ގޭގެ ކުއްޔަށްވާ ފައިސާ ދެއްކުމަށް ޑެޕިއުޓީ މޭޔަރު ނަރީޝްގެ މައްޗަށް ހުކުމްކޮށްފި

"މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ނަމުގައި އިދިކޮޅުން ކުރިއަށްގެންދިޔަ ހަރަކާތުގައި ނަރީޝް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ކުއްޔަށް ނެގި ދެ ކޮޓަރީގެ އެޕާޓްމެންޓަށް ދައްކަންޖެހޭ 35,365.55 ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ނަރީޝްގެ މައްޗަށް އެ ދައުވާ ކުރީ, ލ.ގަން, ތުނޑި މެކްސް, އަބްދުއްރަހްމާން އިދުރީސް ކިޔާ މީހެކެވެ. ނަރީޝްގެ މައްޗަށް އޭނާ ދައުވާ ކޮށްފައިވަނީ, މ. އީސްޓްޕިންކް ގޭގެ ފަސް ވަނަ ފަންގިފިލާގައި ހަދާފައިވާ ދެ ކޮޓަރީގެ އެޕާޓްމެންޓަށް ދައްކަން ޖެހޭ ކުލީގެ ތެރެއިން ނުލިބިވާ ފައިސާއާއި ކަރަންޓާއި ފެންބިލަށް ދައްކަންޖެހޭ 98,865.55 ރުފިޔާ އެއްފަހަރާ ހޯދުމަށެވެ. އެއީ 2017 ވަނަ އަހަރެވެ.

އެ ދައުވާއަށް ޖަވާބު ދެއްވަމުން ނަރީޝް ވިދާޅުވެފައިވަނީ, ދައުވާކުރި މީހާއަށް ދޭން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށެވެ. ނަމަވެސް ފަހުން އޭނާ ވިދާޅުވެފައިވަނީ, ދައުވާކުރި މީހާއަށް ނުދެއްކި ވަނީ 35,365.55 ރުފިޔާ ކަމަށާއި އެފައިސާ ދެއްކުމަށް ހަ މަސް ދުވަހުގެ މުހުލަތެއް ދިނުމަށް އެދޭ ކަމަށެވެ.

އެ ފައިސާ ނުދެއްކި ވަނީ ދިމާވި މާލީ ދަތިތަކެއްގެ ސަބަބުން ކަމަށް ނަރީޝް ވަނީ ކޯޓުގައި ވިދާޅުވެފައެވެ.

ނަރީޝްގެ މައްޗަށް ދައުވާ އުފުލި ފަހުން އޭނާ ވަނީ ގޭގެ ވެރިމީހާގެ އެކައުންޓަށް 35,000 ރުފިޔާ ޖަމާކޮށްފައެވެ. އަދި ޑިޕޮސިޓް ފައިސާގެ ގޮތުގައި ނަރީޝް އޮތީ މީގެ ކުރިން 28,000 ރުފިޔާ ދައްކާފައެވެ. އެހެން ކަމުން އެ ދެ އަދަދު އުނިކުރުމަށްފަހު, ނަރީޝް ދައްކަން ޖެހެނީ, 35,365.55 ރުފިޔާއެވެ.

މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަދި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ނަރީޝް ވަނީ ކުރީ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުކަމާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޕަބްލިކް ރިލޭޝަންސް އެންޑް އިވެންޓް މެނޭޖަރު ކަމުގެ މަގާމު އަދާކުރައްވާފައެވެ.

comment ކޮމެންޓް