ސިޔާސީ މަޝްރަހު ހަލަބޮލިވުމުން ތަރައްގީގެ މަޝްރޫއުތަކަށް އަސަރު ކުރޭ: އަސްލަމް

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް އިފްތިތާހު ކުރުމަށް ފުވައްމުލަކުގައި ރޭ ބޭއްވި ޖަލްސާގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ސިޔާސީ މަޝްރަހު ހަލަބޮލިވުމުން ތަރައްގީގެ މަޝްރޫއުތަކަށް އަސަރު ކުރާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް އިފްތިތާހު ކުރުމަށް އެ ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ، ޔޫރަޕުގެ ގައުމުތަކުން ގައުމަތަކަށް އެހީތެރިކަން ފޯރުކޮށްދޭ އިރު ނުވަތަ އެގައުމުތަކުގައި އިންވެސްޓުކުރާ އިރު އެމީހުންގެ ސިޔާސީ މަޝަރަހަށް ވަރަށް ބޮޑަށް ބަލާ ކަމަށެވެ.

އަސްލަމް ވިދާޅުވީ އެކަން އޭނާއަށް ފާހަގަ ކުރެވުނީ، ރޭގެ ރަސްމިއްޔާތުގެ ކުރިން ނެދަލޭންޑްސްގެ ސަފީރު ޓާންޔާ ގޮންގްރިޖްއާ ބައްދަލު ކުރެއްވުމުން ކަމަށެވެ.

ފުވައްމުލައް ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރަނީ -- ފޮޓޯ/ ރައީސް އޮފީސް

"މިފަދަ ބޮޑެތި މަޝްރޫއުތައް ހިންގުމުގައި، ހާއްސަކޮށް ޔޫރަޕުގެ ގައުމުތަކުގައި ވަރަށް ބޮޑަށް ބަލަން ޖެހޭ ކަންތައްތައް ހުންނަ ކަމަށް. އެގޮތުން، އެމީހުން އެކުރާ އިންވެސްޓްމެންޓަކީ ނުވަތަ ދޭ އެހީއަކީ ރައްޔިތުންނަށް އެންމެ ނަފާ ހުރި ގޮތަށް ކުރެވޭ މަސައްކަތެއް ތޯ އާއި ތިމާވެށީގެ ގޮތުން ރަނގަޅު ކަމަކަށް ވެސް އެކަން ވާން ޖެހޭ. އަދި ބައެއް ހާލަތްތަކުގައި އެ ގައުމެއްގެ ސިޔާސީ މަޝްރަހު އޮންނަ ގޮތް އެއީ ވަރަށް ބޮޑަށް އެމީހުން ކޮންސިޑާ ކުރާ ކަމެއް،"އަސްލަމް ވިދާޅުވިއެވެ.

އެހެންކަމުން، 2012 އަހަރުން ފެށިގެން ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލި ވުމާ ގުޅިގެން ޔޫރަޕުގެ ގައުމުތަކުން ބަލައި ނުގަންނަ ފަދަ ޒާތުގެ ކަންކަން އެ ދުވަސްވަރު ހިނގައި ދިއުން ވީ ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ލަސްވި ކަމެއްގެ ގޮތުގައި އަސްލަމް ސިފަ ކުރެއްވިއެވެ.

"އެ ދުވަސްވަރު ރާއްޖޭގައި ހިނގައި ދިޔަ ޔޫރަޕުގެ ގައުމުތަކުން ބަލައި ނުގަންނަ ޒާތުގެ ކަންކަން. އޭރުވެސް އަޅުގަނޑަށް ގަބޫލު ކުރެވުނު ޔޫރަޕުގެ ގައުމުތަކުން ރާއްޖެއަށް ދޭ އެހީތަށް ދިނުމުގައި އެމީހުން ފަހަތު ފަޔަށް ބުރަ ވާނެ ކަމަށް،" އަސްލަމް ވިދާޅުވިއެވެ.

އެފަދަ ކަންކަމަކީ އޭގެ ޒާތުގައި ދިވެހީންނަށް ގެއްލުން ހުރި ކަންތައްތަކަށް ވެދާނެ ކަމަށް އެއިރު ވިސްނުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ދިހަ ވަރަކަށް އަހަރު މިކަމަށް ވެގެން ދިޔަ ދިޔުމުގެ އެއް ސަބަބު އެއީ. މި ޒާތު ކަންކަމަކީ މުސްތަގުބަލުގައި އަޅުގަނޑުމެންނަށް ވާނެ ގޮތަކާ މެދު ވިސްނާލަން ޖެހޭފަދަ ކަންކަން،" އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގައި ޑިމޮކްރެޓިކް ނިޒާމެއްގެ ދަށުން ވެރިކަން ހިންގުން މުހިންމު ކަމަށާއި އޭރުން ބޭރު ގައުމުތަކުން ލިބޭ އެހީތައް ލިބުމުގެ ކަންކަން ބާރު ސްޕީޑުގައި ކުރިއަށް ދާނެ ކަމަށެވެ. އަދި މިއީ ދިވެހީން އަބަދުވެސް ދަމަހައްޓަން ޖެހޭ އާދައަކަށް ހަދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް، މިނިސްޓަރު އަސްލަމާއި ނެދަލޭންޑްސްގެ ސަފީރު އިފްތިތާހުކޮށްދެއްވަނީ -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

"ރާއްޖެއަކީ މިހާރު އެންމެ ފަގީރު ގައުމުތަކުގެ ލިސްޓުން ކެނޑި، ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ލިސްޓުގައި އޮތް ގައުމެއް. މީގެން ވެސް ދޭހަ ކޮށްދެނީ އަޅުގަނޑުމެންގެ ތަރައްގީގެ މިންވަރު ގޮސްފައި އޮތް ހިސާބު. އަދި މިވަރަކުން ނުވެސް ނިމޭނެ. ތަރައްގީވެފައި އޮތް ގައުމަކަށް އަޅުގަނޑުމެން ވަންދެން އަޅުގަނޑުމެންގެ ރަށްތަކުގައި މަޝްރޫއުތައް ކުރިއަށް ދާނެ. އެތައް ޒަމާނެއް ވަންދެން ވެސް ކުރިއަށް ދާނެ،" އަސްލަމް ވިދާޅުވިއެވެ.

ފުވައްމުލަކަކީ ކުރިން ރާއްޖޭގައި އޮތް އެންމެ އެކަހެރި ރަށްކަން ފާހަގަ ކުރައްވަމުން އަސްލަމް ވިދާޅުވީ، ލަފާ ފުރުމުގެ ދަތިކަމުގެ ސަބަބުން މީގެ ކުރިން އެ ރަށުން އެތައް ބަޔެއްގެ ފުރާނާ ގެއްލިފައިވާ ކަމަށެވެ.

"އެތަށް ޒަމާންތަކެއް ވަންދެން ފުވައްމުލަކުގެ ރައްޔިތުން ދެކެމުން އައި ހުވަފެނެއް ރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން ރައްކާތެރިކަމާ އެކު ލަފާ ފުރޭނެ ގޮތެއް މި ރަށުގަވެސް އޮތުން. އެ މަަސައްކަތް 2000ގެ ކުރީކޮޅު ފެށިގެން ދިޔަ 2003ވަނަ އަހަރު ނިމިގެން ދިޔަ އެ މަސައްކަތުގައި ވަރަށް ބޮޑަށް އުޅެވުނު އަޅުގަނޑަށް ވެސް. އެއާ އެކު މުޅި ފުވައްމުލައް ބަދަލު ވެގެން ދިޔަ،" އޭނާ ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ ފުވައްމުލަކުގައި މިހާރު ބާރު ސްޕީޑުގައި ކުރިއަށް ދާ ތާރަ އެޅުމުގެ މަސައްކަތް ވެސް އަންނަ އަހަރުގެ މާޗު މަހުގެ ކުރީ ކޮޅު ނިންމާލެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި ރޭ އިފްތިތާހު ކުރި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް 600 ދުވަހުގެ ތެރޭގައި ނިންމާލާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ފުވައްމުލަކު ރައްޔިތުންނަށް އަރުވާފައެވެ.

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް އިފްތިތާހު ކުރުމަށް ފުވައްމުލަކުގައި ރޭ ބޭއްވި ޖަލްސާގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ހަމައެއާއެކު، މިއީ ދިވެހި ސަރުކާރުން މިއަދު ރައްޖޭގެ އުމްރާނީ ތަރައްގީއަށް ބައިވަރު މަސައްކަތް ކުރަމުން ދާ ކަމުގެ ހެއްކެއް ކަމާއި މި ވަގުތު ވެސް ޕްލޭނިން މިނިސްޓްރީގައި 234 މަޝްރޫއެއްގެ އަމަލީ މަަސައްކަތުގެ ކޮންޓްރެކްޓުގެ މަސަައްކަތްތައް ކުރިއަށް ދާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

"ހަމަ އެކަނި ފެނާއި ނަރުދަމާގެ ނިޒާމު 117 މަޝްރޫއެއް، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްތުގެ އިތުރުން 16 ރަށެއްގެ ބިން ހިއްކުމާއި ތިން ރަށެއްގެ އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރިއަށް އެބަ ދޭ. ބާވީސް ރަށެއްގެ މަގު ހެދުމުގެ މަސައްކަތާއި 48 ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން އެބަ ގެންދޭ. އަދިވެސް އިތުރު މަސައްކަތްތައް ހަމަ ބާރަށް ކުރިއަށް ދޭ އެބަ،" އަސްލަމް ވިދާޅުވިއެވެ.

ނަމަވެސް ރާއްޖޭގެ ތަރައްގީގައި ދާން އޮތް ރާސްތާ އަދިވެސް ވަރަށް ދިގު ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެންމެން އެކީގަ މިކުރާ މަަސައްކަތުގައި ކުރިމަގުގައި އޮތް ރާސްތާ ވެސް ފަސޭހަކަމާ އެކު ކުރިއަށް ދެވޭނެ އެހެން ނަމަވެސް މާޒީގައި ވެފައި ހުރި ކަންތައްތައް ވެސް ބަަލައިގަންނަން ޖެހޭނެ. އަދި ވީ ކަންތައްތަކުގެ ގޮތުގައިވެސް ދެެކެން ޖެހޭނެ. އެކާމިޔާބުވެސް ހޯދުނުކަން ގަބޫލު ކުރަން ޖެހޭނެ. މާޒީގެ ކަންތަތަކުގެ ކާމިޔާބު ގަބޫލު ކޮށްގެން އަޅުގަނޑުމެންގެ މުސްތަގުބަލަށް އަޅުގަނޑުމެންނަށް އުންމީދެއް ކުރެވޭނީ،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް