމާވާއިރު އެކަމުގެ ތަފްސީލެއް ލިބިފައި ނުވާ ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ވަނީ ބުނެފައެވެ.
އެކަމާއި ގުޅިގެން އެޗްއީއޯސީ އަދި ހެލްތް މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.