އަމިއްލަ ރައްޔިތުން ޝަރީޢަތަކާނުލައި މެރުމަށް އެމެރިކާ ހިންގާ ޕްލޭން އެޤައުމުން ދިފާޢުކޮށްފި

ވޮޝިންގޓަން (މާޗް 6): އެމެރިކާއާ ދެކޮޅަށް ޓެރަރިޒަމްގެ ޙަރަކާތްތައް ހިންގާ ކަމަށް ޝައްކުކުރެވޭ އެމެރިކާ ރައްޔިތުން ޤައުމުން ބޭރުގައި ޝަރީޢަތަކާނުލާ މެރުމަށް އެމެރިކާ ސަރުކާރުން ހިންގާ ހަރުކަށި ޕްލޭން އެޤައުމުން ދިފާޢުކޮށްފި އެވެ.

އެމެރިކާގެ އެޓަރނީ ޖެނެރަލް އެރިކް ހޯލްޑާ މިކަން ދިފާޢު ކުރައްވަމުން އިއްޔެ ވިދާޅުވީ ޓެރަރިޒަމްގެ ބިރުވެރިކަމުގައި އެމެރިކާ ރައްޔިތުންނަށް ނޫޅެވޭނެ ކަމަށާއި އަލްޤާއިދާއާގުޅިގެން އެމެރިކާއަށް ޙަމަލާދޭން ރާވަނީ އެމެރިކާ ރައްޔިތުން ކަމަށްވިޔަސް އެފަދަ ޓެރަރިސްޓުން މެރުމަކީ އެމެރިކާގެ ދަސްތޫރުގެ ރޫޙާ ޚިލާފް ކަމެއް ކަމަށް ބެލެވެން ނެތްކަމުގައެވެ.

އެރިކް މިހެން ވިދާޅުވީ އެމެރިކާއާ ދެކޮޅަށް ޓެރަރިޒަމްގެ ޢަމަލުތައް ހިންގާ ކަމަށް ޝައްކުކުރެވޭ އެމެރިކާ ރައްޔިތުން ޤައުމުން ބޭރުގައި ޝަރީޢަތަކާނުލާ މެރުމަށް އެމެރިކާ ސަރުކާރުން ހިންގާ ޕްލޭނަކީ އެމެރިކާގެ ދަސްތޫރާ ޚިލާފު ޣައިރު ޤާނޫނީ ޢަމަލެއް ކަމަށް އެމެރިކާގެ ސިވިލް ލިބަރޓީސް ޔުނިޔަންއިން ސިފަކުރުމާ ގުޅިގެންނެވެ.

އެމެރިކާގެ ސިވިލް ލިބަރޓީސް ޔުނިޔަން އިން ބުނީ އެމެރިކާ ސަރުކާރުން ޝަރީއަތަކާނުލައި އަމިއްލަ ރައްޔިތުން މަރަންފަށައިފި ނަމަ މިކަން ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ މިންގަނޑުން ބޭރުވުމުގެ އިތުރުން ކުށެއްނެތް މީހުން ވެސް މިކަމުގެ ޝިކާރައަކަށްވުމުގެ ބިރު އެބައޮތް ކަމުގަ އެވެ.

އެމެރިކާއިން ވަނީ އަލްޤާޢިދާއާ ގުޅިގެން އެމެރިކާ އަށް ޓެރަރިސްޓް ޙަމަލާތައް ދޭން ރާވާފައިވާ ކަމަށްބުނެ ޔަމަން ދަރިކޮޅުގެ އެމެރިކާގެ ރައްޔިތެއް ކަމަށްވާ އަންވަރުލްޢަވްލަޤީ މިދިޔަ އަހަރުގެ ފަހުކޮޅު ޔަމަންގައި މަރާލާފަ އެވެ. ޢަވްލަޤީގެ އިތުރުން ވެސް ވައިގެ މަގުން ޙަމަލާދީ އަމިއްލަ ޤައުމުގެ ބައެއް ރައްޔިތުން އެމެރިކާއިން މަރާފައިވެ އެވެ. (ނޫސްއެޖެންސީތައް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު