ނޫސްވެރިކަން ކުރިއެރުވުމަށް ހުރިހާ ސިޔާސަތެއް ގެނައީ އެމްޑީޕީން: މަބްރޫކް

މާޗް 27، 2020: ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ނޫސްވެރިންތަކަކާއެކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ނޫސްވެރިކަން ކުރިއެރުވުމަށް މިހާތަނަށް ގެނެސްފައިވާ ހުރިހާ ސިޔާސަތެއް ވެސް ގެނެސްފައިވަނީ އެމްޑީޕީ ސަރުކާރުގައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ނެތް ކަމަށާއި ރަނގަޅުގޮތުގައި ނޫސްވެރިކަން ކުރަނީ އެންމެ ދެ ނޫހުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވުމާ ގުޅިގެންނެވެ. ހަމައެހެންމެ ބޭރުގެ އެމްބަސީތަކުން ނޫސްތަކަށް ރިޝްވަތު ދޭ ކަމަށް ވެސް ޔާމީން ވަނީ ތުހުމަތުކުރައްވައިފައެވެ.

މިކަމާ ގުޅިގެން ދައުލަތުގެ މީޑިއާ "ޕީއެސްއެމް ނިއުސް"އަށް ދެއްވި އިންޓަވިއުއެއްގައި މަބްރޫކް ވިދާޅުވީ އިދިކޮޅުން ވެރިކަމުގައި އޮތް އިރު ވެސް އެ ފަރާތްތަކަށް ފާޑު ކިޔާ ނޫސްތަކަކަކީ ގާބިލް ބައެއްގެ ގޮތުގައި ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އަދި މިއަދު ވެސް ފެނިގެންދަނީ އެފަދަ މަންޒަރުތަކެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އެ ބޭފުޅުންނަށް ސަނާ ކިޔާ ނޫހެއް ނޫނީ، މުޅިން ހެން އެއްކޮޅަށް ލިޔާ ބައެއް ނޫނިއްޔާ، އެއްވެސް ވަރެއްގެ ކްރިޓިޒަމެއް ހުރި ބައެއް ކަމަށް ވެއްޖެއްޔާ ގަބޫލު ކުރައްވަން ބޭނުމެއް ނުވޭ،" މަބްރޫކް ވިދާޅުވިއެވެ.

"ހަމަ މުޅިން ވެސް ވިދާޅުވަނީ ކޮންމެވެސް އެހެން މޯޓިވް އެއް އޮވެގެން، ހަމަ އެ ވިސްނުމުގަ ވެރިކަމުގެ ފަސް އަހަރު ވެސް ހޭދަކުރެއްވީ،"

މަބްރޫކް ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި ސަރުކާރަށް ފާޑުކިޔަމުން އައި ނޫސްތައް ބަންދުކޮށް، އެކިއެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރަމުން ދިޔަ ކަމަށެވެ. އަދި ފާޑުކިޔާ ބައެއް ސޯޝަލް މީޑިއާ އެކްޓިވިސްޓުން ވެސް ބަންދު ކުރާ ހިސާބަށް ކަންކަން ދިޔަ ކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

އެއިރުގެ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ނޫސްވެރިން ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓި، ނޫސްވެރިކަމަށް ޒުވާނުން އޮތް ޝައުގުވެސް ކުޑަވެގެން ދިޔަ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެކަންކަމަށް ބަދަލު ގެނައީ މިހާރުގެ ސަރުކާރުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އެއީ ޖާނަލިޒަމްގެ ކަންކަން ރާއްޖޭގަ ގޮސްފައި އޮތް ހިސާބު، މުޅީން ބިރުވެރިކަމެއްގެ ތެރޭގައި، ޖާނަލިޒަމް ކުރިއެރުވުމަށް، ނޫސްވެރިކަން ކުރިއެރުވުމަށް ކޮންމެ ސިޔާސަތަކީ ވެސް ހަމަ އެމްޑީޕީގެ ފަރާތުން މިހާތަނަށް ކޮށްފަ ހުރި މަސައްކަތްތަކުގެ ސަބަބުން، އެއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވިޔަސް ލިޔުންތެރިންނަށް ދޭން ޖެހޭ ރައްކާތެރިކަން ކަމަށް ވިޔަސް،" މަބްރޫކް ވިދާޅުވިއެވެ.

އެކަން ފާހަގަކުރައްވާ މަބްރޫކް އިތުރަށް ވިދާޅުވީ ކުރީގެ ސަރުކާރުގައި ރާއްޖޭގެ ޕްރެސް ފްރީޑަމް އިންޑެކްސް ދުވަހަކު ނުވެއްޓޭ ހިސާބަށް ދަށްވެގެން ދިޔަ ކަމަށެވެ. އެގޮތުން އެއިރު އިންޑެކްސް 120 އަށް ވެއްޓިގެން ދިޔައިރު، މި ސަރުކާރު އައި ފަހުން 48 ދަރަޖަ ކުރިއަރައި ގޮސްފައިވާ ކަމަށާއި މިއީ ނޫސްވެރިކަން މިނިވަންވެފައިވާ މިންވަރުގެ ހެއްކެއްގެ ގޮތުގައި މަބްރޫކް ސިފަކުރެއްވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ މިހާރު ވެސް ގިނަ މަސައްކަތްތަކެއް އެކަމަށް ޓަކައި ކުރެވިފައިވާ ކަމަށާއި އިތުރަށް ވެސް ދާއިރާ ރަނގަޅު ކުރެވޭނެ ކަންކަން ހުރި ކަމަށެވެ. އެގޮތުން ސެލްފް ފަންޑެޑް މީޑިއާތައް އުފައްދައި، އެހެން މީހުންގެ ފައިސާއަށް ބަރޯސާ ނުވާނެ ފަދަ ޕްލޭނެއް ނޫސްވެރިކަމުގެ ދާއިރާއަށް ބޭނުންވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

comment ކޮމެންޓް