ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވެއްޖެ

ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވެއްޖެއެވެ.

ށ. ފޯކައިދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ސަލީމް "ސަން"އަށް ވިދާޅުވީ ހުސައިން ވަހީދު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މިރޭ 1:25 ހާއިރު ކަމަށެވެ.

ހުސައިން ވަހީދު ވަހީދު ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާތާ ގާތްގަނޑަކަށް އަހަރެއްވެއްޖެއެވެ.

އަވަހާރަވިއިރު، އަނތްބަކާއި ތިން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ. އެއީ ފިރިހެން ބޭފުޅަކާއި އަންހެން ދެ ބޭފުޅުންނެވެ.

ފޯކައިދުއަށް ނިސްބަތްވެވަޑައިގަންނަވާ ހުސައިން ވަހީދު އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އަދި ދެވަނަ ދައުރަކަށް މަޖިލީހަށް އިންތިޚާބުވެވަޑައިގަތީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައެވެ.

އޭނާ އަކީ ފުޅާދާއިރާއެއްގައި ރާއްޖޭގައި ވިޔަފާރި ކުރައްވާ ބޭފުޅެކެވެ. އެގޮތުން ލަކުޑީގެ ވިޔަފާރިކުރާ ޓިމްބާ ހައުސް އަކީ ހުސައިން ވަހީދުގެ ތަނެކެވެ. އަދި ޔުނައިޓެޑް ފުޑް ސަޕްލައިއަކީވެސް އޭނާގެ ވިޔަފާރިއެކެވެ.

comment ކޮމެންޓް