ޝައިޚް ފަރީދުގެ ދަރުހުން: މަރަށް ތައްޔާރުވެ ދީން ހިމާޔަތްކުރަންޖެހޭ

ޝެއިހް އިބްރާހިމް ފަރީދު ދެއްވި ދަރުހުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ގިޔާމަތުގެ އަލާމަތްތައް ފާޅުވަމުން އަންނަ އިރު މަރަށް ތައްޔާރުވެވިފައިވަނީ ކިހާ މިންވަރަކަށް ކަމާމެދު ކޮންމެ މީހެއް ވެސް ސުވާލުކުރަންޖެހޭކަމަށް އައްްޝެއިހް އިބްރާހިމް ފަރީދު އަހްމަދު ވިދާޅުވެއްޖެއެވެ.

ރޭ ވިލިމާލޭގައި އޮތް ދަރުސްގައި ޝެއިހް ފަރީދުވަނީ ދުނިޔެއަކީ ވަގުތީ މަންޒިލެއްކަމާއި ގިނަ ކުރަންވީ އާހިރަތުގައި ފައިދާކުރަނިވި ހެޔޮ އަމަލުތައްކަމަށް ވިދާޅުވެ ނަސޭހަތްތެރިވެފައެވެ.

ދަރުސްގައި ޝެއިހް ފަރީދު ވަނީ ދީން ހިމާޔަތްކުރުމަށް ޓަކައި މަސައްކަތްކުރުމަށް ގޮވައިލައްވާފައެވެ. އަދި ދީނުގެ ދައުވަތު ފެތުރުމަށް ޓަކައި ކުރިއަށް ވުރެން ބޮޑަށް މިހާރު މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އެއާއެކު އެ ކަންކުރުމަށް ޓަކައި އެންމެ ފުރަތަމަ އިސްލާހުކުރަންވީ އަމިއްލަ މީހާގެ ނަފްސުކަމަށް ފަރީދު ވިދާާޅުވިއެވެ. އަދި އެ މީހެއްގެ އާއިލާ މީހުންނަށް ރަނގަޅު މަގު ދައްކައިދިނުމަށްފަހު ދެން މަސައްކަތްކުރަންވީ އުންމަތަށް ހެޔޮ މަގު ދައްކައިދިނުމަށްކަމަށް ވެސް ފަރީދު ވިދާޅުވިއެވެ.

ހަމައެއާއެކު ދީން ހިމާޔަތްކޮށް ދީނުގެ ދައުވަތު ފެތުރުމަކީ ނަބީންނާއި ރަސޫލު ބޭކަލުންގެ މަސައްކަތްޕުޅުކަމަށް ވެސް ފަރީދުވަނީ ވިދާޅުވެފައެވެ.

"ދުނިޔެއަކީ ފަނާވެދަނިވި ތަނެއް. ވަރަށް ގިނަ މީހުން އެ މީހުން ދުނިޔެއަށް އައުމުން އެ މީހުން ހީކުރަނީ ތިމަންނަމެން މި ދުނިޔެއަށް ފޮނުއްވުނީ މަސައްކަތްކޮށްގެން ލާރި ހޯދައިގެން، މީރު ކާ އެއްޗިއްސާއި ބޯ އެއްޗިއްސާއި، ރީތިހާ ފޭރާމަކާ އަދި ހަމަ އެހެންމެ އަގު ބޮޑެތި އެންމެހާ ރީތި ލަގްޒަރީ އެޕާޓްމަންޓްތަކުގައި ދިރިއުޅުމަށް ޓަކައި މަސައްކަތް ކުރުމޭ އޮތީ. ރުފިޔާ ހޯދުމޭ އޮތީ އެހެންވީމާ އަޅުގަނޑުމެންނަށް ނަމާދެއް ނުކުރެވޭ. އަޅުގަނޑުމެން ހެޔޮ ކަންތައްތައް ދޫކޮށްލަނީ. ނުބައި ކަންތައްތަކުގެ ތެރެއަށް ވަދެވެނީ މިހެންވެ،" ޝެއިހް ވިދާޅުވިއެވެ.

ޑިސެމްބަރު 10، 2021: ޝެއިހް އިބްރާހިމް ފަރީދު ދެއްވި ދަރުހުގެ ތެރެއިން ---

ޝެއިހް ވިދާޅުވީ ނަމާދުތައް ދޫކޮށްލެވެނީ ގާފިލްކަމުގެ ސަބަބުންކަމަށެވެ. އަދި އެންމެ ނަމާދެއްް ދޫކޮށްލުމަކީ ވެސް ބޮޑުވެގެންވާ އަބާއްޖަވެރިކަމެއްގެ ތެރެއަށް ވެއްޓޭ ކަމެއްކަމަށެވެ. އަދި އެއާއެކު ދުނިޔެއަކީ ވަގުތީ މަންޒިލެއްކަމަށާއި ދާއިމީ މަންޒިލަކީ ގިޔާމަތްކަމަށް ވިދާޅުވިއެވެ. އަދި ގިޔާމަތުގައި ހާސިލްކުރަން ކޮންމެ މީހަކު ވެސް ބޭނުންވަނީ ސުވަރުގެކަމަށް ވިދާޅުވިއެވެ.

ރޭ އޮތް ޝައިހް ފަރީދުގެ ދަރުސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލައްވައިފައިވަނީ ގިޔާމާތުގެ އަލާމަތްތަކަށެވެ.

"ރަސޫލުﷲ ޞަލައްﷲ އަލައިހިވަސައްލަމް ހަދީސްކުރައްވަނީ، ހަމަ ކަށަވަރުން ގިޔާމަތެއް ނުވާނޭ 10 ކަމެއް ފާޅުވެއްޖެއުމަށް ދާންދެން. މަޝްރިގް ފަރާތުން ބިންގަނޑު ކަނޑައިގެން އަޑިއަށް ބަޔަކު ގެންބެވުމެވެ. އަދި މަގްރިބް ފަރާތުން ބިންގަޑު ކަނޑައިގެން ބިންގަނޑު އަޑިއަށް ގެންބެވުމޭ. އަދި އަރަބިންގެ ޖަޒީރާގައި ބިންގަނޑު ކަނޑައިގެން އަޑިއަށް ގެންބެވުމޭ. އަދި ދުންގަނޑެއް ފާޅުވުމެވެ. އަދި ދައްޖާލު ފާޅުވުމެވެ. އަދި ބިމުގެ ދާއްބަ ނިކުތުމެވެ. އަދި ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ނިކުތުމެވެ. އަދި އިރު އޭގެ ހުޅަނގު ފަރާތުން އެރުމެވެ. އަދި މަރިޔަމް ގެފާނުންގެ ދަރިކަލުން އީސާ އަލައިހިއްސަލާމް، އެކަލޭގެފާނުން ފައިބައިވަޑައިގަތުމޭ" ފަރީދު ވިދާޅުވިިއެވެ.

އެއާއެކު ދަރުހުގެ ތެރޭ ތަފްސީލީ ގޮތެއްގައި އެ ކަންކަމުގެ މައްޗަށް ޝެއިހް ފަރީދު އަލިއަޅުއްވައިލެއްވިއެވެ.

މީގެ އިތުރުން ވެސް މިހާރު މީހުންގެ ދިރިއުޅުމާއި އަދަބު އަޚްލާގުގެ އިތުރުން ސުލޫކަށް ވެސް ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަން ފާހަގަކުރައްވައި ފަރީދު އިތުރަށް ވިދާޅުވީ ދީން ހިމާޔަތް ކުރާން އަހަރެމެން އެންމެން ނިކުންނަންވީ ވަގުތު ޖެހިއްޖެ ކަމަށެވެ.

ރޭ ވިލިމާލޭގައި އޮތް ދަރުސް އަޑުއެހުމަށް ޓަކައި ގިނަ އަދަދެއްގެ ޒުވާނުންވަނީ ބައިވެރިވެފައެވެ. އެ ދަރުހަކީ ވިލިމާލޭގެ ޒުވާނުންގެ އެދުމުގެ މަތީން، ހެޔޮ އެދޭ ގިނަ ބައެއްގެ އެހީތެރިކަމާއެކު ބޭއްވި ދަރުހެއްކަމަށް ފަރީދުވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް