ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތާއި ރ. ފައިނުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
އެ މަސައްކަތްތައް ކުރިއަށްގެންދިޔަ އެމްޓީސީސީން ބުނީ، ފެހެންދޫ ބަނދަރުގެ މަސައްކަތް ނިމިފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ފެހެންދޫ ބަނދަރު އަދި ނެރު ފުންކުރުމާއެކު 130 މީޓަރު ބޭރުތޮށި ލައި، 214 މީޓަރު އެއްގަމު ތޮށި ވަނީ ލައިފައެވެ.
އޭގެ އިތުރުން މި މަޝްރޫއުގައި ހިމެނުނީ 317 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި ބަނދަރު ސަރަހައްދުގައި 908 އަކަމީޓަރު ޕޭވްމެންޓް ހެދުމާއި، ރޭމްޕެއް ހެދުމުގެ މަސައްކަތެވެ.
ހަމައެއާއެކު ފެހެންދޫ ބަނދަރާއި ރަށާ ގުޅާލުމަށް 812 އަކަމީޓަރުގެ ވޯކްވޭ ބްރިޖެއް ހެދުމުގެ އިތުރުން ނެރު ބައްތި ހަރުކުރުމާއި، ސެޓުލްމަންޓް ޓޭންކު ހެދުމުގެ މަސައްކަތްވަނީ ފުރިހަމަކޮށް ނިންމާލާފައެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ އަގަކީ 45.1 މިލިއަން ރުފިޔާއެވެ.
މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ނޮވެމްބަރު 10، 2019ގަ އެވެ.
ފައިނުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިމިފައި ވަނީ މިދިޔަ އާދީއްތަ ދުވަހެވެ. ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ އަގަކީ 8.9 މިލިއަން ރުފިޔާއެވެ.
މި މަޝްރޫގެ ދަށުން ފައިނުގައި 8،100 ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަހައްދަށް އެޅުމާއި، ރަށްގިރުމުން ރައްކާތެރިކޮށްދިނުމުގެ ގޮތުން 250 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފުރިހަމަކޮށްފައިވާ ކަމަށް އެމްޓިސީސީން ބުންޏެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމުމަށްފަހު، އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން، ފައިނުގެ ދޯނި އެހެލާ ސަރަހައްދު ލެވެލްކުރުމުގެ އިތުރުން ރަށުގެ އެކި ސަރަހައްދުތަކާއި މަގުތައް ސާފުކޮށް އަދި މަގުތަކަށް ވެލިއަޅައި އެއްވަރު ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
މިވަގުތު އެމްޓީސީސީގެ 62 މަޝްރޫއުގެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދެއެވެ.