މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން އަލީ ފަޔާޒާއި ދީނާ ހޯދައިފި

ގައުމީ ބިލިއާޑް މުބާރާތުގެ މިކްސް ޑަބްލްސް ޗެމްޕިއަންކަން ހޯދި އަލީ ފަޔާޒާއި ދީނާގެ ޕެއާ — ފޮޓޯ: އެމްޕީބީއޭ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގެ މިކްސް ޑަބްލްސްގެ ޗެމްޕިއަންކަން އަލީ ފަޔާޒާއި ދީނާ އަހުމަދުގެ ޕެއާ ހޯދައިފިއެވެ.

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްދާ އެ މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން އަލީ ފަޔާޒާއި ދީނާގެ ޕެއާ ހޯދީ ރޭ ކުޅުނު އެ އިވެންޓުގެ ފައިނަލުން މޮޅުވެގެންނެވެ.

ފައިނަލުގައި އަލީ ފަޔާޒާއި ދީނާގެ ޕެއާ ވާދަކުރީ މުހައްމަދު ޝަރީފާއި ފަޒްނާ މޫސާގެ ޕެއާއާ އެވެ. އެ މެޗުގައި ޝަރީފާއި ފަޒްނާގެ ޕެއާ އަތުން އަލީ ފަޔާޒާއި ދީނާގެ ޕެއާ މޮޅުވީ 7-4 ފްރޭމުންނެވެ.

އެ މުބާރާތުގެ ޓީމު އިވެންޓުގެ މެޗުތަކެއް ވެސް ރޭ ފެށުނެވެ. ރޭގެ މެޗުގައި ދިވެހި ސިފައިންގެ ކްލަބާ ވާދަކޮށް 4-1 ގޭމުން ކްލަބު އީގަލްސް ވަނީ މޮޅުވެފައެވެ. އަދި އަނެއް މެޗުގައި ބީޖީ ސްޕޯޓްސް ކްލަބާ ވާދަކޮށް ކަސްޓަމްސް ރެކްރިއޭޝަން ކްލަބުން މެޗު ކާމިޔާބުކުރީ 3-2 ގޭމުންނެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ 16ގެ ނިޔަލަށް ކުރިއަށްގެންދާ "ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް 2021"ގައި ހަ އިވެންޓެއް ކުރިއަށްދާނެއެވެ. އެއީ ޓީމު އިވެންޓާއި ފިރިހެން ފުރަތަމަ ޑިވިޝަނާއި ފިރިހެން ދެވަނަ ޑިވިޝަނާއި އަންހެން ޑިވިޝަނާއި ޑަބަލްސް އިވެންޓް އަދި މިކްސް ޑަބަލްސްއެވެ.

މުބާރާތުގެ ޓީމު އިވެންޓުގައި ފަސް ކްލަބަކުން ވާދަކުރެއެވެ. އެއީ ކްލަބު އީގަލްސް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި ބީޖީ ސްޕޯޓްސް އާއި މާޒިޔާ ސްޕޯޓްސް އަދި ދިވެހި ސިފައިންގެ ކްލަބެވެ.

އެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި 32 ކުޅުންތެރިޔަކު ވާދަކުރާ އިރު، ފިރިހެން ދެވަނަ ޑިވިޝަންގައި 43 ކުޅުންތެރިޔަކު ވާދަކުރެއެވެ. އަންހެން ޑިވިޝަންގައި 11 ކުޅުންތެރިޔަކު ވާދަކުރެއެވެ. ޑަބަލްސް އިވެންޓުގައި 43 ޓީމަކުން ވާދަކުރާ އިރު، މިކްސް ޑަބްލްސްގައި 13 ޓީމަކުން ވާދަކުރެއެވެ.

comment ކޮމެންޓް